ޖޫނިއާ ފުޓުބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ
ތައިލެންޑުގައި މިހާރު ކުރިއަށްދާ 15 އަހަރުން ދަށުގެ ޔޫތު އިންޓަނޭޝަނަލް ޓޯނަމަންޓުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް އަތުން 11-0 އިން ބަލިވެއްޖެއެވެ.
މުޅި މެޗުގައިވެސް ރާއްޖޭގެ ޓީމު ޑިފެންސިވް ގޭމެއް ކުޅުނުއިރު ތައިލެންޑުން ވަނީ ރާއްޖޭގެ ޓީމު ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މިމެޗުގައި ތައިލެންޑުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ޖަހާފައެވެ. އަދި މިހާފުގައި ރާއްޖޭގެ ކީޕަރުގެ ފަރާތުން މުހިއްމު ސޭވެ ތަކެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ.
މިއަދު ކުޅެވުނު މިމުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ ސައިޕްރަސްއާ ވާދަ ކޮށްފައެވެ. މިމެޗު ސައިޕްރަސް އިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ސަތާރަވަނަ މިނިޓުގައި ޖެހި ގޯލުން ސައިޕްރަސް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުން ޖެހި ބާކީ ތިން ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ފަހު 20 މިނިޓު ތެރޭގައެވެ.
ރާއްޖޭގެ ކޮޅަށް މިމެޗުގައި ގިނަ ގޯލުތަކެއް ވަން ނަމަވެސް ރާއްޖެ ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންނަކީ މިލެވެލްގައި މުޅިން އަލަށް ކުޅޭ ކުޅުންތެރިންނެވެ. މިއަހަރު ބޭއްވި 13 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކަށް ވަނީ މި ޓީމުން ޖާގަ ދީފައެވެ.
މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޓީމު ކުޅޭ ދެވަނަ މެޗްގައި އަންނަ ބުދަދުވަހު ބައްދަލުކުރާނީ ސައިޕްރަސް އާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން އެދުވަހުގެ މެންދުރު 2 ޖަހާއިރެވެ.
Advertisement
Leave a Reply