ޓީ 20 އަންހެނުންގެ ކްރިކެޓް މުބާރާތް ކުނަހަންދޫ ކާމިޔާބުކޮށްފި
ޓީ 20 އަންހެނުންގެ ގައުމީ ދެ ވަނަ ކްރިކެޓް މުބާރާތުގެ ތަށި ދެ ވަނަ ފަހަރަށް ލ. ކުނަހަންދޫ މާލޭ ސްޕޯޓްސް އުފުލާލައިފިއެވެ. ކުނަހަންދޫ އިން މި މުބާރާތުގެ ތަށި ދިފާއުކުރީ މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗްގައި ފުވައްމުލަކު ސީބީއެލް ސްޕޯޓްސް އާ ވާދަކޮށް 78 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
މެޗްގައި ޓޮސް ލިބިގެން ފުވައްމުލަކު ސީބީއެލް ސްޕޯޓްސް އިން ނިންމީ ހޮވާށެވެ. ކުނަހަންދޫ މާލެ ސްޕޯޓްސް ކުޅެން އަރާ ފުރަތަ އޯވަރުން އެކަނިވެސް 25 ލަނޑު ހެދިއެވެ. 20 އޯވަރު ހަމަވިއިރު ކުނަހަންދޫއިން 141 ލަނޑު ހެދިއެވެ. ކުނަހަންދޫ ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 45 ލަނޑު ހެދި ހަފްސާ އާއި، މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި ސުމައްޔާ އެވެ. އޭނާ ވަނީ މި މެޗްގައި 39 ލަނޑު ހަދައިފައެވެ. ފުވައްމުލަކު ޓީމުން މި މެޗްގައި އެންމެ ރަގަޅަށް އުކީ 2 ވިކެޓް ނެގި އަމާނީ އެވެ.
ކުނަހަންދޫގެ ކުޅުން ނިމުމުން ފުވައްމުލަކު ޓީމުން ކުޅެން އަރާ ފުރަތަމަ ދެ އޯވަރުގެ ތެރޭގައި ކެޕްޓަން ޒޫނާއާއި މުބާރާތުގައި ފުވައްމުލަކު ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުންއައި އައިމާ ނުބައިވުމުން ފުވައްމުލަކު ޓީމް ޕްރެޝަރަށް ވެއްޓުނެވެ. އާ ހިތްވަރަކާއެކު ބާކީ ތިބި ކުޅުންތެރިން ރަގަޅު ނަތީޖާއަކާ ހަމަޔަށް ދިއުމަށް މަސައްކަތްކުރި ނަމަވެސް ގާތްގާތުގައި ވިކެޓްތައް ދާން ފެށުމުން އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ފުވައްމުލަކުގެ ހުރިހާ ކުޅުންތެރިން 14 ވަނަ އޯވަރުގެ ތެރޭގައި ނުބައިވިއިރު ހެދުނީ 63 ލަނޑެވެ.
މި މުބާރާތުގެ އެންމެ މޮޅު ބޯލަރަކަށް ފުވައްމުލަކު ޓީމުގެ އާއިޝަތު އައިމާ ހޮވުނު އިރު އެންމެ މޮޅު ބެޓްސްމަން އަކަށް ހޮވުނީ ކުނަހަންދޫ ޓީމުގެ ސުމައްޔާ ހަމީދެވެ. މުބާރާތުގައި އެންމެ މޮޅަށް ހޮވި ކުޅުންތެރިޔަކަށް ފުވައްމުލަކު ޓީމުގެ ހައްވާ ޒުހާ ހޮވުނު އިރު ޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަމަ އެ ޓީމްގެ އާއިޝަތު އައިމާ އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ކުނަހަންދޫ ޓީމުގެ ސުމައްޔާ ހަމީދެވެ. އޭނާގެ އުމުރަކީ އެންމެ 12 އަހަރެވެ.
Advertisement
Leave a Reply