ދޮންފަނު ބަލިކޮށް އިންވިޓޭޝަން ކަޕް ފައިނަލުގެ ދެ ވަނަ ޖާގަ ކިހާދޫ އަށް
ބ. ދޮންފަނުގައި ކުރިއަށްދާ 23 އަހަރުން ދަށުގެ “ދޮންފަނު އިންވިޓޭޝަން ކަޕް” ގެ ފައިނަލުގެ ދެ ވަނަ ޖާގަ ކިހާދޫ ހޯދައިފިއެވެ. ކިހާދޫ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ކިހާދޫ ސެމީ ފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕް ބީ ގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. ދޮންފަނު ސެމީ އަށް ދިޔައީ އޭދަފުށި ހިމެނުނު ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިއަށްދިޔަ މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖެހީ ކިހާދޫ ޓީމުގެ އިބްރާހީމް އަފްޒަލް އެވެ. އެކަމަކު ދޮންފަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓާއި 32 ވަނަ މިނެޓުގައި މި ދެގޯލުވެސް ޖެހީ މުހައްމަދު ނަބީލް އެވެ. ނަބީލް އަކީ މި މުބާރާތުގައި ދޮންފަނު ޓީމުގައި މޮޅު ކުޅުމެއްދެއްކި ކުޅުންތެރިއެކެވެ.
ދެ ވަނަ ހާފުގައި ހަމަލާތައް އިތުރުކޮށް ކިހާދޫ ޓީމުން މެޗުގައި އެއްވަރުކުރީ 58 ވަނަ މިނެޓުގައި އަލީ ފަރުހާން ޖެހި ގޯލުންނެވެ. ދެޓީމު 2-2 އިން އެއްވަރުވެފައި އޮއްވައި ދޮންފަނުން މެޗުގެ 71 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ދޮންފަނު ޓީމުގެ އަލީ ޝާއިން މި ގޯލު ޖެހީ ކިހާދޫ ޓީމުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މުބާރާތުގައި ފެނުނު އެންމެ މޮޅު އެއް ގޯލެވެ. ދޮންފަނުގެ ގޯލަށްފަހު ކިހާދޫން ވަނީ މެޗުގެ 79 ވަނަ މިނެޓުގައި އެއްވަރު ކޮށްފައެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާން އެވެ.
އެއްވަރުމުން ޖެހި ޕެނަލްޓީގައި ކިހާދޫން ވަނީ ފަސް ޕެނަލްޓީ ވެސް ވައްދާލައިފައެވެ. ދޮންފަނު ޓީމުން ޖެހީ ހަތަރު ޕެނަލްޓީގެ ތެރެއިން ވައްދާނުލެވުނީ އަލީ ޝާއިން ޖެހި ޕެނަލްޓީ އެވެ. ޝާއިން ޖެހި ޕެނަލްޓީ ކިހާދޫ ޓީމުގެ ގޯލްކީޕަރު އަހުމަދު ފަވާޒް ވަނީ މަތަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ދޮންފަނު ޓީމުގެ އަހުމަދު އިފްހާމް އަށެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ. މި މެޗުގައި ކިހާދޫ ނުކުންނާނީ ފުރަތަމަ ސެމީން މޮޅުވި އޭދަފުއްޓާ ދެކޮޅަށެވެ.
Advertisement
Leave a Reply