އުނދަގޫ މޮޅަކާއެކު ރެއާލް ފިރުކެމުން ކުރިއަށް
ސްޕެނިޝް ލީގުގައި ރޭ ޓޭބަލްގެ ނަވާރަ ވަނައިގައި އޮތް ރަޔޯ ވަޔެކާނޯއާ ވާދަކޮށް 0-1 އިން ރެއާލް މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މި ހޯދި މޮޅާއެކު އެ ޓީމް ވަނީ 29 ޕޮއިންޓާއެކު ލީގުގެ ތިން ވަނަ އަށް ޖެހިލައިފައެވެ. އެހެން ނަމަވެސް ކުރިން ޓޭބަލްގެ ތިންވަނައިގައި އޮތް ސެވިއްޔާ މިރޭ އަމިއްލަ ރަށުގައި ޓޭބަލްގެ ދިހަ ވަނައިގައި އޮތް ޖިރޯނާ އާ ބައްދަލުކުރާ މެޗް އެއްވަރުވިއަސް ރެއާލް އަނެއްކާވެސް ހަތަރު ވަނައަށް ވެއްޓޭނެއެވެ.
ރޭގެ މެޗްގައި ރެއާލްއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ތޭރަ ވަނަ މިނެޓްގައި ކަރިމް ބެންޒީމާއެވެ. މިއީ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 13 މެޗްގައި ޖެހި ދެ ވަނަ ގޯލެވެ. މި މެޗްގައި ރެއާލްއަށް ލީޑް ފުޅާ ކުރުމާ ވަރަށް ގާތަށް ތިން ފަހަރަކު ދިޔައެވެ. އެގޮތުން އެ ޓީމްގެ ފޯވާޑް ލޫކަސް ވަޒްކޭޒް ވަޔެކާނޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ވަޔެކާނޯގެ ކުޅުންތެރިން ސަލާމަތްކުރީ ގޯލް ރޮނގުމަތިންނެވެ. އޭގެ ފަހުން ރެއާލްގެ މިޑްފީލްޑަރ ޓޯނީ ކުރޫސް ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ވަޔެކާނޯގެ ގޯލް ދަނޑިއެވެ. މީގެ އިތުރުން ސާޖިއޯ ރާމޯސް ގޯލަށް ވައްދާލި ބޯޅައެއް މެޗްގެ ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.
މި މެޗްގައި ރަޔޯ ވަޔެކާނޯ އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވިއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވުނީ މެޗް ނިމިނިމި އޮއްވާ އެޓީމުން ރެއާލްގެ ގޯލަށް ކުރި ނުރައްކަލެވެ. މެޗްގެ 92 ވަނަ މިނެޓްގައި ރެއާލް ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެ ވަޔެކާނޯގެ އެލެކްސް އަލެގްރިއާ ފޮނުވާލި ބޯލަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ކޯޓުއާ މަތަކުރި ބޯޅަ އަލުން ކުޅުމުގެ ތެރެއަށް ދިޔަ ވަގުތު ވަޔެކާނޯގެ ވެލަސްކޭޒް ގޯލަށް ފޮނުވާލުމުން އެ ބޯޅަވެސް ކޯޓުއާ ދިފާއުކުރިއެވެ.
މި ސީޒަންގައި މިހާތަނަށް ލީގުގައި 16 މެޗް ރެއާލުން ކުޅެފައިވާއިރު އެ ޓީމްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖްރިބާކާރުން ބުނެއެވެ. ލީގުގައި މިހާތަނަށް ފަސް މެޗުން ރެއާލް ވަނީ ބަލިވެފައެވެ. މިހާތަނަށް ލީގުގައި ރެއާލުން 24 ގޯލް ޖެހިއިރު ބައިކޮޅަށް 19 ގޯލް ވަދެފައިވެއެވެ.
Advertisement
Leave a Reply