ޖެރާޑްގެ ރޭންޖާސް އާއި މިލާން ޔޫރޮޕާ ލީގުން ކަޓައިފި

ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އޮސްޓްރިއާގެ ރެޕިޑް ވިއޭނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ސްޓީވެން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްކޮޓްލެންޑް ގެ ރޭންޖާސް އާއި ކުރިން ޔޫރަޕްގެ ގަދަ ބާރު އިޓަލީގެ އޭސީ މިލާން ވެސް ޔޫރޮޕާ ލީގުން ކަޓައިފި އެވެ.
ލިވަޕޫލާ އިންގްލެންޑްގެ ލެޖެންޑް ޖެރާޑް ފުޓްބޯޅަ ކެރިއަރު ނިންމާލުމަށްފަހު ލިވަޕޫލްގެ ޔޫތް ޓީމުގެ ކޯޗަކަށް ހުރުމަށްފަހު ރޭންޖާސްއާ ހަވާލުވީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ހަވާލުވުމަށްފަހު ޖެރާޑްގެ އެންމެ ބޮޑު ޓާގެޓަކަށް ޓީމުގެ ހާލަތު ރަނގަޅުކޮށް ލީގުގައި ސެލްޓިކާއި ރަނގަޅު ވާދައެއް ކުރުމެވެ. އެކަމަކު މޮޅެއް ހޯދައިގެން ގަދަ 32 ޓީމުގެ ތެރޭގައި ހިމެނުމުގެ އުއްމީދުގައި ނުކުތް ރޭންޖާސް ކުޅުނު މެޗު ބަލަން އެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޮސްޓްރިއާ އަށް ގޮސްފައެވެ.
ރޭ ރެޕިޑް ވިއޭނާ ދަނޑުގައި ކުޅުނު މެޗުން ރޭންޖާސް ބަލިވީ 1-0 އިންނެވެ. ގަދަ 32 ޓީމުގެ ތެރޭގައި ހިމެނުމަށް ރޭގެ މެޗުން ރޭންޖާސް މޮޅުވުން އޮތީ މަޖުބޫރުވެފައެވެ. ގްރޫޕް ޖީ އިން އެއް ވަނަ 10 ޕޮއިންޓާއެކު ލިބުނީ ރޭ 2-0 އިން ސްޕާޓަކް މޮސްކޯ ބަލިކުރި ސްޕެއިންގެ ވިޔަރެއާލް އަށެވެ. ރޭގެ މެޗުން މޮޅުވި ރެޕިޑް ވިއޭނާއަށް ވެސް 10 ޕޮއިންޓް ލިބުނު އިރު އެޓީމަށް ގްރޫޕުގެ ދެ ވަނަ ލިބުނީ ހެޑް ޓު ހެޑް ރެކޯޑުންނެވެ. ހަ ޕޮއިންޓާއެކު ރޭންޖާސް އަށް ގްރޫޕުގެ ތިން ވަނަ ލިބުނުއިރު ފުލަށް ދިޔައީ ފަސް ޕޮއިންޓް ލިބުނު ސްޕާޓަކް މޮސްކޯ އެވެ.
ރޭގެ މެޗުގެ ހަމައެކަނި ގޯލު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޖެހީ ޑެޖަން ޔުބިސިޗް އެވެ. ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ރޭންޖާސް އިން ދަތުރު ފެށީ މިދިޔަ ޖުލައި މަހު އެވެ. ރޭގެ ބައްޔަކީ ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު 14 މެޗުން އެޓީމު ބަލިވި ދެ ވަނަ މެޗެވެ.
ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައިވާ ކުރީގެ ގަދަބާރު ގްރޫޕް ސްޓޭޖުން ކެޓީ ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އަތުން 3-1 އިން ބަލިވުމުންނެވެ. ރޭގެ މެޗަށް ނުކުތްއިރު ދެ ވަނަ ބުރުގެ ފުރުސަތު ތަނަވަސްވެފައި އޮތީ މިލާނަށެވެ. އޮލިމްޕިއާކޯސް ގަދަ 32 ޓީމުގެ ތެރޭގައި ހިމެނުމަށް ދެ ގޯލުގެ ތަފާތުން މިލާން ބަލިކުރަން އޮތީ މަޖުބޫރުވެފައެވެ. އަދި މެޗުގައި މިލާން މެޗުގައި ދެގޯލު ޖަހައިފިނަމަ އަވޭ ގޯލުން ކުރި ހޯދަން އޮލިމްޕިއާކޯސް ތިން ގޯލުގެ ތަފާތަކުން މޮޅުވަން ޖެހެއެވެ.
