ގިނަ ބަޔަކު ހީނުކޮށް ތިއްބާ ޓޮޓެންހަމް ދެ ވަނަ ބުރަށް
ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތަކުގައި ރޭ ބާސެލޯނާއާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރި މެޗާއި އިންޓަ މިލާންއާއި ޕީއެސްވީ އެއިންދޯވަން ބައްދަލުކުރި މެޗްވެސް އެއްވަރުވުމުން އިންޓަ މިލާން މުބާރާތުން ކަޓައި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޓޮޓެންހަމް މުބާރާތުގެ ގަދަ ސޯޅައިން ޖާގަ ހޯދައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ބާސެލޯނާ ނުކުތްއިރުވެސް އެޓީމް ގްރޫޕްގެ އެއްވަނައިގައި އޮވެ ދެވަނަ ބުރަށް ވަނީ ދަތުރުކޮށްފައެވެ. އެކަމަކު ޓޮޓެންހަމްއަށް ދެވެނަ ބުރަށް ދެވެން އޮތް ހަމަ އެކަނި ގޮތަކަށް އޮތީ އެންމެ ކުޑަމިނުން މެޗް އެއްވަރުވެ އިންޓަ ޕީއެސްވީ އަތުން މޮޅު ނުވުމެވެ. ބާސެލޯނާގެ ދަނޑުގައި ޓޮޓެންހަމްއަށް އެއްވަރު ކުރެވުނަސް މުބާރާތުން ކަޓައިފައި އޮތް ޕީއެސްވީ އަތުން އަމިއްލަ ރަށުގައި ކުޅެ އިންޓަ މޮޅު ނުވެދާނެކަމަކަށް ގިނަ ބަޔަކު ހީއެއް ނުކުރެއެވެ.
ރޭގެ ނަތީޖާތަކާއެކު ގްރޫޕް ބީ ގެ އެއް ވަނަ 14 ޕޮއިންޓާއެކު ބާސެލޯނާއަށް ލިބުނު އިރު ޓޮޓެންހަމް އަދި އިންޓަ މިލާނަށްވެސް ލިބުނީ އަށް ޕޮއިންޓެވެ. ޓޮޓެންހަމަށް ދެ ވަނަ ލިބުނީ ދެޓީމުގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ. ތިން ވަނަ ލިބުނު އިންޓަ ދެން ކުޅޭނީ ޔޫރޮޕާ ލީގުގައެވެ. ގްރޫޕުގެ ފުލަށް ދިޔައީ ދެ ޕޮއިންޓް ލިބުނު ޕީއެސްވީ އެވެ.
ރޭގެ މެޗަށް ބާސެލޯނާއިން ނުކުތީ ލުއިސް ސުއަރޭޒް އަދި ލިއޮނެލް މެސީ ނުލައެވެ. މި މެޗްގައި ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ ބާސެލޯނާއިންނެވެ. މެޗް ފެށިގެން މާގިނައިރުތަކެއް ނުވަނީސް މި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. އެކަމަކު ޓޮޓެންހަމްއިން ހިތްވަރު އެލުވާނުލައި ނުލައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗް ނިމެން އެންމެ ފަސް މިނެޓަށް ވަނިކޮށް ބްރެޒިލްގެ ލޫކަސް މައުރާ ބާސެލޯނާގެ ގޯލަށް ވައްދާލި ބޯޅައާއެކު މެޗްގެ ނަތީޖާ ހަމަހަމަވިއެވެ. އޭރު އިންޓަ އާއި ޕީއެސްވީ ބައްދަލުކުރި މެޗްގެ ނަތީޖާވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ޖެހުނީ ދެ މެޗް ނިމެންދެން ނޭވާ ހިފަހައްޓާލައިގެން ތިބޭށެވެ.
އިންޓަގެ ދަނޑުގައި އެ ޓީމް ޕީއެސްވީ އާއި ރޭ ވާދަކުރި މެޗްގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕީއެސްވީ އިންނެވެ. މެޗްގެ 13 ވަނަ މިނެޓްގައި އެ ޓމަށް ގޯލް ކާމިޔާބުކޮށްދިނީ މެކްސިކޯގެ ތަރި ލޮޒާނޯއެވެ. އިންޓަ އަށް މެޗްގެ 73 ވަނަ މިނިޓްގައި އެއްވަރުކޮށްކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މައުރޯ އިކާޑީ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް އޭ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ދެ ވަނަ ޓީމުގެ ގޮތުގައި އެތްލެޓިކޯ މެޑްރިޑް އެ ގްރޫޕުން ކޮލިފައިވިއިރު ތިން ވަނަ ޓީމުގެ ގޮތުގައި ޔޫރޮޕާ ލީގަށް ކޮލިފައިވީ ބުރޫޖް އެވެ. އެ ގްރޫޕުގެ ފުލަށް ދިޔައީ އެއް ޕޮއިންޓް ލިބުނު ފްރާންސްގެ މޮނާކޯ އެވެ. ރޭ މި ގްރޫޕުގައި ޑޯޓްމަންޑުން ރަށުން ބޭރުގައި 2-0 އިން މޮނާކޯ ބަލިކުރި އިރު އެތްލެޓިކޯ މެޑްރިޑް ރަށުން ބޭރުގައި ބުރޫޖާއި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ގްރޫޕް ޑީ ގައި ރޭ ގަލަތަސަރާއި ގެ ދަނޑުގައި ޕޯޓޯ ވަނީ 3-2 އިން މޮޅުވެފައެވެ. އަދި އަމިއްލަ ދަނޑުގައި ޝާލްކޭ ވަނީ 1-0 އިން ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފައެވެ. ގްރޫޕް ޑީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި 16 ޕޮއިންޓާއެކު ޕޯޓޯ ދެ ވަނަ ބުރަށް ކޮލިފައިވި އިރު ދެ ވަނަ ލިބުނީ ޝާލްކޭ އަށެވެ. މި ގްރޫޕުން ޔޫރޮޕާ ލީގުގެ ޖާގައެއް ލިބުނީ ގަލަތަސަރާއީ އަށެވެ.
Advertisement
Leave a Reply