ސެމީގެ ފަހު ދެޖާގަ ސުޕަރ ޔުނައިޓެޑާއި ބައުސް އަށް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް ސުޕަރ ޔުނައިޓެޑާއި ދި ބައުސް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ސުޕަރ ޔުނައިޓެޑް ސެމީ ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ގުރޫޕް 5 ގެ އެއްވަނަ ޓީމް މުއިވެޔޮ ފްރެންޑްސް އާ ވާދަކޯށް 4-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އަހުމަދު ސިމްހާން މެޗުގެ ފަނަރަވަނަ މިނިޓުގައި ސުޕަރ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިންއިރު އަހުމަދު އަފްރާދު ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ދެގޯލު ކާމިޔާބު ކޮށްދީފައެވެ. ސުޕަރ ޔުނައިޓެޑުން ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ އެންމެ ފަހުމިނިޓުގައި ކާމިޔާބު ކޮށްދިނީ ޔާމީން މުހައްމަދެވެ.
ސެމީ ފައިނަލުގައި ސުޕަރ ޔުނައިޓެޑް ކުޅޭނީ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ ސެންޓް ސްޕޯޓްސް ކުލަބް ބަލިކުރި ދި ބައުސް ފުޓްބޯޅަ ކުލަބާއެވެ.
ގުރޫޕް 7 ގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ކުއާޓާއިން ޖާގަހޯދި ސެންޓް ސްޕޯޓްސް ކުލަބް، ގުރޫޕް 8 ގެ އެއްވަނަ ޓީމް ބައުސް އަތުން ބަލިވީ 7-2 އިންނެވެ. މެޗުގެ 25 ވަނަ މިނިޓުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ސެންޓް ސްޕޯޓްސް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މުހައްމަދެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ބައުސް އަށް އެއްވަރު ކޮށްދިނީ، ރޭގެ މެޗުގައި ހަ ގޯލުޖަހާ، ދެ ހެޓްރިކް ފުރިހަމަކުރި އަލީ އިރުފާދެވެ. ނަތީޖާ ހަމަހަމަކުރިތާ ދިހަ މިނިޓު ފަހުން އަބްދުﷲ މައުސޫމް ވަނީ ބައުސް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގައި ދި ބައުސްގެ އިރުފާދު ފަސް ގޯލު ޖެހިއިރު މިއީ އޭނާ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ޖެހި 13 ވަނަ ލަނޑެވެ. ތިން މެޗުން އޭނާ ވަނީ ހަތަރު ހެޓްރިކް ވެސް ހަދާފައެވެ. ސެންޓް ސްޕޯޓްސްގެ ދެވަނަ ލަނޑު މިހާފުގައި ކާމިޔާބު ކޮށްދިނީ އަހުމަދު އަފްރާހް ނަސީރެވެ.
ސެމީ ފައިނަލުގެ ދެމެޗުގެ ކުޅުން މާދަމާ އޮންނައިރު ފުރަތަމަ މެޗުގައި ހަވީރު 15:45 ގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް އާއި ރޮކް ސްޓްރީޓެވެ. ދެވަނަ މެޗުގައި ސުޕަރ ޔުނައިޓެޑާއި ބައުސް ބައްދަލުކުރާއިރު މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 ގައެވެ. މި ދެމެޗުވެސް ކުޅުވިގެންދާނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.
Advertisement


Leave a Reply