ލަރޭ: ކުޅިވަރުގެ ތެރެއިން ޖީލެއް ބިނާކުރަނީ

Advertisement

ލަރޭ: ކުޅިވަރުގެ ތެރެއިން ޖީލެއް ބިނާކުރަނީ

ޢަބްދުﷲ އަޝްރަފް
ޟިރުޣާމް ސަޢީދު (ލަރޭ) --

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހި ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވުނު އެއް ނަމަކަށް ޟިރުޣާމް ސަޢީދު (ލަރޭ) ގެ ނަން ޔަގީނުންވެސް ވާނެއެވެ. ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް މުޅި ހަޔާތް ހުސްކޮށްލި ލަރޭ ވަނީ ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިހާރު ގިނަ ބަޔަކަށް ލަރޭ އާންމުކޮށް ނުފެނުނަސް ކުޅިވަރާ އެންމެ އިންޗިއަކަށްވެސް އޭނަ ދުރަކަށް ނުދެއެވެ. ލަރޭގެ މަސައްކަތް މިހާރު ބޮޑަށް ފެންނަނީ އަތޮޅުތެރެއިންނެވެ. ހާއްސަކޮށް ލަރޭގެ އުފަން ރަށް ކުނަހަންދޫ އިންނެވެ. މިހާރު ލަރޭ އަކީ ހަމައެކަނި ފުޓްބޯޅަ ކޯޗެއްވެސް ނޫނެވެ. ކްރިކެޓްގައިވެސް ލަރޭ އަކީ މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ކޯޗެކެވެ.

މާލޭގައި މިހާރު ކުރިއަށްދާ ޓީ20 އަންހެނުންގެ ގައުމީ މުބާރާތުގައި ވާދަކުރަމުން އަންނަ ކުނަހަންދޫ ޓީމުގެ ކޯޗަކީވެސް ލަރޭ އެވެ. އުމުރުން ވަރަށް ހަގު ކުދިންތަކެއް ގޮވައިގެން އޭނާ ކުރަމުން އަންނަ ދަތުރު ވަރަށް ކާމިޔާބެވެ. މިދިޔަ އަހަރު މާލޭގައި އޮތް ޓީ20 އަންހެނުންގެ ފުރަތަމަ ގައުމީ މުބާރާތް ކުނަހަންދޫއަށް ކާމިޔާބުކޮށްދިންއިރުވެސް ކޯޗަކަށް ހުރީ ލަރޭ އެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލްގައި މިއަދު ކުނަހަންދޫ އެއްކޮޅުން ވާދަކުރާ އިރު ލަރޭގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ޓީމްގެ އެވްރެޖް އުމުރަކީ އެންމެ ބާރަ އަހަރެވެ. ފުޓްބޯޅައިގައި އެތައް އަހަރުތަކެއް ވަންދެން ވިދާލި މި ތަޖްރިބާކާރު ކުޅުންތެރިޔާގެ ޝައުގު ކްރިކެޓަށް ހުއްޓުނީ ކިހިނެއް ހެއްޔެވެ؟

މިދިޔަ އަހަރުގެ އަންހެނުންގެ ޓީ20 ކްރިކެޓް މުބާރާތް ކާމިޔާބުކުރި ކުނަހަންދޫ ޓީމާއެކު. – ފޮޓޯ: މީސްމީޑިޔާ

“ކްރިކެޓް އަސްލު މިއައީ އަޅުގަނޑުމެންގެ ރަށަށް ރެޑިއަމް ހަސަން ދީދީ ވަޑައިގެންނެވި ފަހަރެއްގަ އަޅުގަނޑު ހަސަންދީ އަށް ދެންނެވީ މިރަށުގަ ކްރިކެޓް ކުރިއަށް ގެންދެވިދާނެއޭ. އެހެންވީމަ އެކަން ފައްޓަވައިދެއްވަންވީ ނުންހޭ. ދެން އެގޮތުން ފެށި މަސައްކަތް ރަށުގެ ކައުންސިލުން ނިންމީ ހުއްޓާނުލާ ކުރިއަށް ގެންދަން.” 2011 ވަނަ އަހަރުން ފެށިގެން ކުނަހަންދޫ ކައުންސިލްގައިވެސް ހަރަކާތްތެރިވަމުން އަންނަ ލަރޭ އެ ރަށުގައި ކްރިކެޓް ފެށުނުގޮތް “ފަހުމިނެޓް” އާ ހިއްސާކުރިއެވެ.

“އޭރު ފެށުނީވެސް ވަރަށް އާދައިގެ ގޮތަކަށް. ކްރިކެޓަކީ ދެން އޭރު ކުދިންނަށް ވަރަށް އާ ކުޅިވަރަކަށް ވާތީ ޒުވާނުންނާއި ސްކޫލްކުދިންގެ ހިތުގައި މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމަށް ފުރަތަމަވެސް، ކުޅެން ފެއްޓީ. އެއްވެސް އެއްޗެއް ކިޔައެއްވެސް ނުދެން. އެގޮތަށް ދެއަހަރެއްހާ ދުވަސް ވަންދެން އެ ކުޅިވަރުގެ ޝައުގުވެރިކަން ކުދިންނާ ހަމަޔަށް ގެނެސްފަ ދެން އަޅުގަނޑުމެން ޓްރެއިނިންގް ފެއްޓީވެސް.” ލަރޭ މީގެ ހައެއްކަ އަހަރު ކުރީގެ ސޮފްހާތަކެއް އުކަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “ފައްޓައިގެން އުޅެނިކޮށް މިސަރައްދަށް ކަނޑައަޅުއްވައިފައި އޭރު ހުންނެވި އޭޝިއަން ކްރިކެޓް ކައުންސިލްގެ މެންބަރަކު މިސްޓަރ ރާޖް ކުނަހަންދޫއަށް ކުރެއްވި ޒިޔާރަތެއްގައި ކުދިންގެ ކުޅުން ބައްލަވާފަ ވިދާޅުވި ވަރަށް ޓެލެންޓެޑް ކުދިންތަކެކޭ އަންހެން ކުދިންތަކަކީ. އެހެންވީމަ އެ ކުދިން ދޫކޮށްލައިގެން ނުވާނެއޭ. އެހެންވީމަ އެ ލިބުނު ހިތްވަރާއެކު ފެށިގެން މިހާ ހިސާބަށް އައި ކަމެއް މިކަމަކީ.” ކްރކެޓް ކޯޗިންގް ގެ ލެވަލް ދޭއް މެލޭޝިޔާގައި ފުރިހަމަކޮށްފައިވާ ލަރޭ ބުންޏެވެ.

ލަރޭ ފާހަގަކުރި ގޮތުގައި ކްރިކެޓް ކަހަލަ އަތޮޅުތެރެއަށް އާ ކުޅިވަރެއް ރަށަކަށް ތައާރަފްކޮށްގެން ކާމިޔާބު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެ އުނދަގޫ މަސައްކަތް ހަގީގަތަކަށް ހަދަން ލަރޭ އަށް އެހީވީ އޭނާގެ ކިބައިގައި އެކަމަށް އޮތް އާދަޔާ ހިލާފް ޝައުގުވެރިކަމެވެ. ކޮންމެ މަސައްކަތެއްވެސް ލަރޭ ފަށަނީ އަމާޒެއް އޮވެގެންނެވެ. ކާމިޔާބާ ހަމަޔަށް ދިޔުން އެއީ އަޒުމަކަށް ހަދައިގެންނެވެ.

