ލެގޫންސް ބަލިކޮށް ސެމީގެ ދެ ވަނަ ޖާގަ ރޮކް ސްޓްރީޓަށް

Advertisement

ލެގޫންސް ބަލިކޮށް ސެމީގެ ދެ ވަނަ ޖާގަ ރޮކް ސްޓްރީޓަށް

ޢަލީ ޝަހީމް
މުބާރާތުގަިއ ވާދަކުރާ ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް. ފޮޓޯ: ރޮކް ސްޓްރީޓް

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި ލެގޫންސް ސްޕޯޓްސް ކްލަބް ބަލިކޮށް ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ. ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ރޮކް ސްޓްރީޓް މޮޅުވީ ފަސޭހަ ކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

މި ދެޓީމުވެސް ކުއާޓާއަށް ދަތުރު ކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ލެގޫންސް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވިއިރު ވަނީ 16 ގޯލު ޖަހައި ބައިކޮޅަށް ތިން ގޯލު ވަދެފައެވެ. ރޮކް ސްޓްރީޓް ކުއާޓާއަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރު ކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި އެޓީމުން އަށް ގޯލު ޖެހިއިރު ބައިކޮޅަށް ހަތަރު ގޯލު ވަދެފައި ވެއެވެ.

Advertisement

ރޭގެ މެޗުގައި ނުކުތް ރޮކް ސްޓްރީޓް ގެ ފުރަތަމަ އެގާރަ. ފޮޓޯ: ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރޮކް ސްޓްރީޓުން ވަނީ ހަތަރު ގޯލު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ހަތަރު ވަނަ މިނެޓުގައި ޖެހީ މުހައްމަދު ޔަފާހު އެވެ. ދެ ވަނަ ލަނޑު 15 މިނެޓުގައި ހަސަން ނޫރިޝް ޖެހިއިރު 27 ވަނަ މިނެޓުގައި ތިން ވަނަ ލަނޑުވެސް ޖެހީ ފުރަތަމަ ގޯލު ޖަހައިދިން ޔަފާހު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 38 ވަނަ މިނެޓުގައި ރޮކްސްޓްރީޓުގެ ހަތަރު ވަނަ ގޯލު ޖެހީ މުހައްމަދު ނާހިލް އިބްރާހީމް އެވެ. އެޓީމުގެ ފަހު ދެގޯލުވެސް ޖެހީ ދެ ވަނަ ހާފުގައި މުހައްމަދު ނާފިއު އަހުމަދު އެވެ. ނާފިއު ފުރަތަމަ ގޯލު ޖެހީ 71 ވަނަ މިނެޓުގައެވެ. އަދި، މެޗުގެ ހަތް ވަނަ ގޯލު ނާފިއު ޖެހީ އިތުރުވަގުތުގައެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގައި އަށް ރީނދޫ ކާޑު ދެއްކިއިރު 81 ވަނަ މިނެޓުގައި ލެގޫންސް ގެ އިބްރާހީމް ޝާފިއު އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައިފައެވެ.

ރޭގެ މެޗުން މޮޅުވި ރޮކް ސްޓްރީޓްސް ސެމީ ފައިނަލުގައި ނުކުންނާނީ ކުއާޓާގެ ފުރަތަމަ މެޗުން މޮޅުވި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ސެމީ ފައިނަލުގައި މި ދެޓީމު ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު އެވެ.

ކުއާޓާފައިނަލުގެ ބާކީ ދެ މެޗު އޮތްއިރު މިއަދު ހަވީރު ކުޅޭ މެޗުގައި މުއިވެޔޮ ފްރެންޑްސް ނުކުންނާނީ ސުޕަރ ޔުނައިޓެޑާއި ދެކޮޅަށެވެ. ފަހު މެޗުގައި މިރޭ ވާދަކުރާނީ ސެންޓް ސްޕޯޓްސް ކްލަބް އަދި ދި ބޯސް ސްޕޯޓްސް ކްލަބެވެ. މި ދެ މެޗުވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *