ފުލުހުންގެ ހިމާޔަތާއެކު ނިންމާލި މުބާރާތުގެ ތަށި ވަންދޫ އަށް

Advertisement

ފުލުހުންގެ ހިމާޔަތާއެކު ނިންމާލި މުބާރާތުގެ ތަށި ވަންދޫ އަށް

ޢަލީ ޝަހީމް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވަންދޫ ޓީމް ތައްޓާއެކު. ފޮޓޯ: ވީނިއުސް

ތ. ކިނިބިދޫ ދާއިރާގެ ރަށްތަކަށް އަމާޒުކޮށްގެން ރިޒާޔު ފައުންޑޭޝަނުން ބޭއްވި “އެމްޕީ ކަޕް 2018” ގެ ޗެމްޕިއަންކަން މުބާރާތް ބޭއްވި ވަންދޫ އިން ހޯދައިފިއެވެ. ވަންދޫ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު އެރަށު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ. ވަންދޫން މެޗު ކާމިޔާބު ކުރިޔަސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުނު ހިރިލަންދޫގެ ސަޕޯޓަރުން ހުއްޓުވުމަށް ފުލުހުން ވަނީ މެޗަށްފަހު ޕެޕަ ސްޕްރޭ ބޭނުންކޮށްފައެވެ.

ދާއިރާގެ ފަސް ރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފައިނަލް މެޗު ބައްލަވާލެއްވުމަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެރަށަށް ވަޑައިގެންނެވިއެވެ.

ދެ ރަށާއި އަތޮޅުގެ ސަޕޯޓަރުން ތޮއްޖެހިފައި އޮތް ދަނޑުގައި ދެޓީމުގެ ފަރާތުންވެސް އިއްޔެގެ މެޗުގައި މޮޅު ކުޅުމެއް ފެނިފައިވެއެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހީ ވަންދޫންނެވެ. އޭރިޔާ ބޭރު އަރިމަތިން އެޓީމުގެ އިބްރާހީމް ޝަބީން ފޮނުވާލި ބޯޅަ ގޮސް ވަނީ ސީދާ ގޯލަށެވެ. އެބޯޅަ ހުއްޓުވުމަށް ހިރިލަންދޫގެ ކީޕަރަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ވަންދޫ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފުގައި ހިރިލަންދޫން ކުޅުން ރަނގަޅުކޮށް ލިބުނު ފުރުސަތުގެ ބޭނުންހިފައި ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން ނަގައިދިން ހުރަހަކުން ބޮލުން މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަކްރަމް އެވެ. މި ލަނޑާއެކު ހިރިލަންދޫގެ ސަޕޯޓަރުންގެ އަޑު ގަދަވެ މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. އެކަމަކު ދެން ފެނުނީ ވަންދޫ ޓީމުގެ އިބްރާހީމް ރައިހާން ބޮލުން ޖަހާ ވައްދާލި ގޯލާއެކު އެޓީމުން ލީޑު ނެގިތަނެވެ. މި ގޯލަށްފަހު ހިރިލަންދޫން އެއްވަރުކުރަން ކުރި މަސައްކަތުގައި އެޓީމުންވެސް ގޯލެއް ޖެހިއެވެ. އެކަމަކު ހިރިލަންދޫގެ ސަޕޯޓަރުންނާއި ކުޅުންތެރިން ފޯރިނެގި ވަގުތު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމައިފައެވެ. ރެފްރީގެ މި ނިންމުމާމެދު އެވަގުތުވެސް ހިރިލަންދޫގެ ކުޅުންތެރިން ނުރުހުން ފާޅުކުރީ އޭރިޔާތެރެއިން ބޮލުން އެބޯޅަ ގޯލަށް ވައްދާލި ކުޅުންތެރިޔާ އޮފްސައިޑް ނުވާކަމަށް ބުނެއެވެ. މި ނިންމުމުގެ އިތުރުންވެސް ހިރިލަންދޫގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ރެފްރީއާއި އޮފިޝަލުންގެ ނިންމުންތަކާމެދު މެޗުގައި ނުރުހުންފާޅުކޮށްފައެވެ.

މެޗުގެ ނަތީޖާ 2-1 ގައި އޮވެ ނިމުމުން ހިރިލަންދޫގެ ސަޕޯޓަރުންވަނީ ދަނޑަށް އަރައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގައިފައެވެ. ރެފްރީއާއި މެޗުގެ އޮފިޝަލުންނަށް ހިމާޔަތް ދޭންޖެހުނީ ފައިނަލް މެޗުގެ ސެކިއުރިޓީ ބެލެހެއްޓި ފުލުހުންގެ ބޮޑު ފައުޖަކުންނެވެ. ހިރިލަންދޫން ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމި ލައިންސްމަނަށް ހަމަލާ ދިނުމަށް ސަޕޯޓަރުން މަސައްކަތް ކުރުމުން ފުލުހުންގެ ހިމަޔާތް ވަރަށް ބޮޑަށް ދޭންޖެހުނެވެ. ރެފްރީންގެ ޓީމު ފުލުހުންގެ ހިމާޔާތުގައި ދަނޑުން ފޭބުމަށްފަހުވެސް ހިރިލަންދޫގެ ސަޕޯޓަރުންވަނީ ނިންމުންތަކާމެދު ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފައެވެ. ސަޕޯޓަރުން ސަރަހައްދު ދޫކޮށް ދިއުމަށް އިލްތިމާސް ކުރުމުންވެސް ހަމަނުޖެހުން ކުރިއަށް ގެންދިއުމާއި ގުޅިގެން އެންމެ ފަހުން ފުލުހުން ޕެޕަ ސްޕްރޭ ބޭނުންކުރިއެވެ.

ހަމަނުޖެހުމުގެ ސަބަބުން އިނާމު ދިނުމުގެ ރަސްމިއްޔާތު ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ. އެކަމަކު އިންތިޒާމު ކުރި ފަރާތުން ވަނީ ޗެމްޕިއަން ވަންދޫގެ ޓީމަށް ތައްޓާއެކު ބައިލައްކަ ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ވަންދޫ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފަސް އަހަރު މި މުބާރާތް ކުރިއަށް ގެންދިޔައިރު ވަންދޫ އަދި ކިނބިދޫ ވެސް ވަނީ މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ. މި މުބާރާތް ކާމިޔާބު ކުރި އަނެއް ޓީމަކީ ހިރިލަންދޫ އެވެ. މިއަހަރު ފައިނަލުގައި ބަލިވިއިރު މިދިޔަ އަހަރުގެ ފައިނަލުގައިވެސް ހިރިލަންދޫ ވަނީ ޕެނަލްޓީ ޖަހައިގެން ކިނބިދޫ އަތުން ބަލިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *