އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަނެއްކާވެސް ސަލާހަށް
ބީބީސީ އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރުވެސް ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް މިފަހަރުވެސް ލިބިއްޖެއެވެ. މިއީ މިއެވޯޑް ޖެހިޖެހިގެން ސަލާހް ކާމިޔާބުކުރި ދެ ވަނަ އަހަރެވެ. މިއެވޯޑަށް ސަލާހްއާ އެންމެ ގާތުން ވާދަކުރީ އޭނާއާ އެއް ޓީމަކަށް ކުޅޭ ސެނެގާލްގެ ސަޑިއޯ މާނޭ އާއި އިޓަލީގެ ޔުވެންޓަސްއަށް ކުޅޭ މޮރޮކޯ ކެޕްޓަން މެދީ ބެނާޓިއާ، ސެނެގާލް އަދި އިޓަލީގެ ނަޕޯލީއަށް ކުޅޭ ކަލިދޫ ކޫލިބަލީ، އަދި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ގާނާގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ އެވެ.
“ދެވަނަ ފަހަރަށް މި އެވޯޑް ހާސިލްވުމަކީ ވަރަށް ބޮޑު އުފަލެއް. އަންނަ އަހަރުވެސް މި އެވޯޑް އަހަރެން ބޭނުން.” އެވޯޑް ހާސިލްކުރުމަށްފަހު ބީބީސީއަށް ދިން އިންޓަވިއުއެއްގައި 26 އަހަރުގެ ފޯވާޑް ބުންޏެވެ.
ކުރިން ޗެލްސީއަށްވެސް ކުޅެފައިވާ މުޙައްމަދު ސަލާހް އިޓަލީގެ ކްލަބް ރޯމާއިން ލިވަޕޫލަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. ސަލާހް ވަނީ މިދިޔަ ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދީފައެވެ. މިދިޔަ ސީޒަންގައި ލިވަޕޫލަށް 44 ގޯލް ޖަހައިދިން ސަލާހް ވަނީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް މިސްރު ކޮލިފައިކޮށްދިނުމުގައި އެހީތެރިވެދީ މި ފަހަރުގެ މުބާރާތުގައި 2 ގޯލްވެސް ކާމިޔާބުކޮށްދީފައެވެ.
މި އަހަރު ކުޅުނު 47 މެޗުގައި ސަލާހް ވަނީ 35 ގޯލު ޖަހައި 15 ގޯލު ޖެހުމުގައި އެހީތެރިވެދީފައެވެ. މި އެވޯޑުގެ އިތުރުން މި އަހަރު އޭނާއަށް ވަނީ ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ އެވޯޑާއި ޕްރިމިއާ ލީގު ޕީއެފްއޭ އަދި ފުޓްބޯލް ވްރައިޓާސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބިފައެވެ. މިއަހަރު އެންމެ މޮޅު ގޯލު ޖަހައިގެން ހޮވި ޕުސްކަސް އެވޯޑުވެސް ހޯދީ ސަލާހެވެ.
“2018 ވަނަ އަހަރަކީ ވަރަށް އުފާވެރި ހަނދާންތަކެއް އެކުލެވޭ އަހަރެއް. އެންފީލްޑްގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ހާއްސަ މެޗެއް. އަންނަ އަހަރު އަހަރެންގެ އަމާޒަކީ ކްލަބަށް ތަށްޓެއް ހޯދައިދިނުން.” ސަލާހް ބުންޏެވެ.
ބީބީސީ އިން ހޮވާ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މީގެ ކުރިން ޖެހިޖެހިގެން ދެ އަހަރު ހޯދައިފައިވަނީ ނައިޖީރިއާގެ ކުރީގެ ތަރި ޖޭޖޭ އޮކޯޗާ އެވެ.
Advertisement
Leave a Reply