ލަރޭ ވަނީ ނިއުރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗްކަން ވެސް ކޮށްފަ. – ފޮޓޯ: ވީނިއުސް

“އަޅުގަނޑު މިކަން ފެށިއިރުވެސް ވަރަށް ހިތުގަ އޮންނަ އެއްޗެއް އެއީ ސާކް ސަރަހައްދުގެ އަންހެން ކުރިކެޓްގަ ރަގަޅު ހިސާބަކަށް ރާއްޖެއަށް ދެވިދާނެއޭ.. އެކަމަކު މިކަން ކުރެވޭނީ ކްރިކެޓް ބޯޑުން މިހާރަށްވުރެ ބޮޑަށް އަންހެން ކުރިކެޓަށް ސަމާލުކަންދީ ތަންކޮޅެއް ސީރިއަސްކޮށް މިކަން ނަގައި ކުދިންނަށް އިތުރު ޕްރެކްޓިސްއާއި މެޗްތަކެއް ލިބޭނެ ފުރުސަތު ހޯދައިދީގެން. އިންވެސްޓެއް ކޮށްގެން އެއްޗެއް ލިބޭނީ.” އިންވެސްޓެއް ނުކޮށް އެއްވެސް އެއްޗެއް ނުލިބޭނެ.” ރާއްޖޭގެ އަންހެން ކުރިކެޓްގެ ކުރިމަގާ މެދު ލަރޭއަށް ވިސްނޭ ގޮތް “ފަހުމިނެޓް” އާ ހިއްސާކުރަމުން އޭނާ ބުންޏެވެ.

“އަޅުގަނޑަށް ވަރަށް އުއްމީދު އެބައޮތް ރަގަޅު ކޯޗެއްގެ ބެލުމުގެ ދަށުން ރަގަޅު އިރުޝާދާ އެކީގަ ޓީމެއް ތައްޔާރުކޮށްފިއްޔާ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ތަފާތެއް ފެންނާނެއޭ. އެއީ މިދެ ދުވަހަކު ނެޝަނަލް ޓީމުގެ ކޯޗާއެކު އަޅުގަނޑުމެންގެ ކުދިން ޕްރެކްޓިސްކުރީމަވެސް އެކުދިންނަށް ހަމަ ފީލްވި އެ ތަފާތު. އަދި އޭގެ ސަބަބުން އެކުދިންގެ ކިބައިގައި ހުރި ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ. ގިނައިން މި ތިބީ އަޅުގަނޑުމެންގެ ޓީމުގައި ބާރަ އަހަރުގެ ކުޅުންތެރިން. މިކުދިން ކްރިކެޓްގެ ރަގަޅު ނޮލެޖް ހުރި ކޯޗަކާ އެއްކޮށް މަސައްކަތްކޮށްފިއްޔާ އަޅުގަނޑު ދަންނަވާނީ މިކުދިންނަށް އަށާރަ އަހަރު ވާއިރު ޓޮޕް ޕްލޭޔަރުންނަށް ވާނެއޭ” ލަރޭގެ ތަޖްރިބާގެ އަލީގައި އޭނާގެ އުއްމީދުތައް ކިޔައިދިނެވެ.

ލަރޭ އަކީ 1985 އިން ފެށިގެން 2003 އާ ހަމަޔަށް ދިވެހި ފުޓްބޯޅައިގައި އޭރު ރަސްކަންކުރަމުންއައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ވިކްޓަރީގައި އޭނާ ނުކުޅޭ މަގާމެއް ނެތެވެ. ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި މުސާރައަށް ކުޅުންތެރިން އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވުމުގެ އޮއިވަރު ގަދަވެގެން އައިއިރުވެސް ލަރޭ ހުރީ ވިކްޓަރީއަށް ވަފާތެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ކްލަބަށް ލަރޭގެ ހިތުގައި އޮތް ލޯބި އެހެން ހުރިހާ އެއްޗަކަށްވުރެވެސް މާ ބޮޑުވީއެވެ. ފުޓްބޯޅައިގައި އަބަދުވެސް ލަރޭ ފާހަގަކުރެވެމުން އައީ ޖެހިލުން ކުޑަ އެކަމަކު ކުޅިވަރުގެ ޑިސިޕްލިން ހިފަހައްޓާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އިސްކޮޅުން ކުރުވުމަކީ ފުޓްބޯޅައިގައި ޑިސްއެޑްވާންޓޭޖަކަށް ފަހަރެއްގައި ވިޔަސް  ކުޅުންތެރިޔާގެ ހިތްވަރުން އެއީ ފޫބެއްދޭނެ ކަމެއްކަން ލަރޭ ކިތަންމެ ފަހަރަކު ސާބިތުކޮށްދިނެވެ. ރާއްޖޭގެ ގައުމީ ޓީމް ސަރަހައްދީ ފުޓްބޯޅައިގައި ރިހި މެޑަލް ހޯދި ފުރަތަމަ ދެ ފަހަރުވެސް ގައުމީ ޖޯޒީގައި ލަރޭއަށް ކުޅެން ފުރުސަތު ލިބުނީ އެސަބަބާ ހުރެއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ޒޯން 5 ގެ ޗެމްޕިއަންކަން ފ. މިލަންދޫއަށް ހޯދައިދިނުމުން ކުޅުންތެރިން ލަރޭ އުފުއްލާލައިގެން. – ފޮޓޯ: މީސްމީޑިޔާ