މިލާން ހިމެނޭ ގްރޫޕް އެފް އިން 12 ޕޮއިންޓް ހޯދައި އެއް ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވީ ސްޕެއިންގެ ރެއާލް ބެޓިސް އެވެ. އެޓީމުގެ ފަހަތުން 10 ޕޮއިންޓާއެކު އޮލިމްޕިއާކޯސް އަށް ދެ ވަނަ ލިބުނު އިރު މިލާން ވެސް ވަނީ މި އަދަދަށް ޕޮއިންޓް ހޯދައިފައެވެ. އެކަމަކު ދެޓީމު ހެޑް ޓު ހެޑް ގަވައިދުން އެއްވަރުވުމުން މިލާން މުބާރާތުން ކެޓީ ފައިދާ ދެ ގޯލު މަދުވުމުންނެވެ.
މެޗުގެ ހުރިހާ ގޯލެއްވެސް ފެނުނީ ދެ ވަނަ ހާފުގައެވެ. 60 ވަނަ މިނެޓުގައި އޮލިމްޕިއާކޯސްގެ ފުރަތަމަ ގޯލު ޕަޕާ އަބޫ ސިސޭ ޖެހިއިރު ދެވަނަ ގޯލަކީ 69 ވަނަ މިނެޓުގައި މިލާންގެ ކްރިސްޓިއަން ޒަޕާޓާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ޒަޕާޓާ ވަނީ ގޯލެއް ޖަހައި މިލާނަށް އުއްމީދެއް ގެނެސްދީފައެވެ. އޮލިމްޕިއާކޯސް ކޮލިފައިވުމަށް ބޭނުންވި ގޯލު މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ކޮންސްޓެންޓިނޮސް ފޯޗޫނިސް އެވެ.
ގޯލުގެ ތަފާތުން ބަލިވެ ކުރީގެ ގަދަ ބާރު ޔޫރޮޕާ ލީގުން ކެޓިއިރު މިއީ 01-2000 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓިފަހުން މިލާން ޔޫރަޕްގެ މުބާރާތެއްގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރު އެވެ.
އިނގިރޭސި ކްލަބްތަކުން ރޭ ކުޅުނު މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ ޒުވާން ޓީމަކާއެކު އަމިއްލަ ދަނޑުގައި އަޒަރުބައިޖާންގެ ގަރަބާގް 1-0 އިން ބަލިކޮށްފައެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ އެލެކްޒެންޑާ ލަކަޒެޓް އެވެ. ރޭގެ މެޗުގައި އެޓީމުގެ ލައުރެންޓް ކޮޝިއެލްނީ ވަނީ މިދިޔަ މެއި މަހު ލިބުނު އަނިޔާއިން ރަނގަޅު ވުމަށްފަހު ފުރަތަމަ ފަހަރަށް ކުޅެފައެވެ. ރޭގެ މޮޅާއެކު ގްރޫޕް އީ ގެ އެއް ވަނަ އާސެނަލް ހޯދީ ކުޅުނު ފަސް މެޗުން ލިބުނު 16 ޕޮއިންޓާ އެކުއެވެ. ފަސް މެޗުން މޮޅުވި އިރު އެޓީމަށް ޕޮއިންޓް ގެއްލުނީ އަމިއްލަ ދަނޑުގައި ސްޕޯޓިން ލިސްބަންއާ ވާދަކޮށް 0-0 އިން އެއްވަރުވި މެޗުގައެވެ. ރޭގެ މޮޅާއެކު އާސެނަލް ވަނީ އެއްވެސް މެޗަކުން ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ. މީގެ ކުރިން އެޓީމަށް މި ރެކޯޑް ލިބުނީ 2007 ވަނަ އަހަރު ބަލިނުވެ ކުޅުނު 28 މެޗުގައެވެ.
ރޭ ޗެލްސީ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ވަނީ އަނިޔާވެފައެވެ. ހަންގޭރީގެ ކްލަބް ވިޑީ އެފްސީ އާ ރަށުން ބޭރުގައި ވާދަކުރި މެޗުގައި ޗެލްސީގެ ގޯލުތައް ޖަހައިދިނީ ވިލިއަން އާއި އޮލިވިއޭ ޖިރޫޑް އެވެ. ފުރަތަމަ ހާފުގެ ފަހުކޯޅު މޮރާޓާގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރި އިރު ޗެލްސީގެ ކޯޗު މައުރިޒިއޯ ސާރީ ބުނީ އަނިޔާ އެހާ ސީރިއަސް ނޫންކަމަށެވެ. ޗެލްސީ ހިމެނުނު ގްރޫޕް އެލް އިން އެޓީމު އެއްވަނަ ހޯދީ ކުޅުނު 6 މެޗުން ލިބުނު 16 ޕޮއިންޓާ އެކުއެވެ. އެޓީމުގެ ފަހަތުން ދެ ވަނަ ލިބުނީ ނުވަ ޕޮއިންޓް ލިބުނު ބޭޓް އަށެވެ.
Advertisement


Leave a Reply