ފެންވަރު ދައްކާލުމަށްފަހު ބުރު ސްޕޯޓްސް ސެމީ އަށް
ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ބުރު ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ބުރު ސްޕޯޓްސް ސެމީގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ފަސޭހަކަމާއެކު 7-0 އިން ކޮންފެރޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
ބުރު ސްޕޯޓްސް ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި 22 ގޯލު އެޓީމުން ޖެހިއިރު ބައިކޮޅަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓުގައި ޖެހީ ޝާފިއު ރަޝީދް އެވެ. އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ދެ ވަނަ ލަނޑު ޖެހީ ކުރިން އެއްވަނަ ޑިވިޝަނުގައި ވިދާލި ޝިނާޒް ހިލްމީ އެވެ. ފުރަތަމަ ހާފުގައި އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އެޓީމަށް ލީޑު ފުޅާކުރެވޭ ގޮތެއް ނުވިއެވެ.
ދެ ވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ފަސް ގޯލު ޖަހައިފައެވެ. މެޗުގެ 51 ވަނަ މިނެޓާއި 58 ވަނަ މިނެޓުގައި އެޓީމުގެ ގޯލުތައް ޖެހީ ހަމްދާން އަބްދުއްސައްތާރެވެ. އަނެއް ތިން ގޯލު ފެނުނީ މެޗުގެ ފަހު 10 މިނެޓުގައެވެ. 82 ވަނަ މިނެޓުގައި ހަސަން ނަސީރު އެޓީމުގެ ފަސް ވަނަ ގޯލު ޖެހިއިރު ފަހު ދެ ލަނޑު ޖެހީ އަލީ އަރީހް އެވެ. އަރީހްގެ ފުރަތަމަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖެހިއިރު ފަހު ލަނޑު ޖެހީ އިތުރު ވަގުތުގައެވެ.
ކުއާޓާގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބާއި ލެގޫންސް އެވެ. މިރޭ 9 ޖަހާއިރު ފަށާ މިމެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ ބުރު ސްޕޯޓްސް ކްލަބާއެވެ.
Advertisement
Leave a Reply