ކިއްސަރު ފުޓްސަލް ކަޕް ކުޅިވަރުގެ ވަޒީރު ފައްޓަވައިދެއްވައިފި

Advertisement

ކިއްސަރު ފުޓްސަލް ކަޕް ކުޅިވަރުގެ ވަޒީރު ފައްޓަވައިދެއްވައިފި

ޢަލީ ޝަހީމް
ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަހުލޫފް ކޮނޑޭއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ޓްވިޓާ

ގއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ “ކިއްސަރު” ކަޕް ފުޓްސަލް މުބާރާތް ގއ. ކޮނޑޭ ގައި އިއްޔެ ފަށައިފި އެވެ. ކޮނޑޭ ކިއްސަރު ޖަމިއްޔާއިން އިންތިޒާމުކުރި މި މުބާރާތް އިއްޔެ ހަވީރު ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝަލް އެމްޕަވާމެންޓް އަހުމަދު މަހުލޫފް އެވެ.

މި އަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އޭޖާސް ޔުނައިޓެޑް، ހެލެގެލި ސްޕޯޓްސް ކްލަބް، އެފްސީ ބްލެކް ސްޓާ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން އެސްސީ ބަފާނާ އެވެ. މުބާރާތުގައި މިފަހަރު ބައިވެރިވި ހަތަރު ޓީމަކީވެސް ކޮނޑޭ އަށް ނިސްބަތްވާ ޓީމުތަކެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ބައްދަލުކުރީ ބްލެކް ސްޓާ އަދި ބަފާނާ އެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަފާނާ އެވެ. މި މެޗުގައި ބަފާނާގެ އަލީ ހާފިޒް (ހާއްޕެ) ދެ ގޯލު ޖެހިއިރު އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު އިންޝާއު އަހުމަދު އެވެ. ބްލެކް ސްޓާ ޓީމުގެ ގޯލުތައް ޖެހީ އަހުމަދު އަނަސް އަދި އިބްރާހީމް ހުސައިން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ހާއްޕެ އަށެވެ.

މުބާރާތް ފައްޓަވައިދެއްވުމަށްފަހު މަހުލޫފް ވަނީ އެ ފުރުސަތު ދެއްވި ކަމަށްޓަކައި ކިއްސަރު ޖަމިއްޔާއަށް ޝުކުރު އަދާކޮށްފައެވެ. މަހުލޫފު ވިދާޅުވީ އެރަށުގެ ޒުވާނުން އެދޭގޮތަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ގެންދެވޭނެ މަގެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

2004 ވަނަ އަހަރު ފެށި މި މުބާރާތަކީ މެދުކެނޑުމެއް ނެތި އެ އަތޮޅުގައި ބާއްވާ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ އެސްސީ ބަފާނާ އެވެ. ކޮނޑޭ އަށް ނިސްބަތްވާ ބަފާނާ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެރަށަށް ނިސްބަތްވާ ކްލަބް ޕިންކް ސްޓްރީޓްސް ބަލިކޮށްގެންނެވެ. 14 އަހަރުވީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކޮނޑޭގެ އޭޖާސް ޔުނައިޓެޑެވެ. 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން އެޓީމު ހޯދިއިރު ތިން އަހަރު ވަނީ ފައިނަލުގައި ކުޅެފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ގޮތުގައި 25،000 ރުފިޔާ ކަނޑައަޅައިފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *