އަންހެން ކްރިކެޓްގެ ބޮޑު އުއްމީދެއް ކުނަހަންދޫއާ ގުޅިފައި

Advertisement

އަންހެން ކްރިކެޓްގެ ބޮޑު އުއްމީދެއް ކުނަހަންދޫއާ ގުޅިފައި

ޢަބްދުﷲ އަޝްރަފް
ލ. ކުނަހަންދޫ އަންހެން ކްރިކެޓް ޓީމް މިދިޔަ އަހަރުގެ ތައްޓާއެކު. އެޓީމުން ވަނީ މި އަހަރުގެ މުބާރާތްވެސް ފަސޭހަކަމާއެކު ކާމިޔާބު ކޮށްފަ. ފޮޓޯ:

ކްރިކެޓަކީ މިސަރަހައްދުގެ ގިނަ ގައުމުތަކުގައި އެއް ނަންބަރު ކުޅިވަރަށް ވިޔަސް ރާއްޖޭގައި އެކަން އޮތީ ދިމާ އިދިކޮޅަށް ކަމަށް ބުނެވިދާނެއެވެ. ރާއްޖޭގެ ކްރިކެޓް ކޮންޓްރޯލް ބޯޑުން ގިނަ މަސައްކަތްތަކެއް ކްރިކެޓްގެ ފޯރި ރާއްޖޭގައި ހިތްޕާލުމަށްޓަކައި ކުރަމުން އައިނަމެވެސް އަދި އޭގެ ނަތީޖާ ފެންނަލެއް ފަނޑެވެ. ވަކިން ހާއްސަކޮށް އަތޮޅުތެރޭގައި ކްރިކެޓް ކުޅޭތަން މަދުން ނޫނީ ނުފެނެއެވެ. އެކަމަކު މިފަހަކަށް އައިސް ކޮންމެވެސް ވަރަކަށް އަތޮޅުތެރޭގައި ދިރިއުޅޭ އަންހެން ކުދިންގެ މެދުގައި ކްރިކެޓް މިވަނީ ދިރެން ފަށައިފައެވެ. އިއްޔެ މާލޭގައި ނިމިގެންދިޔަ ޓީ 20 އަންހެނުންގެ ދެ ވަނަ ގައުމީ ކްރިކެޓް މުބާރާތަކީ އޭގެ މިސާލެކެވެ.

ޓީ 20 އަންހެނުންގެ ގައުމީ ކްރިކެޓް މުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން މުބާރާތުގެ ފައިނަލްގައި ވާދަކުރީވެސް އަތޮޅު ތެރެއިން އައި ދެ ޓީމެވެ. އިއްޔެ މެންދުރު ފަހު ފުވައްމުލަކު ސިޓީ އާއި ލ. ކުނަހަންދޫ އާއި ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލީ ކުނަހަންދޫއިންނެވެ. އާބާދީގައި ގާތްގަނޑަކަށް 970 މީހުން ދިރިއުޅޭ ކުނަހަންދޫއިން މި މުބާރާތުގެ ތަށި ހޯދި މިއީ ދެވަނަ ފަހަރެވެ.

ކުނަހަންދޫގެ ކުޅުންތެރިންނަށް ލަރޭ އިރުޝާދުދެނީ. ކްރިކެޓްގައި އެރަށަުގއި ޒުވާން ގިނަ ކުޅުންތެރިންތަކެއް އެބަތިބި

މުބާރާތުގެ ޗެމްޕިއަންކަން ކުނަހަންދޫ ހޯދިއިރު އެ ޓީމް ވަނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. މި މުބާރާތުގައި ކުނަހަންދޫ ބަލިވީ ހަމައެކަނި ފުވައްމުލަކު އަތުންނެވެ. މުބާރާތުގައި ކުނަހަންދޫއިން ކުޅުނު ފުރަތަމަ މެޗްގައި އެޓީމް ބަލިވީ އެންމެ ދެ ލަނޑުންނެވެ. ކުނަހަންދޫ ޓީމްގެ ކޯޗް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިރުގާމް ސައީދު ފާހަގަކުރިގޮތުގައި އެ މެޗުން ޓީމް ބަލިވުމުގެ އަސްލަކީ އެއީ ފުރަތަމަ މެޗް ކަމަށްވެފައި ދަތުރުގެ ވަރުބަލިކަން ކުޅުންތެރިންގެ ހުރުމާއި، ޕިޗަށް ރަގަޅަށް ކުޅުންތެރިންނަށް ނުހޭނުމެވެ. ލަރޭގެ ވާހަކަ ހަގީގަތުގައިވެސް ރަނގަޅެވެ. އެ މެޗަށްފަހު ކުނަހަންދޫ ކުރިއަށްދިޔައީ ފަސްއެބުރި ބެލުމެއް ނެތިއެވެ. ކުނަހަންދޫގެ ދެވަނަ މެޗްގައި ހިންނަވަރު ހިރިޔާ 105 ލަނޑުން ބަލިކުރިއިރު ތިންވަނަ މެޗް ވިޔަންސާ އާ ދެކޮޅަށް ކުޅެ ކާމިޔާބުކުރީ 93 ލަނޑުންނެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ކުނަހަންދޫ އަށް އަނެއްކާވެސް ވާދަކުރަންޖެހުނީ ހިރިޔާ އެވެ. އެ މެޗްވެސް ކުނަހަންދޫ ކާމިޔާބުކޮށްފައިވަނީ 89 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ދެން އައީ މުބާރާތުގެ ފައިނަލެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ފުވައްމުލަކުން ކުނަހަންދޫ ބަލިކޮށްފައިވުމާއި އަދި ފުވައްމުލަކަކީ ކްރިކެޓް ބޯޑުން ބޮޑު ސަމާލުކަމެއް ދީގެން ކްރިކެޓްގެ ހަރަކާތްތަކެއް ހިންގާ ރަށަކަށް ވުމުން ބޮޑު ވާދަވެރިކަމެއް ފައިނަލްގައި ފެންނާނެކަމަށް އުއްމީދުކުރެވުނެވެ. އެކަމަކު ކުނަހަންދޫއިން ކުޅެން އަރާ އެމީހުންނަށް ލިބުނު 20 އޯވަރުގެ ތެރޭގައި 141 ލަނޑު ހެދުމުން އެ އަމާޒަށް ވާސިލްވާން ފަސޭހަ ނުވާނެކަން ޔަގީނާ ގާތަށް ގަބޫލުކުރެވުނެވެ. ކަން ވީވެސް އެހެންނެވެ. ކުނަހަންދޫއިން ހެދި ބޮޑު ޓާގެޓާއެކު ފުވައްމުލަކު ޓީމަށް ކުރިމަތިކުރުވި ޕްރެޝަރު އެޓީމްގެ ކުޅުންތެރިންނަށް ހިފަހައްޓާލަން ވީ މާ ދަތިވި ކަމަކަށެވެ. ނަތީޖާއަކަށްވީ ފުވައްމުލަކު ޓީމަށް ބާކީ 6 އޯވަރު އޮއްވާ 63 ލަނޑަށް ހުރިހާ ކުޅުންތެރިން ނުބައިވުމެވެ.