ލަރޭ ގަބޫލުކުރާ ގޮތުގައި ކުޅިވަރަކީ ރަގަޅު ޖީލެށް ބިނާކުރަން ބޭނުން ހިފޭނެ އެންމެ ރަގަޅު އެއް ވަސީލަތެވެ. އުފަން ރަށުގައި 2002 ވަނަ އަހަރުން ފެށިގެން ކުޅިވަރު އެކަޑަމީ އެއް ގާއިމްކޮށް އެކަން ހަގީގަތަކަށް ހެދުމަށް އޭނާ އަންނަނީ ވަރުބަލިވުމެއް ނެތި މަސައްކަތްކުރަމުންނެވެ. އާބާދީގައި ހާހެއްވެސް ހަމަނުވާ ކުނަހަންދޫގައި ލަރޭ ހިންގަމުން އެންނަ އެކަޑަމީގައި މިހާރުވެސް ސަތޭކަޔާ ގާތްކުރާ އަދަދަކަށް ކުދިން ތަމްރީން ވަމުން އެބަދެއެވެ. ލަރޭ އެމަސައްކަތް ކުރަމުން އަންނަނީ ހިލޭ ސާބަހަށެވެ. ލަރޭއަށް ލިބޭ ހިތްވަރަކީ ކުދިންގެ ބެލެނިވެރިންގެ ފަރާތުން އެކަމަށް ދޭ އެއްބާރުލުމެވެ. ލަރޭގެ މަސައްކަތުގެ އުޖޫރައަކަށް އެވަރު މާބޮޑަށްވެސް އޭނާއަށް ފުދެއެވެ.

ކުޅިވަރު އެކަޑަމީގެ މަސައްކަތް ލަރޭ ކުރިއަށްގެންދާއިރު އޭނާ ގެންގުޅޭ ވަކި އުސޫލުތަކަކާ ހަމަތަކެއް އޮވެއެވެ. ކުޅިވަރުން އެކަނި ކުއްޖާ ފާހަގަވުމަކުން ލަރޭގެ ހިތެއް ހަމައެއް ނުޖެހެއެވެ. ރަގަޅު އަހްލާގަކާ ނުލައި ކުޅިވަރުގައިވެސް ރޯލް މޮޑެލްއަކަށް ވުމަކީ ފަސޭހަ ކަމެއް ކަމަކަށް ލަރޭ ގަބޫލެއް ނުކުރެއެވެ. ލަރޭ ގެންގުޅޭ އުސޫލުތައް ފުރިހަމަވެފައި ތަފާތީ އެހެންވެއެވެ.

“ނަމާދު ކުރަންޖެހޭނެ ބަރާބަރަށް. ގުރުއާން ކިޔަވަންޖެހޭނެ. ސްކޫލުންދޭ ފިލާވަޅުތައް ފުރިހަމަކުރަންޖެހޭނެ. ޕޭރެންޓެއްގެ ފަރާތުން ގޯސް ކޮމެންޓެއް އައިސްފިއްޔާ ބައެއް ކުޅިވަރު ހަރަކާތްތަކުގަ ބައިވެރިއެއް ނުވެވޭނެ. އެކަހަލަ އުސޫލުތަކަކާ ގަވައިދުތަކެއް ކަނޑައެޅިގެން އަޅުގަނޑު ގެންދަނީ.” ލަރޭ ބުންޏެވެ.

