ބޮޑެތި ގިނަ ޓީމްތައް ބަލިވިޔަސް ބަދަލުވި އެއްކަމެއްވެސް ނެތް
ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތަކުން ޔޫރަޕްގެ ނަން މަޝްހޫރު ޓީމްތައް ކަމަށްވާ ރެއާލް މެޑްރިޑާއި ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ. އެކަމަކު ރޭގެ މެޗްތަކަށް ނުކުތްއިރު މި ޓީމްތަކަށް ޓޭބަލްގައި ލިބިފައި އޮތް މަގާމަށް މި ނަތީޖާތަކުގެ ސަބަބެއް ބަދަލެއް އައިސްފައެއް ނުވެއެވެ.
ރެއާލް ތަޖްރިބާކުރީ ބޮޑު ބައްޔެއް
ޗެމްޕިއަންސް ލީގްގެ ތަށި އެންމެ ފަހުން އުފުލާލި ސްޕެއިންގެ ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ނުކުތީ ރަޝިޔާގެ ސީއެސްކޭ މޮސްކޯއާ ދެކޮޅަށެވެ. މެޗަށް ނުކުތް އިރުވެސް ރެއާލް އޮތީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ގަދަ ސޯޅައިގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެހެންވުމާއެކު ސީއެސްކޭ މޮސްކޯއާ ދެކޮޅަށް އެޓީމުން ރޭ ނެރުނު ފުރަތަމަ އެގާރައިގައި ގިނައީ ބަދަލު ކުޅުންތެރިންނެވެ. ރޭގެ މެޗްގައި ސީއެސްކޭ މޮސްކޯ އިން ރެއާލްގެ ކޮޅަށް ތިން ގޯލް ޖެހިއިރު ރެއާލްއަށް ސުންވެސް ކަނޑުވާލެވޭ ގޮތެއް ނުވިއެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގެ މެޗެއްގައި މިހާ ބޮޑު ތަފާތަކުން އަމިއްލަ ރަށުގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗްގައި ސީއެސްކޭއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖެހީ ފުރަތަމަ ހާފްގައެވެ. މެޗުން ބަލިވިޔަސް ރެއާލުން ވަނީ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ސީއެސްކޭ ގެ ގޯލާ އަމާޒުކޮށްފައެވެ.
މި ދެޓީމް ހިމެނޭ ގްރޫޕުން ގަދަ ސޯޅައަށް ރެއާލް އާއެކު ކޮލިފައިވީ އިޓަލީ ގެ ރޯމާ އެވެ. ރޭ ރަށުން ބޭރުގައި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލަޒެންއާ އެކު ކުޅުނު މެޗުން 1-2 އިން ރޯމާ ބަލިވި ނަމަވެސް އެޓީމަށް އޮތީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ގަދަ ސޯޅައިގެ ޖާގަ ކަށަވަރުވެފައެވެ.
ޔުނައިޓެޑަށްވީ ހަމަ ޔުވެންޓަސް އަށްވެސް ވީގޮތް
ރޭ ރަށުން ބޭރުގައި ވެލެންސިޔާއާ ދެކޮޅަށް ޔުނައިޓެޑް ނުކުތްއިރު ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބިދާނެ ހާލަތެއް އޮތެވެ. އެއީ ވެލެންސިޔާގެ މައްޗަށް ކުރި ހޯދުމާއެކު ޔަންގް ބޯއިސް އަތުން ޔުވެންޓަސް ބަލިވުމެވެ. އެކަމަކު ޔުނައިޓެޑަށް ބާރު ފޯރުވެން ނެތް މެޗްގެ ނަތީޖާ އެޓީމްގެ ކޮޅަށް ނުކުތް އިރު ޔުނައިޓެޑް ކުރަން އޮތް މަސައްކަތް އެޓީމަށް ފުރިހަމައެއް ނުކުރެވުނެވެ.
ވެލެންސިޔާގެ ދަނޑުގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ވެލެންސިއާ އެވެ. މެޗްގެ 17 ވަނަ މިނެޓްގައި ވެލެންސިއާގެ ފުރަތަމަ ގޯލް ކާލޮސް ސޯލާ ކާމިޔާބުކުރުމުން ޔުނައިޓެޑް ޕްރެޝަރަށް ވެއްޓުނެވެ. އަދި، މެޗްގެ ފަހު ހާފް ފެށުނު ތަނާހެން ޑިފެންޑަރ ފިލް ޖޯންސްގެ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު އިތުރު މައްސަލަތަކެއް ޔުނައިޓެޑަށް ކުރިމަތިވިއެވެ. މެޗްގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗް ނިމެން އެންމެ ތިން މިނެޓަށްވެފައިވަނިކޮށް މާކަސް ރެޝްފޯޑެވެ.
ޔުނައިޓެޑް ހިމެނޭ ގްރޫޕްގެ އެއްވަނައިގައި އޮތް ޔުވެންޓަސްވެސް ރަށުން ބޭރުގައި ރޭ ބަލިވީ ހަމަ 1-2 އިންނެވެ. ސްވިޒަލެންޑްގެ ޔަންގް ބޯއީޒް ގެ ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ގޯލްޖަހައި ކުރި ހޯދީ ޔަންގް ބޯއީޒް އެވެ. މެޗްގެ 30 ވަނަ މިނެޓްގައި ޕެނަލްޓީއަކުން ޔަންގް ބޯއީޒް އަށް ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ފޯވާޑް ގުއިލެމް ހޯރައު އެވެ. މެޗަށް ނުކުތުމުގެ ކުރިންވެސް ގަދަ ސޯޅައިގެ ޖާގައެއް ކަށަވަރުވެފައި އޮތް ޔުވެންޓަސްއަށް ގްރޫޕްގެ އެއް ވަނަ ގެއްލިދާނެ ކަމުގެ ބިރު ހީވީ މެޗްގެ 68 ވަނަ މިނެޓްގައި ޔަންގް ބޯއީޒް އިން އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކުރުމުންނެވެ. މި ލަނޑު ޔަންގް ބޯއިސް އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހޯރައު އެވެ. ޔުވެންޓަސްއަށް މެޗް ނިމުމުގެ ކުރިން އެންމެ ބޮޑުވަރަކަށްވެސް ކުރެވުނު ކަމަކީ ސުން ކަނޑުވާލުމެވެ. މެޗްގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 80 ވަނަ މިނެޓްގައި އެޓީމްގެ ޕައުލޯ ޑީބަލާ އެވެ.
Advertisement
Leave a Reply