ގޮއިދޫގެ ކިބައިން ބަދަލުހިފައި އޭދަފުށި ފައިނަލަށް

Advertisement

ގޮއިދޫގެ ކިބައިން ބަދަލުހިފައި އޭދަފުށި ފައިނަލަށް

ޢަލީ ޝަހީމް
އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު އޭދަފުއްޓާއި ގޮއިދޫ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

ބ. ދޮންފަނުގައި 23 އަހަރުން ދަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިންވިޓޭޝަން ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ އޭދަފުށި ހޯދައިފި އެވެ. އޭދަފުށި ފައިނަލުގެ ޖާގައެއް ހޯދީ މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުން މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ ބަލިކޮށްގެންނެވެ. މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 އިން އެއްވަރުވެގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މި ދެޓީމު ބައްދަލުކުރިއިރު 3-3 އިން އެއްވަރުވުމުން ގޮއިދޫން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުގެ ޝަރަފްވެރި މެހެމާން ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ). ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

މިއަދުގެ މެޗު އެއްވަރުވިއިރު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އޭދަފުށިން ފޮނުވާލި ގިނަ ބޯޅަތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއްދެއްކި ގޮއިދޫގެ ގޯލްކީޕަރެވެ.

މެޗުގައި އޭދަފުށީގެ ސަޕޯޓަރުން ޓީމަށް ތަރުހީބުދެނީ. ދެރަށުން ގިނަ އަދަދެއްެގެ ބަޔަކު މިއަދު ދޮންފަނަށް ގޮސްފައިވޭ. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

ޕެނަލްޓީގައި ފުރަތަމަ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށްވެސް އެއް ޕެނަލްޓީ ވައްދަލެއް ނުލެވުނެވެ. ގޮއިދޫގެ ފުރަތަމަ ޕެނަލްޓީ މުހައްމަދު ރީހާން ޖެހުމުން އޭދަފުށީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އަދި، އޭދަފުށީގެ ހަތަރު ވަނަ ޕެނަލްޓީ މިމްރާހް އަބްދުލްއަޒީޒް ޖެހުމުން ގޮއިދޫގެ ކީޕަރު އެބޯޅަ ހިފެހެއްޓި އެވެ. އޭދަފުށި މެޗުން މޮޅުވީ ގޮއިދޫ ޓީމުގެ އަލީ މާހިދު ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތުމުންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ހަމްދާން އަބްދުއްސައްތާރެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މުބާރާތް ބާއްވާ ދޮންފަނު ނުކުންނާނީ ކިހާދޫއާ ދެކޮޅަށެވެ. މި މެޗުވެސް ފަށާނީ ހަވީރު 15:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *