ރޮނާލްޑޯ މެސީއަށް: އާ ކަމެއް ކުރަން އުޅެބަލަ
އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުންއަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޒަމާންވީ ވާދަވެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީގެ ކިބައިން އޭނާ އުޅޭގޮތަށް އުޅެން އެދިއްޖެއެވެ. އިޓަލީގެ ބައެއް ކުޅިވަރު ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ކުރިން ޔުނައިޓެޑަށާއި ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ރޮނާލްޑޯ، މެސީގެ ކިބައިން އެދިފައިވަނީ ސްޕެނިޝް ލީގު ނޫން އެހެން ލީގެއްގައި ކުޅެ ފެންވަރު ސާބިތުކޮށްދިނުމަށެވެ.
“އަހަރެން ބޭނުންވަނީ ކޮންމެވެސް އެއް ދުވަހަކުން އޭނަ އިޓަލީ އަށް އަންނަން. އުއްމީދުކުރަނީ މިޗެލެންޖް އޭނަ ގަބޫލުކުރާނެ ކަމަށް. އެކަމަކު ބާސެލާނާގައި އޭނަ ހުރީ އުފަލުން ކަމަށް ވާނަމަ އެ ކްލަބްގައި އޭނަ ހުންނަ ހުރުމަށް އަހަރެން އިހްތިރާމްކުރަން” އިޓަލީގެ ނޫސްވެރިންނާ ވާހަކަދައްކަމުން ހޯމަ ދުވަހު ރޮނާލްޑޯ ބުނެފައިވެއެވެ.
ރޮނާލްޑޯއާއި މެސީ އާ ދެމެދު މި ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އޮތް ވާދަވެރިކަމަކީ މިހާތަނަށް ދެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ދެމެދުގައި ދުނިޔޭގެ ފެންވަރުގައި މި ފަހަހަކަށް އައިސް ފާހަގަކުރެވުނު އެންމެ ބޮޑު ވާދަވެރިކަމެވެ. 2008 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާއި ހަމަޔަށް، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޯންޑިއޯ އެވޯޑް މި ދެކުޅުންތެރިންގެ ދެމެދުގައި އެއްވަރަށް ބެހިގެންދިއުމަކީ މީގެ އެއް މިސާލެވެ.
ހޯމަ ދުވަހު އިޓަލީގެ ނޫސްވެރިން ދެ ކުޅުންތެރިންގެ ވާދަވެރިކަމާ ގުޅުވައި ރޮނާލްޑޯއާ ކުރިމަތިކުރުވި އެއް ސުވާލަކީ މިއެވެ. އިޓާލިއަން ލީގުގައި ކުޅޭއިރު މެސީ މިސްވޭ ހެއްޔެވެ؟
“ނޫން. ނުވޭ. އަހަރެންނަށް ހީވަނީ އަސްލު އޭނައަށްހެން އަހަރެން މިސް ވާނީ.” ރޮނާލްޑޯ ޖަވާބުދިނީ އޭނާގެ ސްޓައިލްގައެވެ
“އަހަރެން ކުޅެފިން އިނގިރޭސިވިލާތުގަ، ސްޕެއިންގަ،އިޓަލީގަ، ޕޯޗްގަލްގަ އޭނަ އެގޮތަށް ސްޕެއިންގަ ހުއްޓާ. ހީވާގޮތުން އޭނަ މާބޮޑަށް އަހަރެން ބޭނުންވާނެ. އަހަރެންނަށް ދިރިއުޅުމަކީ ޗެލެންޖެއް. އެއާ ކުރިމަތިލުމަކީ އަހަރެން ކުރާހިތްވާ ކަމެއް. އަދި އަހަރެން ބޭނުންވޭ އެހެން މީހުން އުފާކޮށްދޭން.” ރޮނާލްޑޯ ބުންޏެވެ..
“މެސީ އަކީ އާދަޔާ ހިލާފް މޮޅު ކުޅުންތެރިއެއް. އެކަމަކު މި ތަނުގައި އަހަރެންނަކަށް އެއްވެސް އެއްޗެއް މަދެއް ނުވޭ. މިއީ އަހަރެންގެ ހަޔާތުގެ އާ ސަފްހާއެއް. އަހަރެން މިތަނުގައި މިހިރީ އުފަލުން. މިހާތަނަށް ހުރިހާ ކަމެއްވެސް ދިޔައީ ރަގަޅަށް. އަހަރެން ގަބޫލުކުރާ ގޮތުގަ އިޓަލީގަ މިހާރުވެސް އަހަރެންނަށް އަހަރެންނަކީ މޮޅު ކުޅުންތެރިއެއްކަން ސާބިތުކޮށްދެވިއްޖެ.” އިޓަލީއަށް ބަދަލުވިތާ 150 ވަނަ ދުވަސް ފާހަގަކުރުމުގެ ގޮތުން އިޓަލީގެ އެންމެ މަޝްހޫރު ކުޅިވަރު ތިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވެއެވެ.
ސަތޭކަ މިލިޔަން ޔޫރޯއަށް ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގައެވެ. އެޓީމަށް ރޮނާލްޑޯ ގެންދިޔައީ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން ކަމަށް ބެލެވެއެވެ. ޔުވެންޓަސްއިން ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެ ފައިނަލެއްގައި ވާދަކޮށް ބަލިވެފައެވެ. ރޮނާލްޑޯ ވަނީ މި ސީޒަންގައި މިހާތަނަށް ޔުވެންޓަސްއަށް 11 ގޯލް ކާމިޔާބުކޮށްދީފައެވެ.
Advertisement
Leave a Reply