އެވަޓަން ބަލިކޮށް ސިޓީން ލިވަޕޫލަށް ޕްރެޝަރު ބޮޑުކޮށްފި

Advertisement

އެވަޓަން ބަލިކޮށް ސިޓީން ލިވަޕޫލަށް ޕްރެޝަރު ބޮޑުކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-1 އިން އެވަޓަން ބަލިކޮށް ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ ލީގު ތާވަލުގެ އެއް ވަނައަށް އަލުން ޖެހިލައިފިއެވެ. މި މެޗުގެ ކުރިން ސިޓީ އޮތީ 41 ޕޮއިންޓާއެކު ލިވަޕޫލްގެ ފަހަތުން ދެ ވަނައިގައެވެ. މިރޭގެ މެޗުން މޮޅުވެ ސިޓީ 44 ޕޮއިންޓާއެކު އެއް ވަނަ މަގާމަށް އެރިނަމަވެސް މާދަމާރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްގެން ލިވަޕޫލަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލް ދެ ވަނައިގައި މިވަގުތު އޮތީ 42 ޕޮއިންޓާއެކުއެވެ.

މިރޭގެ މެޗުގައި ސިޓީގެ ތަރިއަކަށްވީ ދެ ގޯލު ޖެހި ބްރެޒިލްގެ ގެބްރިލް ޖީސުސް އެވެ. މެޗުގެ ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ޖީސޫސް ޖެހީ ލެރޯއީ ސާނޭ ނަގައިދިން ހުރަހަކުންނެވެ. މިއީ މިދިޔަ އޮގަސްޓް މަހުގެ ފަހުން  ލީގުގައި ކުޅުނު 11 މެޗުގައި ޖީސޫސް ޖެހި ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ގޯލުވެސް ޖީސޫސް ޖެހީ ސާނޭ ނަގައިދިން ހުރަހަކުންނެވެ. އެކަމަކު 65 ވަނަ މިނެޓުގައި ޑޮމިނިކް ކެލްވަޓް-ލެވިން ވަނީ އެވަޓަން އަށް ގޯލެ ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ. ސިޓީން މެޗުގެ ތިން ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަހީމް ސްޓާލިން އެވެ. ފެނާންޑީނިއޯ ނަގައިދިން ހުރަހަކުން ހުސްކޮށްހުރެ ސްޓާލިން މި ބޯޅަ ގޯލަށް ވައްދާލީ ކުޅެން އެރިތާ ތިން މިނެޓުވެސް ނުވަނީހެވެ.

މެޗުގައި ދެ ގޯލު ޖެހި ޖީސޫސް ބުނީ މިރޭގެ މެޗާއެކު އޭނާއަށް އިތުބާރު ލިބިއްޖެ ކަމަށެވެ. ޖީސޫސް ބުނީ މިރޭގެ މެޗުގައި ހެޓްރިކެއް ހަދަން މަސައްކަތް ކުރީ އާއިލާވެސް ސިޓީގައި މިވަގުތު ތިބީމަ ކަމަށެވެ.

“އަހަރެން ހެޓްރިކެއް ހަދަން މަސައްކަތްކުރިން އެކަމަކު އެއީ އުނދަގޫކަމެއް. ޓީމުން ދެއްކި ކުޅުމާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. މިހާރު އަހަންނަށް އިތުބާރު ލިބިއްޖެ. ސަބަބަކީ އަހަރެންގެ އާއިލާ މިތަނުގައި ތިބުމުން. އެއީ އަހަންނަށް ވަރަށް ބޮޑު އެހީތެރިކަމެއް. އަހަންނަށް މިވަގުތު އާއިލާ ބޭނުންވޭ” މެޗަށްފަހު ޖީސޫސް ބުންޏެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިދިޔަ ހަފްތާގައި ޗެލްސީ އަތުން ބަލިވެ އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު އުނދަގޫ މެޗަށްފަހު މިރޭ މޮޅެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

ތިން ލަނޑު ޖެހުމަށްފަހު ސިޓީން ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ކެވިން ޑެބްރޫން މެޗުގެ 71 ވަނަ މިނެޓުގައި ކުޅެން އަރުވައިފައެވެ. މިއީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ޑެބްރޫން ކުޅުނު ފުރަތަމަ މެޗެވެ. މި މޮޅާއެކު ސިޓީ ވަނީ ލީގުގައި މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ނުވަ މެޗުގައި އެޓީމުން 32 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ ހަ ގޯލެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *