އަންހެނުންގެ ކްރިކެޓް ފައިނަލްގައި މިފަހަރު ފުވައްމުލަކާއި ކުނަހަންދޫ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 2 ވަނަ ގައުމީ ޓީ20 އަންހެނުންގެ ކްރިކެޓް މުބާރާތުގެ ފައިނަލަށް ފުވައްމުލަކު ސީބީއެލް ސްޕޯޓްސް އާއި ކުނަހަންދޫ މާލެ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ. ފުވައްމުލައް މުބާރާތުގެ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ވިޔަންސާ ވިލިނގިއްޔާ ވާދަކޮށް ދިހަ ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ކުނަހަންދޫ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީގެ ދެވަނަ މެޗްގައި ހިންނަވަރު ހިރިޔާ މާލެ އާ ބައްދަލުކޮށް 89 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އިއްޔެ ހެނދުނު ފުވައްމުލަކު ސީބީއެލް ސްޕޯޓްސް އާ ވިޔަންސާ ބައްދަލުކުރި މެޗްގައި ޓޮސް ލިބިގެން ވިޔަންސާއިން ނިންމީ ފުރަތަމަ ބެޓްކުރާށެށެވެ. ވިޔަންސާއިން ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދުނީ އެންމެ 38 ލަނޑެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް އުކައިފައިވަނީ 3 ވިކެޓް ނެގި އައިމާ އެވެ. ވިޔަންސާގެ އެއްވެސް ކުޅުންތެރިއަކަށް ލަނޑުގެ އަދަދު ދިހައަކަށްވެސް އެރުވޭ ގޮތެއް ނުވިއެވެ.
ވިޔަންސާގެ އިނިންގްސް ނިމުމުން ފުވައްމުލަކު ޓީމުން ކުޅެންއަރާ އެންމެ ހަތަރު އޯވަރުގެ ތެރޭގައި ވިޔަންސާގެ މައްޗަށް ކުރި ހޯދިއިރު އެންމެ ކުޅުންތެރިއަކުވެސް ނުބައެއް ނުވެއެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 24 ލަނޑު ހެދި ކެޕްޓަން ޒޫނާ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އިއްޔެ މެންދުރުފަހު ކުނަހަންދޫ މާލެ ސްޕޯޓްސް ކްލަބް ނުކުތީ ހިންނަވަރު ހިރިޔާ މާލެއާ ދެކޮޅަށްވެ. ހިންނަވަރުން ޓޮސް ކާމިޔާބުކޮށްގެން އިހްތިޔާރުކުރީ ފުރަތަމަ އުކާށެވެ. ކުނަހަންދޫއަށް ކުޅެން ލިބުނު 20 އޯވަރު ގެ ތެރޭގައި 135 ލަނޑު ހެދިއެވެ. ކުނަހަންދޫއިން އެންމެ ރަގަޅަށް ކުޅެފައިވަނީ 65 ބޯޅައިން 58 ލަނޑު ހެދި ސުމައްޔާ އެވެ. މިއީ މި މުބާރާތުގައި ސުމައްޔާ ހެދި ދެވަނަ ހާފް ސެންޗަރީ އެވެ. ހިންނަވަރު ޓީމުން އެންމެ ރަގަޅަށް އުކައިފައިވަނީ 2 ވިކެޓް ނެގި ކެޕްޓަން ޝައްފަ އެވެ.
ކުނަހަންދޫގެ ކުޅުން ނިމުމުން ހިންނަވަރު ޓީމުން ކުޅެންއަރާ 17 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު ދެވުނީ އެންމެ 46 ލަނޑެވެ. ކުނަހަންދޫ ޓީމުން މި މެޗްގައި އެންމެ މޮޅަށް އުކައިފައިވަނީ 3 އޯވަރުގެ ތެރޭ 1 މެއިޑުން 6 ލަނޑަށް 3 ވިކެޓް ނެގި ލައިޝާއެވެ
ހަތަރު ޓީމް ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހު އެވެ. މި މުބާރާތުގައި ފުވައްމުލަކާއި ކުނަހަންދޫ ފުރަތަމަ ބުރުގައި ވާދަކުރި މެޗް އެންމެ ވިކެޓަކުން ކާމިޔާބުކުރީ ފުވައްމުލަކެވެ.
Advertisement


Leave a Reply