މިވޭތުވެދި ދެ އަހަރުގެ މުބާރާތުގެ ތަށި ކުނަހަންދޫ ކާމިޔާބުކޮށްފައިވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އުމުރެވެ. ކޯޗް ލަރޭ މައުލޫމާތުދިން ގޮތުގައި ކުނަހަންދޫ ޓީމުގެ އެވްރެޖް އުމުރަކީ 12 އަހަރެވެ. އަށާރަ އަހަރުން މަތީގެ އެންމެ ކުޅުންތެރިޔަކުވެސް ނެތެވެ. މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެކަކީ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދި ކުނަހަންދޫ ޓީމްގެ ސުމައްޔާ ހަމީދެވެ. އޭނާއަށް އަދި ވީ އެންމެ 12 އަހަރެވެ. އޭނާ ވަނީ މި މުބާރާތުގެ ދެ ހާފް ސެންޗަރީ ވެސް ހަދައިފައެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު ކުނަހަންދޫ ޓީމްގެ ކުޅުންތެރިންނާ މެދު އުއްމީދުތަކެއް ނުކުރާންވީ ސަބަބެއް ނެތެވެ. އެކުދިންނަށް ބޭނުންވަނީ ކުރިއަށްދާނެ އިތުރު ފުރުސަތުތަކެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދި އުމުރުން އެންމެ 12 އަހަރުގެ ސުމައްޔާ.

“އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް ރަނގަޅު ކޯޗެއްގެ ބެލުމުގެ ދަށުން ރަނގަޅު އިރުޝާދާ އެކީގަ ޓީމެއް ތައްޔާރުކޮށްފިއްޔާ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ތަފާތެއް ފެންނާނެއޭ. އެއީ މި ދެދުވަހަކު ނެޝަނަލް ޓީމުގެ ކޯޗާއެކު އަޅުގަނޑުމެންގެ ކުދިން ޕްރެކްޓިސްކުރީމަވެސް އެކުދިންނަށް ހަމަ ފީލްވި އެ ތަފާތު. އަދި އޭގެ ސަބަބުން އެކުދިންގެ ކިބައިގައި ހުރި ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ. ގިނައިން މި ތިބީ އަޅުގަނޑުމެންގެ ޓީމުގައި ބާރަ އަހަރުގެ ކުޅުންތެރިން. މިކުދިން ކްރިކެޓްގެ ރަނގަޅު ނޮލެޖް ހުރި ކޯޗަކާ އެއްކޮށް މަސައްކަތްކޮށްފިއްޔާ އަޅުގަނޑު ދަންނަވާނީ މިކުދިންނަށް އަށާރަ އަހަރު ވާއިރު ޓޮޕް ޕްލޭޔަރުންނަށް ވާނެއޭ” ކުނަހަންދޫ ޓީމްގެ ކޯޗް ލަރޭ އޭނާގެ ތަޖްރިބާގެ އަލީގައި ޓީމްގެ ކުޅުންތެރިންނާ މެދު އޮތް އުއްމީދުތައް ކިޔައިދިނެވެ.

ލަރޭ ގަބޫލުކުރާ ގޮތުގައި އެ އުއްމީދު ހާސިލްކުރުމަށް ކްރިކެޓް ބޯޑްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. ކުނަހަންދޫ މިވަނީ އެރަށަކީ ކްރިކެޓް ގެ ހުނަރު އޮތް ތަނެއްކަން ސާބިތުކޮށްދީފައެވެ. އެ ހުނަރުގެ ބޭނުން ފުރިހަމައަށް ހިފައި ތަރައްގީ ކުރުމުގެ އެންމެ އިސް ޒިންމާއެއް އޮތީ ކްރިކެޓް ބޯޑަށް ކަމުގައި ގަބޫލުކުރެވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • Kunandhooga cricket aalaa dhiruvaakah cricket boadakun ahanmiyyathu kameh nudhey kan faahaga kurevey