ލަރޭ 1997 ވަނަ އަހަރު ނޭޕާލްގެ ކަތްމަންޑޫގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމާއެކު. – ފޮޓޯ: މީސްމީޑިޔާ

ކްރިކެޓަށް ލަރޭގެ ބޮޑު ސަމާލުކަމެއް މިވަގުތު ހުއްޓިފައި އޮތަސް ފުޓްބޯޅައަކީ އަދިވެސް އޭނާގެ ހިތުގެ އެއް ބައެވެ.  މާލޭގައި ކުޅޭ ބޮޑެތި މެޗްތައް އޭނާ ޓީވީ އިން ބަލައެވެ. އަތޮޅު ތެރޭގެ ރަށްރަށުން ޓީމްތަކަށް ކޯޗްކޮށްދޭން ލިބޭ ބައެއް ފުރުސަތުތަކުގެ ބޭނުން އޭނާ ހިފައެވެ. ލަރޭ ވަނީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފ. ނިލަންދޫ ޓީމްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެ އެ ޓީމަށް އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކާމިޔާބުކޮށްދިފައެވެ.

ދިވެހި ފުޓްބޯޅައަށް އަބަދުވެސް ކުރިއެރުން އެދޭ މީހެއްގެ ހައިސިއްޔަތުން މިއަދު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތާ މެދު ލަރޭވެސް ހުރީ ފިކުރު ބޮޑުވެފައެވެ. ލަރޭ ގަބޫލުކުރާ ގޮތުގައި މި ހާލަތު ބަދަލުކުރެވޭނީ އެންމެން ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެކަމަކު އެކަމުގައި އެފްއޭއެމުން ނަގަންޖެހޭ ޒިންމާ ވަކިން ބޮޑު ކަމުގައި ލަރޭ ފާހަގަކުރިއެވެ. އެއާއެކު އެ އިދާރާގެ ފަރާތުން ރަގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އޭނާ ފާހަގަކުރިއެވެ.

“މީގައި އެންމެ ބޮޑު މައްސަލައަކީ ޒާތީ މައްސަލަތައް. އެސޯސިއޭޝަން ތެރޭގަވެސް އެބަހުރި. މިސާލަކަށް ގިނަ ދުވަހު ކުޅެފަތިބި މީހުންގެ މަޝްވަރާއާ ލަފާ ހޯދައި އެމީހުންވެސް ބައިވެރިކޮށްގެން ފެމިލީ އެއް ގޮތުގައި މަސައްކަތްކޮށްގެން ނޫނިއްޔާ މިއެއް ކާމިޔާބަކާ ހަމަޔަކަށް ނުގެންދެވޭނެ. އެފްއޭއެމް އެބަ ޖެހޭ މިނިވަން ތަނަކަށް ވާން. ބައެއްގެ ނުފޫޒް އޮންނަ ތަނަކަށް ވެގެން ނުވާނެ. ހަމައެއާއެކު ޓެލެންޓް އޮތް ތަންތަނަށް ޓެލެންޓް ހޯދަން އެބަ ދާންޖެހޭ. ސްކޫލް މުބާރާތްތައް އަލުން ފަށައި އެ ފޯރި ގެންނަން އެބަ ޖެހޭ. އަތޮޅު ތެރޭގަ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވާންޖެހޭ. މިހިރީ ހައްތަހާވެސް އެފްއޭއެމުން އިސްނަގައިގެން ކުރަންޖެހޭ ކަންކަން'” ލަރޭ އޭނާގެ ހިޔާލުތައް އޮއްސާލިއެވެ.

ލަރޭގެ އެ ވާހަކަތަކެއް އަހަރެމެން އެއްޗެއް ބުނާކަށްނެތީމެވެ. އަހަރެމެން އެދެނީ ލަރޭގެ މަސައްކަތަށް ކާމިޔާބެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *