ދޮންފަނު އިންވިޓޭޝަން ކަޕް: ސެމީގެ ފަހު ޖާގަ ކިހާދޫ އަށް

Advertisement

ދޮންފަނު އިންވިޓޭޝަން ކަޕް: ސެމީގެ ފަހު ޖާގަ ކިހާދޫ އަށް

ޢަލީ ޝަހީމް
ކިހާދޫ ޓީމުގެ އީމާން ގޯލުޖެހުމަށްފަހު އުފާފާޅު ކުރަނީ. އެޓީމު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިގެން ސެމީގެ ޖާގައެއް ޔަގީންކޮށްފައި. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

ބ. ދޮންފަނުގައި 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްދާ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކިހާދޫ ހޯދައިފިއެވެ. ކިހާދޫން ސެމީގެ ޖާގައެއް ހޯދީ މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ބ. ކުޑަރިކިލާއި ވާދަކުރި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ގްރޫޕް ސްޓޭޖުގެ ކުޅުނު ނިމުނުއިރު ސެމީން ފުރުސަތު ހޯދީ ކިހާދޫގެ އިތުރުން ގޮއިދޫ އާއި އޭދަފުށި އަދި މުބާރާތް ބާއްވާ ދޮންފަނެވެ. ގްރޫޕް އޭ ގެ އެއް ވަނަ އޭދަފުށި ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެވެ. ގްރޫޕުގެ ދެ ވަނަ ހަ ޕޮއިންޓާއެކު ލިބުނީ ދޮންފަނަށެވެ. ދޮންފަނަށް ދެ ވަނަ ލިބުނީ ގްރޫޕްގެ ފަހު މެޗުގައި 2-1 އިން އޭދަފުށި އަތުން ބަލިވުމުންނެވެ. ގްރޫޕް އޭ އިން ތިން ވަނަ މާޅޮހަށް ލިބުނު އިރު ފުލަށް ދިޔައީ ކަމަދޫ އެވެ.

ގްރޫޕް ބީ ގެ އެއްވަނަ ހޯދީ ކިހާދޫ އެވެ. ދެ ވަނަ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫއަށް ލިބުނުއިރު ތިން ވަނަ ލިބުނީ ކުޑަރިކިލަށެވެ. ގްރޫޕުގެ ފުލަށް ދިޔައީ ދަރަވަންދޫ އެވެ. ގްރޫޕް ބީ ގެ އެއް ވަނަ ކިހާދޫ އަށް ލިބުނީ ގޮއިދޫއާ ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލުގެ ތަފާތުން ވެސް އެއްވަރުވެ ޖެހި ގޯލަށް ބަލައިގެންނެވެ. މުބާރާތުގައި ކިހާދޫން 10 ގޯލު ޖެހިއިރު ގޮއިދޫ އަށް ޖެހުނީ ނުވަ ގޯލެވެ. ގްރޫޕް ސްޓޭޖުގައި ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު މި ދެޓީމަށްވެސް ލިބުނީ ހަތް ޕޮއިންޓެވެ.

ކިހާދޫ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ދޮންފަނު އިންވިޓޭޝަން ކަޕް

މިއަދުގެ މެޗުގައި ކިހާދޫ ޓީމުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ޖެހީ މި އަހަރު ދިވެހި ޕްރިމިއާ ލީގުގައި ބ. ފެހެންދޫ ޓީމަށް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާން އެވެ. ކިހާދޫގެ ދެ ވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖެހީ މުހައްމަދު މާއިޝް އެވެ. ކިހާދޫން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ކުޑަރިކިލު ޓީމުގެ ހުސައިން ހަނާން ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ގޯލެއްޖަހާ އެޓީމަށް އުއްމީދެއް ގެނެސްދީފައެވެ. އެކަމަކު މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ކިހާދޫ ޓީމުގެ އީމާން ވަނީ މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިފައެވެ. ކިހާދޫގެ ހަތަރު ވަނަ ލަނޑު އޭގެ އަށް މިނެޓު ފަހުން ޖެހީ އަލީ އަނީސް އެވެ. އެއަށްފަހު މެޗުގެ 74 ވަނަ މިނެޓުގައި ކުޑަރިކިލު ޓީމަށް ލިބުނު ޕެނަލްޓީއަކުން ހަނާން ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލައިފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ކިހާދޫ ޓީމުގެ އަލީ ފަރުހާން ވައްދާލި ގޯލާއެކު  ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި އެޓީމަށް ސެމީގެ ޖާގައެއް ޔަގީންވިއެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިހާދޫ ޓީމަށް ދެގޯލު ޖަހައިދިން އެޓީމުގެ ކެޕްޓަން އީމާން އަށެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ގޮއިދޫ އާއި އޭދަފުށްޓެވެ. އަންނަ ހުކުރު ދުވަހު ހަވީރު މި ދެޓީމު ވާދަކުރާއިރު ހޮނިހިރު ދުވަހު ހަވީރު ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މުބާރާތް ބާއްވާ ދޮންފަނު ނުކުންނާނީ ކިހާދޫއާ ދެކޮޅަށެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް ގޮއިދޫ އެވެ. މިއީ ދޮންފަނު އިންވިޓޭޝަން ކަޕް އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތިން ވަނަ އަހަރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *