ފުރުސަތު ބޮޑީ ލިވަޕޫލަށްތަ؟ ނޫނީ ނަޕޯލީއަށްތަ؟

Advertisement

ފުރުސަތު ބޮޑީ ލިވަޕޫލަށްތަ؟ ނޫނީ ނަޕޯލީއަށްތަ؟

ޢަބްދުﷲ އަޝްރަފް
ނަޕޯލީން އަމިއްލަ ދަނޑުގައި ފަހު ވަގުތު ލިވަޕޫލް ބަލިކުރި މެޗުގައި އެޓީމު ކުޅުންތެރިން އުފާފާޅު ކުރަނީ. ދެ ވަނަ ބުރަށް ދާން ލިވަޕޫލަށް މިރޭ ނަޕޯލީ ބަލިކުރަން މަޖުބޫރު

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތައް މިރޭ ފެށޭއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ އެއް މެޗަކަށް ވާނީ ގްރޫޕް ސީ ގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި އިޓަލީގެ ނަޕޯލީ ބައްދަލުކުރާ މެޗުކަން ޔަގީނެވެ. ލިވަޕޫލާ ނަޕޯލީގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އާއި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް، ލިވަޕޫލުން މިފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރަށް ދާން މިރޭ ކުރަންޖެހޭ މަސައްކަތް ބުރައެވެ. މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް އަށް ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ރެޑްސްޓާ ބެލްގްރޭޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ލިވަޕޫލާ ނަޕޯލީ ވާދަކުރާ މެޗު ކުޅޭގަޑީގައި ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ ރެޑްސްޓާ ބެލްގްރޭޑާ ދެކޮޅަށެވެ. ރެޑްސްޓާ ވަނީ އަމިއްލަ ދަނޑުގައި ނަޕޯލީއާ 0-0 އިން އެއްވަރުކޮށް ލިވަޕޫލްގެ މައްޗަށް 2-0 އިން ކުރި ހޯދައިފައެވެ. އެކަމަކު ދެ ވަނަ ބުރުގެ ފުރުސަތު އެޓީމަށް ގެއްލިފައި އޮތުމުން މިރޭގެ މެޗު ޕީއެސްޖީ ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން ގްރޫޕުގެ ތިން ވަނައިގައި ނިންމައިގެން ޔޫރޮޕާ ލީގުގެ ފުރުސަތެއް ހޯދަން ބޭނުންނަމަ ރެޑްސްޓާ އިން މިރޭގެ މެޗު ކާމިޔާބު ކުރުން މަޖުބޫރެވެ. އެކަމަކު އޭރުން އެޓީމަށް ޔޫރޮޕާ ލީގުގެ ޖާގައެއް ލިބޭނެ ހަމައެކަނި ގޮތަކީ ނަޕޯލީ އަތުން ލިވަޕޫލް ބަލިވުމެވެ.

ތިރީގައި މިވަނީ މިރޭ ޕީއެސްޖީ އާއި ރެޑްސްޓާ ބެލްގްރޭޑް ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން ލިވަޕޫލާ ނަޕޯލީއަށް ދެ ވަނަ ބުރުގެ ޖާގަ ލިބިގެންދާނެ ގޮތެވެ.

ސިނާރިއޯ 1 : ރެޑްސްޓާގެ މައްޗަށް ޕީއެސްޖީ ކުރި ހޯދުން
ރެޑްސްޓާ ބެލްގްރޭޑް އަކީ މިހާރުވެސް މުބާރާތުން ކަޓައިފައި އޮތް ޓީމެއް ކަމުން މި މެޗުން ޕީއެސްޖީ މޮޅުވުމަކީ ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމެކެވެ. މިގޮތަށް މިކަން ވެއްޖެނަމަ ލިވަޕޫލަށް ޖެހޭނީ 0-1 އިން ނުވަތަ ދެ ގޯލްގެ ތަފާތުން ނަޕޯލީ ބަލިކުރާށެވެ. އޭރުން ގްރޫޕްގެ އެއްވަނަ ޕީއެސްޖީއަށް ލިބޭއިރު ދެވަނަ ލިބޭނީ ލިވަޕޫލަށެވެ. އެކަމަކު އެ ނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ ދެވަނަ ބުރަށް ދާނީ ނަޕޯލީ އެވެ.

މި ތިން ޓީމުގެ ހެޑް ޓު ހެޑް ނަތީޖާއަށް ބަލާއިރު ޕީއެސްޖީ އާ ލިވަޕޫލް ކުޅުނު ދެ މެޗުގެ އެގްރިގޭޓުން ކުރި ލިބެނީ ޕީއެސްޖީ އަށެވެ. އަދި ނަޕޯލީއާ ޕީއެސްޖީ ކުޅުނު ދެ މެޗުގެ އެގްރިގޭޓުން ކުރި ލިބެނީ ނަޕޯލީ އަށެވެ. މިރޭ ލިވަޕޫލުން 1-0 އިން ނަޕޯލީ ބަލިކޮށްފި ނަމަ އެގްރިގޭޓުން ދެ ޓީމު ވާނީ އެއްވަރެވެ. އެކަމަކު މުބާރާތުގައި ޖެހިގޯލު ގިނަވެ ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނީ ލިވަޕޫލަށެވެ. ލިވަޕޫލާ ނަޕޯލީން ވެސް މިހާތަނަށް ޖަހައިފައިވަނީ ހަތް ގޯލެވެ.

