އަނިޔާއިން ރަނގަޅުވެ ކޮޝިއެލްނީ އަލުން ކުޅުމުގެ ތެރެއަށް

Advertisement

އަނިޔާއިން ރަނގަޅުވެ ކޮޝިއެލްނީ އަލުން ކުޅުމުގެ ތެރެއަށް

ޢަލީ ޝަހީމް

އާސެނަލްގެ ޑިފެންޑަރު ލައުރެންޓް ކޮޝިއެލްނީ އަނިޔާއިން ރަނގަޅުވެ ހަ މަސްދުވަހަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރުވެއްޖެ އެވެ. އަނިޔާގެ ސަބަބުން މި އަހަރުގެ މެއި މަހުން ފެށިގެން ކޮޝިއެލްނީ ކުޅެފައެއް ނުވެއެވެ. އެކަމަކު މިދިޔަ ހަފްތާ 21 އަހަރުގެ ދަށުގެ ޓީމަށް މެޗެއް ކުޅެދިނުމަށްފަހު މިރޭ ޔޫރޮޕާ ލީގުގައި އާސެނަލާއި އަޒަރުބައިޖާންގެ ގަރަބާގްއާ ވާދަކުރާ މެޗުގައި ކޮޝިއެލްނީ ފެންނާނެ ކަމަށް ކޯޗު އުނާއީ އެމެރީ ވަނީ ބުނެފައެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް އީ ގެ އެއް ވަނައިގައި އާސެނަލް އޮތް އިރު އެޓީމަށް މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ގެއްލޭނެ އެއްޗެއް ނެތެވެ. 13 ޕޮއިންޓާއެކު އެޓީމު ގްރޫޕުގެ އެއް ވަނަ ޔަގީން ކޮށްފައިވާއިރު ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ލިބިފައިވާ ސްޕޯޓިން ލިސްބަން އެވެ.

Advertisement

މިރޭ މެޗުގައި ކުޅުނަސް ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކޮޝިއެލްނީ ފެންނާނެ ކަމުގެ ޔަގީންކަން ނުދެވޭނެކަމަށް އެމެރީ ބުންޏެވެ.

“އަހަރެމެން މި ބަލަނީ އޭނައަށް 90 މިނެޓު ކުޅެވޭތޯ. ނޫނީ ކިތަށް މިނެޓުތޯ މި މެޗުގައި ކުޅެވޭނީ. އަހަރެމެނަށް ކޮޝިއެލްނީ ކުޅޭ މަގާމަށް ނަޗޯ މޮންރިއަލް ވެސް ބޭނުންކުރެވިދާނެ. ނަޗޯ ވަނީ ކެރިއަރުގައި މީގެ ކުރިން އެ މަގާމަށް ކުޅެފަ. އެކަމަކު އެންމެ ފުރަތަމަ ކަމަކީ މިރޭގެ މެޗު. މި މެޗަށްފަހު އަހަރެމެންނަށް ލިބޭ މައުލޫމާތަކުން ކޮޝޮއެލްނީގެ ހާލަތު އެނގޭނެ” އުމުރުން 33 އަހަރުގެ ކުޅުންތެރިޔާއާ ގުޅޭގޮތުން އެމެރީ ބުންޏެވެ.

އަނިޔާގެ ސަބަބުން ކޮޝިއެލްނީ އަށް ވަނީ މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފްރާންސް ޓީމުންވެސް ފުރުސަތު ގެއްލިފައެވެ. ވޯލްޑް ކަޕް ދުވަސްވަރު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން އަސަރު ކުރިކަމަށް ކޮޝިއެލްނީ ވަނީ މިދިޔަ އޮކްޓޫބަރު މަހު ބުނެފައެވެ. އަނިޔާގައި ހުރި ދުވަސްވަރު ފްރާންސްގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ކަންތައް ކުރީ ރަނގަޅަށް ނޫންކަމަށްބުނެ ކޮޝިއެލްނީ ވަނީ މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

“އަހަރެންގެ އުފަންދުވަހު ސެޕްޓެމްބަރު މަހު ޑެޝޯމްޕްސް ގުޅި. އޭގެ ފަހުން އަދި ކުރިންވެސް ކޯޗު އަހަރެންގެ ހާލު ބަލައި ވާހަކަދައްކާފައެއް ނެތް. ކޯޗު އެކަންޏެއް ނޫން. ވަރަށް ގިނަ ކުޅުންތެރިން އަހަރެންނާ ދޭތެރޭ ކަންތައްކުރީ އެގޮތަށް” ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން އޮކްޓޫބަރު މަހު ކޮޝިއެލްނީ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އާސެނަލަށް ވަނީ އަނިޔާގެ މައްސަލަތަކާއި ކުރިމަތިވެފައެވެ. އެމެރީ ބުނީ އަނިޔާގެ ސަބަބުން އޮޒިލް އަދިވެސް އެއްކޮށް ރަނގަޅު ނުވާކަމަށެވެ. އޮޒިލްގެ އިތުރުން މި ސީޒަނުގައި އެޓީމާ ގުޅުނު ކޮސްޓަންޓިނޮސް މަވްރޮޕަނޮސް އާއި ޑެނީ ވެލްބެކް އަދި ޝޮރްޑަން މުސްތާފީ ހުރީ އަނިޔާގައެވެ. މި ކުޅުންތެރިންގެ އިތުރުން މި ސީޒަނުގައި އެޓީމަށް ގިނަ މެޗުތަކެއް ކުޅެދިން ޑިފެންޑަރ ރޮބް ހޯލްޑިން ވަނީ އަނިޔާގެ ސަބަބުން ނުވަ މަސްދުވަހަށް ކުޅުމާދުރަށް ދާންޖެހިފައެވެ.

އެމެރީ ބުނީ މިރޭ އާސެނަލް ޓީމުން ޒުވާން ގިނަ ކުޅުންތެރިތަކަކަށް ފުރުސަތުދޭނެ ކަމަށާއި އެއީ ކުރިއަށް އޮތް 10 ދުވަހު އެޓީމުން ވަރުގަދަ ހަތަރު މެޗު ކުޅެންޖެހޭތީ ކަމަށެވެ. ޔޫރޮޕާ ލީގުގައި އާސެނަލުން މިހާތަނަށް ކުޅުނު މެޗުތަކުގައި ތަފާތު 26 ކުޅުންތެރިއަކަށް ވަނީ ފުރުސަތު ދީފައެވެ. މިއީ އެއް ކްލަބަކުން މި މުބާރާތުގައި ކުޅުންތެރިން ބޭނުންކުރި އެންމެ ގިނަ އަދަދެވެ. އާސެނަލް ދަނޑުގައި ގަރަބާގްއާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު އެކެއް ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *