ޔުނައިޓެޑް އަނދަވަޅަކަށް ވައްޓާލުމަށްފަހު ލިވަޕޫލް އަލުން ތަހުތައް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އަލުން ތާވަލުގެ އެއް ވަނައަށް އަރައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 3-1 އިންނެވެ. މުޅި މެޗުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީވެސް ލިވަޕޫލުންނެވެ.
މި މޮޅާއެކު ލިވަޕޫލަށް އެއް ވަނަ ލިބެނީ ކުޅުނު 17 މެޗުން 45 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 44 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި 39 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ތާވަލުގެ ހަތަރު ވަނައިގައި 37 ޕޮއިންޓާއެކު އޮތީ މިރޭ ބްރައިޓަން ބަލިކުރި ޗެލްސީ އެވެ. 34 ޕޮއިންޓާއެކު އާސެނަލަށް ފަސް ވަނަ ލިބޭއިރު މިރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ 26 ޕޮއިންޓާއެކު ހަ ވަނައިގައެވެ.
ލިވަޕޫލުން މިރޭގެ މެޗުގައި ފުރަތަމަ ގޯލު 24 ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ އެވެ. ލިވަޕޫލުން ލީޑު ނެގިތާ އަށް މިނެޓުފަހުން އެޓީމުގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔުނައިޓެޑްގެ ޖެސޭ ލިންގާޑް މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. ފުރަތަމަ ހާފުގެ ކުޅުނު 1-1 އިން ނިމުނު ނަމަވެސް ލިވަޕޫލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލުން މެޗުގައި ތިން ޕޮއިންޓް ކަށަވަރުކުރި ދެ ގޯލުވެސް ޖަހައިދިނީ މި ސީޒަނުގައި އެޓީމާ ގުޅުނު ޒެރްޑަން ޝަގީރީ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޝަގީރީ ފުރަތަމަ ގޯލު ޖެހީ 73 ވަނަ މިނެޓުގައެވެ. އޭރިޔާ ބޭރުން ޝަގީރީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ޑިފެންޑަރ އޭޝްލީ ޔަންގްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ޝަގީރީ ލިވަޕޫލުގެ ތިން ވަނަ ގޯލު ޖެހީ 80 ވަނަ މިނެޓުގައެވެ. މި ގޯލުވެސް ވަނީ ވަނީ ޔުނައިޓެޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
މެޗުގައި ޔުނައިޓެޑްގެ ފަރާތުން އެދޭ ކުޅުމެއް ފެނިފައިނުވާއިރު އެޓީމުގެ ޕައުލް ޕޮގްބާ އިނީ ބެންޗުގައެވެ. މިރޭގެ މެޗުގައި އެޓީމު ކޮޅަށް ވަތް ތިން ގޯލާއެކު ލީގުގައި މި ސީޒަނުގައި 29 ގޯލު ވަނީ ވަދެފައެވެ. މިދިޔަ ސީޒަނުގެ ދެ ވަނަ އެޓީމު ހޯދިއިރު ލީގުގައި ކުޅުނު 38 މެޗުން ވަނީ 28 ގޯލެވެ. މިރޭގެ މެޗުން ބަލިވުމުން ލިވަޕޫލާ ޔުނައިޓެޑާ ދެމެދު މިހާރު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި މިހާތަނަށް ލިބިފައިވާ 26 ޕޮއިންޓަކީ 1990-91 ސީޒަނަށްފަހު އެޓީމުގެ އެންމެ ދަށް ފެށުމެވެ.
އަނެއްކޮޅުން ލިވަޕޫލުން މިރޭގެ މެޗު ކާމިޔާބުކުރިއިރު މިއީ ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 2011 ވަނަ އަހަރުގެ ފަހުން ލިވަޕޫލަށް ލިބުނު އެންމެ ބޮޑު މޮޅެވެ. އެ ސީޒަނުގައިވެސް ލިވަޕޫލުން ވަނީ 3-1 އިން ޔުނައިޓެޑް ބަލިކޮށްފައެވެ. މެޗުގައި 36 ހަމަލާ ޔުނައިޓެޑްގެ ގޯލަށް ލިވަޕޫލުން ފޮނުވާލިއިރު މިއީ ލީގުގައި އެޓީމުން އެންމެ ގިނަ ހަމަލާ އުފެއްދި މެޗެވެ.
ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ވުލްވްސް އާ ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭނީ ކާޑިފް ސިޓީއާއެވެ.
Advertisement
Leave a Reply