1-0 އިން ލިވަޕޫލް މޮޅުވެއްޖެ ނަމަ މުބާރާތުގައި ޖެހިގޯލު ގިނަވެ ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނީ ލިވަޕޫލާ ޕީއެސްޖީ އަށް

2-1 އިން ލިވަޕޫލް މޮޅުވެއްޖެ ނަމަ ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނީ ނަޕޯލީ އަދި ޕީއެސްޖީ އަށް. ނަޕޯލީއަށް ދެ ވަނަ ބުރުގެ ފުރުސަތު އޭރުން ލިބޭނީ ހެޑް ޓު ހެޑް އުސޫލުން ލިވަޕޫލަށް ވުރެ ކުރި ލިބިގެން

ނަޕޯލީން މިރޭގެ މެޗުގައި ގޯލެއް ޖަހައިފި ނަމަ ލިވަޕޫލަށް ދެ ވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ހަމައެކަނި ގޮތަކީ ދެ ގޯލުގެ ތަފާތުން ނަޕޯލީ ބަލިކޮށްގެން. 3-1 ނުވަތަ 4-2 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިޔަސް ނަޕޯލީ ކަޓައި ޕީއެސްޖީ އާއެކު ދެ ވަނަ ބުރަށް ދާނީ ލިވަޕޫލް

ސިނާރިއޯ 2: ޕީއެސްޖީ ރެޑްސްޓާ ބެލްގްރޭޑާ އެއްވަރުވުން
މިހެން ކަން ވެއްޖެނަމަ ޕީއެސްޖީއަށް ލިބޭނީ 9 ޕޮއިންޓެވެ. މިހާލަތުގައި ލިވަޕޫލާ ކުޅެ ނަޕޯލީ އެއްވަރުކޮށްފިނަމަ ނުވަތަ މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދާނީ މިވަގުތު ފްރާންސް ލީގުގެ އެއް ވަނައިގައި ބޮޑު ތަފާތަކާއެކު އޮތް ޕީއެސްޖީއާއި އިޓާލިއަން ލީގުގެ ދެވަނައިގައި އޮތް ނަޕޯލީ އެވެ. އެކަމަކު ޕީއެސްޖީ ބަލިވެ ލިވަޕޫލް މޮޅުވެއްޖެ ނަމަ ތިން ޓީމަށްވެސް ލިބޭނީ 9 ޕޮއިންޓެވެ. އޭރުން ދެން ދެވަނަ ބުރަށް ދާ ދެ ޓީމް ކަނޑައަޅާނީ ޓައި ބްރޭކް އުސޫލަށް ބަލައިގެންނެވެ. ޓައި ބްރޭކް އުސޫލުގައި އިސްކަންދޭ ތަރުތީބު ތިރީގައި މިވަނީއެވެ.

އެއްވަރުވެފައިވާ ތިން ޓީމު އެއް ޓީމު އަނެއް ޓީމާ ކުޅެފައިވާ މެޗުތަކުން ހޯދައިފައިވާ ޕޮއިންޓް
އެއްވަރުވެފައިވާ ތިން ޓީމް އެއް ޓީމް އަނެއް ޓީމާ ކުޅެފައިވާ މެޗުތަކުގެ ގޯލްގެ ތަފާތު
އެއްވަރުވެފައިވާ ތިން ޓީމު އެއް ޓީމް އަނެއް ޓީމާ ކުޅެފައިވާ މެޗްތަކުގައި ޖެހި ގޯލްގެ އަދަދު
އެއްވަރުވެފައިވާ ތިން ޓީމް އެއް ޓީމް އަނެއް ޓީމާ ކުޅެފައިވާ މެޗްތަކުގައި ރަށުން ބޭރުގައި ޖަހައިފައިވާ ގޯލްގެ އަދަދު

ސިނާރިއޯ 3: ރެޑްސްޓާ ބެލްގްރޭޑް އަތުން ޕީއެސްޖީ ބަލިވުން
މިއީ މިރޭ ވުން އެންމެ ދުރު ގޮތެވެ. އެކަމަކު މިހެން ވެއްޖެނަމަ ލިވަޕޫލް މެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ނަޕޯލީ ދެވަނަ ބުރަށް ދާނެއެވެ. ލިވަޕޫލް މޮޅުވެއްޖެ ނަމަ ޕީއެސްޖީ ކަޓައި ދެވަނަ ބުރަށް ނަޕޯލީއާއެކު ދާނީ ލިވަޕޫލެވެ.

ކޮންމެއަކަސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި މިރޭ ކުޅޭ ދެ މެޗަކީ ޔަގީނުންވެސް ފޯރިގަދަވާނެ ދެ މެޗެވެ. ވާގޮތް ނިކަން ބަލަމާ ހިނގާށެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *