ނަޕޯލީ ރޮއްވާލުމަށްފަހު ލިވަޕޫލް ދެމިގެންފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އިޓަލީގެ ނަޕޯލީ އާ ވާދަކޮށް 0-1 އިން މޮޅުވެ ލިވަޕޫލް ގަދަ ސޯޅައިން ޖާގަ ހޯދައިފިއެވެ. ރޭގެ މެޗަށް ނުކުތްއިރު ނަޕޯލީ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތްއިރު ލިވަޕޫލް އޮތީ 6 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. މެޗް އެއްވަރުކޮށްލައިގެންވެސް ގަދަ ސޯޅައިގެ ޖާގައެއް ނަޕޯލީއަށް ކަށަވަރުކުރެވެން އޮތް އިރު ލިވަޕޫލަށް މެޗުން 0-1 އިން ނުވަތަ ދެ ލަނޑުގެ ތަފާތަކުން މޮޅުވުންނޫން ގޮތެއް ނެތެވެ. މި ގްރޫޕުގައި ރޭ ޕީއެސްޖީ ވަނީ ރަށުން ބޭރުގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅަ އަށް ކޮލިފައިވެފައެވެ.
ގްރޫޕް ސްޓޭޖް ނިމުނުއިރު ގްރޫޕް ސީ ގެ އެއް ވަނަ ޕީއެސްޖީ އަށް ލިބުނީ 11 ޕޮއިންޓާއެކުއެވެ. ލިވަޕޫލާ ނަޕޯލީއަށްވެސް ނުވަ ޕޮއިންޓް ލިބުނުއިރު ނަޕޯލީ އަށް ތިން ވަނަ ލިބުނީ އެގްރިގޭޓުން ލިވަޕޫލާ އެއްވަރުވެ ޖެހި ގޯލުން ކުރި ނުލިބުމުންނެވެ. ގްރޫޕުގެ ފުލަށް ދިޔައީ ހަތަރު ޕޮއިންޓް ލިބުނު ރެޑްސްޓާ އެވެ. ތިން ވަނަ ލިބުނު ނަޕޯލީ މި ސީޒަނުގައި ދެން ކުޅޭނީ ޔޫރޮޕާ ލީގުގައެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗްގައި އެ ޓީމުން ޖެހި ހަމަ އެކަނި ގޯލް ކާމިޔާބުކުރީ މިސްރުގެ ތަރި މުހައްމަދު ސަލާހެވެ. ފޯމުގައި ހުރި ލިވަޕޫލްގެ ފޯވާޑް މެޗްގެ ފުރަތަމަ ހާފް ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ނަޕޯލީގެ ގޯލަށް ބޯޅަ ވައްދާލީ ކީޕަރު ޑޭވިޑް އޮސްޕިނާ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. މި މެޗްގައި އިތުރު ގޯލްތަކެއް ޖަހަންވެސް ލިވަޕޫލަށް ފުރުސަތު ލިބުނެވެ. ވަކިން ހާއްސަ ގޮތެއްގައި ސަލާހް އާއި ސަޑިއޯ މާނޭ ނަޕޯލީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ދެ ބޯޅަ ފާހަގަކޮށްލެވެވެއެވެ. އެ ދެ ބޯޅަވެސް ވަރަށް ހުށިޔާރުކަމާއެކު އޮސްޕިނާ ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލްގެ އަގުބޮޑު ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި މާނޭއަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެސްވިއެވެ.
ލިވަޕޫލަށް މެޗްގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާ ނަޕޯލީއަށް ނުނެގުނީ ހަމަ ކިރިޔާއެވެ. މެޗް ނިމިނިމި އޮއްވައި ނަޕޯލީގެ ބަދަލުކުޅުންތެރޔާ އަކާޑިއުޒް މިލިޗް އަށް ލިބުނު ބޯޅަ ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ފޮނުވާލުމުން ކީޕަރު އެލިސަން ބެކާ ހުށިޔާރުކަމާއެކު މަތަކުރިއެވެ. މިދިޔަ ޖުލައި މަހު ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ޓެގާއެކު ރޯމާއިން ލިވަޕޫލަށް ބަދަލުވި ބްރެޒިލްގެ ކީޕަރު މިސީޒަންގައި އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
“އެލިސަން މިހާ މޮޅުކަން ކުރިން އެނގުނު ނަމަ އަހަރެން އޭނާ ގެންނަން ދެގުނަ ހަރަދު ކުރީމުސް.” މެޗްގެ އިތުރު ވަގުތުގައި ލިވަޕޫލް ސަލާމަތްކޮށްދިން މުހިއްމު ސޭވް ކުރި އެލިސަންއަށް ތައުރީފް ކުރަމުން ލިވަޕޫލްގެ ކޯޗް ބުންޏެވެ. “ސަލާހް ޖެހި ގޯލަކީވެސް މޮޅު ގޯލެއް އެކަމަކު އެލިސަން އެ މަތަކުރި ބޯޅައާ މެދު ބުނާނެ އެއްޗެއްވެސް އަހަރެންނަކަށް ނޭނގެ. މިރޭ އަހަރެމެން ސަލާމަތްކޮށްދިނީ އެލިސަން.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ދެވަނަ ހޯދި ލިވަޕޫލް ގްރޫޕްގެ ދެ ވަނައިގައި އޮވެ ގަދަ ސޯޅައަށް ދަތުރުކުރިއިރު މިފަހަރު ގްރޫޕް ސްޓޭޖްގައި އެ ޓީމް ރަށުން ބޭރުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. ގްރޫޕްގެ ދެ ވަނަ ލިބުމާއެކު ލިވަޕޫލަށް އޮތް ބިރަކީ ދެ ވަނަ ބުރުގައި ގްރޫޕްގެ އެއްވަނަ ހޯދި ޓީމްތަކުން ޓީމަކާ ވާދަކުރަންޖެހުމެވެ. ގްރޫޕް ސްޓޭޖުން މިފަހަރުގެ މުބާރާތުގައި ކުރި ހޯދި ޓީމްތަކުގެ ތެރޭގައި މިދިޔަ ސީޒަންގެ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ތަށި ހޯދި ރެއާލް މެޑްރިޑާއި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ހިމެނެއެވެ.
ރޭ ޕީއެސްޖީ ރަށުން ބޭރުގައި ރެޑްސްޓާއާ ވާދަކޮށް މޮޅުވީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން އެޑިންސަން ކަވާނީ ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ މެދުތެރެއަށް ކުޅުނު މާކީނިއޯސް އެވެ. ޕީއެސްޖީން ލަނޑެއް ޖަހައިފައިވަނިކޮށް ރެޑްސްޓާގެ ހަމައެކަނި ލަނޑު މެޗުގައި ޖެހީ ގޮބެލިޗް އެވެ. ދެން ފެނުނީ ޕީއެސްޖީން މެޗުގައި އިތުރު ދެގޯލު ޖަހައި ލީޑު ފުޅާކުރިތަނެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ނޭމާ އަދި އެމްބާޕޭ އެވެ.
ދެވަނަ ބުރުގެ ގުރު ނެގުން އޮންނާނީ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ.
Advertisement
Leave a Reply