ސިލްވާއަށް އަނިޔާވެ ގާޑިއޯލާގެ ބޮލުގަރިހުން އިތުރުވެއްޖެ

މެންޗެސްޓާ ސިޓީއަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާއަށް އަނިޔާވެ ކޯޗު ޕެޕް ގާޑިއޯލާއަށް އިތުރު ބޮލުގަ ރިހުމަކާއި ކުރިމަތިވެއްޖެ އެވެ. މިރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޖަރުމަނުގެ ހޮފެންހެއިމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުނީ އޭނާގެ ޓީމުގައި ފިޓުކޮށް މިވަގުތު ތިބީ 15 ކުޅުންތެރިންކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޓީމަށް މާބޮޑު ބަދަލުތަކެއް ނުގެނެވޭނެކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.
“އަހަރެމެންގެ ފިޓުކޮށް ތިބީ 15 ކުޅުންތެރިން. އެހެންވީމާ މާބޮޑު ބަދަލެއް ނުގެނެވޭނެ. 15 ކުޅުންތެރިންނާއެކު ކުޅެން އޮތީ އުނދަގޫ މެޗެއް. އަހަރެމެން އޮތީ އަނެއް ބުރުގައި. އެކަމަކު އެއް ވަނައިގައި ނިންމަން ބޭނުންނަމަ ކޮންމެ މެޗެއްވެސް ކާމިޔާބު ކުރުން މުހިއްމު” ގާޑިއޯލާ ބުންޏެވެ.
އުމުރުން 32 އަހަރުގެ ސިލްވާގެ ފަލަމަސްގަނޑަށް އަނިޔާވީ ލީގުގައި އެޓީމު ޗެލްސީއާ ވާދަކޮށް ބަލިވި މެޗުގައެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި ސިލްވާއަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. ގާޑިއޯލާ ބުނީ ސިލްވާގެ އަނިޔާ ސީރިއަސް ނުވިޔަސް ހަފްތާތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
ސިލްވާ ވަނީ ލީގުގައި ސިޓީން ކުޅުނު 16 މެޗުގެ ތެރެއިން 14 މެޗުގައި ކުޅެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅުނު ފަސް މެޗުގައިވެސް ކުޅެ ސިލްވާ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފައެވެ.
ލީގުގެ ގިނަ މެޗުތަކެއް ކުޅޭ މި މަހު ސިޓީ ކުޅެން ޖެހޭނީ އެވަޓަން، ކްރިސްޓަލް ޕެލޭސް، ލެސްޓާ ސިޓީ އަދި ސައުތެމްޓަން އާއެވެ. ލީގުގައި ލެސްޓާއާ ކުޅޭއިރު މި މަހުގެ 18 ވަނަ ދުވަހު ލީގު ކަޕްގެ ކުއާޓާ ފައިނަލުގައިވެސް ސިޓީން ލެސްޓާއާ ވާދަކުރާނެއެވެ.
ސިލްވާއަށް އަނިޔާވެފައިވާއިރު އެޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ބެންޖަމިން މެންޑީ، ކެވިން ޑެބްރޫން އަދި ސާޖިއޯ އަގުއޭރޯ ވެސް ހުރީ އަނިޔާގައެވެ. މިދިޔަ ތިން މެޗުގައިވެސް އަނިޔާގެ ސަބަބުން ކުޅެފައިނުވާ އަގުއޭރޯ މި ހަފްތާ ބަންދުގައި ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ފެނުމުގެ ފުރުސަތެއް އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. މި ކުޅުންތެރިންގެ އިތުރުން ބަދަލު ކީޕަރު ކްލައުޑިއޯ ބްރާވޯ އާއި ޑިފެންޑަރ ޑެނީލޯ ވެސް ހުރީ އަނިޔާގައެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ހޮފެންހެއިމްއާ ދެކޮޅަށް ނުކުންނައިރު ސިޓީ ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެއް ވަނައިގައި 10 ޕޮއިޓާއެކު ސިޓީ އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ފްރާންސްގެ ލިޔޯން އެވެ. ތިން ވަނައިގައި ފަސް ޕޮއިންޓާއެކު ޝަކްތާ ޑޮނެސްކް އޮތް އިރު ތިން ޕޮއިންޓާއެކު ހޮފެންހެއިމް އޮތީ ފުލުގައެވެ. މިރޭ ކުޅޭ މެޗު އެއްވަރު ކޮށްލައިގެންވެސް ސިޓީއަށް ގްރޫޕުގެ އެއް ވަނަ ލިބޭނެއެވެ.
Advertisement


Leave a Reply