ކިންގްސް ބަލިކޮށް ގައުމީ ލީގުގެ ޗެމްޕިއަންކަން ޓީރެކްސް އަށް
ގައުމީ ބާސްކެޓްބޯލް ލީގުގައި ރޭ ކިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން 13 ވަނަ ގައުމީ ލީގު ހޯދައިފިއެވެ. ރޭގެ މެޗުން ޓީރެކްސް ކުރިހޯދީ 69-74 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު ލީގުގެ ޗެމްޕިއަންކަން ކިންގްސް ހޯދިއިރު ގައުމީ މުބާރާތް ކާމިޔާބުކުރީ ޓީރެކްސް އިންނެވެ. މިއަހަރު ކިންގްސް ގެ ކިބައިން ބަދަލުހިފައި ޓީރެކްސް އިން ގައުމީ ލީގު ކާމިޔާބު ކުރިއިރު ދެން އޮންނާނީ ގައުމީ މުބާރާތުގެ ކުޅުމެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީރެކްސް އަށް ކުޅޭ ބޮސްނިއާގެ ކުޅުންތެރިޔާ އޭއަމިން ޖޭޒްވިން އެވެ. ޖޭޒްވިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އޭނާ ހުއްޓުވުމަށް ކިންގްސް ޓީމަށް ރޭގެ މެޗުގައި އުނދަގޫވިއެވެ. އެކަމަކު މި ދެޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު ކާމިޔާބު ކުރީ ކިންގްސް އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބުގެ ސްލޮވާކިއާ ކުޅުންތެރިއާ ރިލްވާން ބަކާރޭ އާއި ކިންގްސް ގެ މުހައްމަދު ޒިލާލް އާއި އެޓީމުގެ އެމެރިކާ ކުޅުންތެރިއާ މައިކް ފޭ އާއި ރެޕްޓާސްގެ މަފާޒް މުހައްމަދު އަދި އެޓީމުގެ ސާބިއާ ކުޅުންތެރިއާ މިލޯރޮޑް އެވެ.
ބާސްކެޓްބޯލް ގައި މި އަހަރު މިހާތަނަށް ކުޅުނު ދެ މުބާރާތްވެސް ކާމިޔާބު ކުރީ ޓީރެކްސް އިންނެވެ. މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕާއި ގައުމީ ލީގު ކާމިޔާބު ކުރުމަށްފަހު އެޓީމުގެ މިހާރު އަމާޒަކީ ގައުމީ މުބާރާތްވެސް ކާމިޔާބުކުރުމެވެ.
Advertisement
Leave a Reply