މިރޭ އަހަރެމެން ރުޅިގަދަވާން ޖެހޭ: ކްލޮޕް
އިނގިރޭސް ޕްރިމިއާ ލީގުގައި މިރޭ ޒަމާންވީ ދެ ވާދަވެރިން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާއިރު ލިވަޕޫލްގެ ކުޅުންތެރިން މިރޭގެ މެޗްގައި ރުޅި އަންނަންޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. މިރޭ ލިވަޕޫލްގެ ދަނޑުގައި ޓޭބަލްގެ ހަވަނައިގައި އޮތް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗް ލިވަޕޫލުން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ލީގުގެ އެއްވަނަ އަލުން ލިބޭނެއެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މެޗަށް ލިވަޕޫލާއި ޔުނައިޓެޑް ނުކުންނައިރު ލިވަޕޫލްގެ ކޯޗް ކްލޮޕް ގަބޫލުކުރާގޮތުގައި މިރޭ ޔުނައިޓެޑުން މަސައްކަތްކުރާނީ އެންމެ ފަހުން އެ ޓީމް ޗެމްޕިއަންސް ލީގުގައި ބަލިވި ބަލިވުމުން އަރައިގަތުމަށެވެ.
“އަނެއް ޓީމްގެ މޫޑް ގައިމުވެސް ރަގަޅެއް ނޫން. ޔުނައިޓެޑް ވަނީ އެމީހުން އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފަ. އަހަރެމެންގެވެސް އަހަރެމެންގެ އަމިއްލަ މައްސަލަތަކަކާއި ޓާގެޓްތަކެއް އެބަހުރި. އަހަރެމެން މަސައްކަތްކުރާނީ އެދިމާއަށް” މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.
“އަހަރެމެން ކުޅޭނީ އަހަރެމެންނަށް ބޭނުންވާ ޕޮއިންޓް ހޯދަން. އަހަރެމެން އެބަ ޖެހޭ އާދީއްތަ ދުވަހު ރުޅި އަންނަން. އަހަރެމެން ރުޅި އަންނާނެ.” މި ސީޒަނުގައި އިނގިރޭސި ލީގުގައި ބަލިނުވާ ހަމައެކަނި ޓީމުގެ ކޯޗު ބުންޏެވެ.
މި ވޭތުވެދިޔަ ހަތަރު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ލިވަޕޫލަށް ކުރި ހޯދިފައި ނެތަސް އެއިން އެއްވެސް ސީޒަނެއްގައި އެންފީލްޑްގައި ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެފައެއް ނުވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް މިރޭ ލިވަޕޫލާ ވާދަކުރާއިރު ޔުނައިޓެޑް އޮތީ ލިވަޕޫލަށްވުރެ ސޯޅަ ޕޮއިންޓް ފަހަތުގައެވެ. ޓޭބަލްގެ އެއް ވަނައަށްވުރެ ޔުނައިޓެޑް އޮތް ހިސާބު ގާތީ ރެލިގޭޝަން ޒޯނާ އެވެ.
ކަން މިހެން އޮތަސް ކްލޮޕްގެ ވިސްނުން އަމާޒުވެފައިހުރީ މާޒީގައި ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކޮށްފައިވާ މެޗްތަކަށެވެ.
“މިއީ އަސްލު ކޯޗަކު ކޮންޓްރެކްޓެއްގަ ސޮއިކުރާއިރު ސިކުނޑީގައި ބައިންދާނެ ކަހަލަ މެޗެއް. އަދި އެ މެޗެއް ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެެއް ކުރާނެ ފަދަ މެޗެއް. މިއީ ބޮޑު މެޗެއް” ކްލޮޕް ބުންޏެވެ.
Advertisement
Leave a Reply