މަސްވެރިންގެ ދުވަސް ފާހަގަކުރަން ކީޕަރު އިމްރާން ބޮޑުކަންނެއްޔަށް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެއްޔަށް ފުރައިފިއެވެ. އިމްރާން ރޭ ވަނީ ބޮޑުކަންނެލީގެ ދަތުރު ފެށުމާއެކު ޓްވީޓެއް ކޮށްފައެވެ.
އިމްރާންގެ މަސައްކަތައް ގިނަ ތަރުހީބު ދީފައިވާއިރު އެއްބަޔަކު އިމްރާންގެ ކިބައިން އެދުނީ ދަތުރުގެ އަޕްޑޭޓް ދިނުމަށެވެ. އަދި، އިމްރާނަށް ކާމިޔާބަށް އެދި ބައެއް ސަޕޯޓަރުން ޓްވީޓް ކޮށްފައިވެއެވެ. ބޮޑުކަންނެލީގެ މަސްވެރިކަމަށް އިމްރާން ނުކުތީ ކިހާ ދުވަހަކަށް ކަމެއް އަދި ކޮން ސަބަބަކާހުރެ ކަމެއް އެނގޭގޮތެއް ނުވިއެވެ. އެކަމަކު އިމްރާން ބޮޑުކަންނެއްޔަށް ފުރަން އުޅޭކަން އޭނާގެ ޓްވިޓާއިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެނގެން ފަށައިފައެވެ.
Started #yellowfintuna #fishing trip 09.12.2018 pic.twitter.com/DtTEa63lDK
— Imran Mohamed (@ImranMohamed25) December 9, 2018
މި މަހުގެ ހަތް ވަނަ ދުވަހު އިމްރާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ އުފަން ރަށް މަހިބަދޫގައި ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ 250 ވަރަކަށް މީހުން އުޅޭކަމަށެވެ. އަދި ރަށުގެ ޒުވާނުންގެ ބޮޑު ބައެއް އެކަމުގައި ހަރަކާތްތެރިވާތީ އެކަމާ އިމްރާން އުފާކުރާކަމަށް ބުނެފައިވެއެވެ.
މި އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އުމުރުން 37 އަހަރުގެ އިމްރާންގެ ކޮންޓްރެކްޓް ކްލަބުން ވަނީ ދިވެހި ޕްރިމިއާ ލީގުގެ މެދުތެރެއިން އުވާލައިފައެވެ. އިމްރާންގެ ކޮންޓްރެކްޓް ނިއު އިން ބާތިލް ކުރީ ބަރާބަރަށް މުސާރަ ނުދޭތީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް މައްސަލަ ހުށަހަޅައިފައިވަނިކޮށެވެ. އިމްރާންގެ ކޮންޓްރެކްޓް އުވާލީ ބަރާބަރަށް ޕްރެކްޓިހަށް ހާޒިރުނުވެ ޓީމާއެކު މެޗުތަކަށް ނުދިއުމުން ކަމަށް ނިއުއިން އޭރު ވަނީ ބުނެފައެވެ. ނަމަވެސް އިމްރާން ވަނީ އެކަން ދޮގުކޮށްފައެވެ.
A.Dh Mahibadhoo rayyithunge therein gaaiygandakah 250 meehun bodu kanneleege masverikan kuraa Mahibadhoo ge dhoani thakuga mahahdhey . Meege thereygai gina adhadhegge zuvaanun himeney kamee ufaaveri kameh . #yellowfintuna #fishing #Mahibadhoo pic.twitter.com/9FR5ROdxT7
— Imran Mohamed (@ImranMohamed25) December 7, 2018
ފުޓްބޯޅަ ސީޒަން ނިމުނުތާ ކުޑަ ދުވަސްކޮޅެއްފަހުން އިމްރާން ކުރި ޓްވީޓެއްގައި ބުނީ އަންނަ އަހަރުވެސް އެއް ވަނަ ޑިވިޝަނުގެ ކްލަބަކުން އޭނާ ފެންނާނެ ކަމަށެވެ. އަންނަ އަހަރު ކުޅޭނެ ވަކި ކްލަބެއް އިމްރާން ނިންމާފައިނުވާއިރު ލިބޭ އޮފާތަކަށް ބަލައި ޓީމަކާ ގުޅޭނެކަމަށް އިމްރާން ބުނެފައިވެއެވެ.
ވިކްޓްރީން ފުޓްބޯޅަ ކެރިއަރު ފެށި އިމްރާން ނިއުއަށް ފުރަތަމަ ބަދަލުވީ 2012 ވަނަ އަހަރުއެވެ. ނިއުއަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2013 ވަނަ އަހަރު ހުރިހާ މެޗަކުން މޮޅުވެގެން ސީޒަން ނިންމާލިއިރު އިމްރާން ވަނީ ގޯލުގައި ތަފާތު ދައްކައިފައެވެ. އަދި އެ އަހަރު އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ނިއު ދަތުރުކުރި އިރުވެސް އިމްރާނަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. 2015 ވަނަ އަހަރު ނިއު ދޫކޮށް އިމްރާން ބަދަލުވީ މާޒިޔާއަށެވެ. އޭގެފަހުން އިމްރާން ނިއުއަށް ބަދަލުވީ މިދިޔަ ސީޒަނުގައެވެ. މިދިޔަ ސީޒަނުގައި ނިއުއާއެކު އިމްރާން ދިވެހި ޕްރިމިއަރ ލީގާއި، ޕްރެސިޑެންޓްސް ކަޕް އަދި އެފްއޭކަޕް ކާމިޔާބު ކޮށްފައިވެއެވެ. އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.
1999ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް މެދުކެނޑުމެއް ނެތި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލުވެސް ބެލެހެއްޓި އިމްރާނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުގެ އިތުރުން ދަނޑުމަތީގައި އެފަދަ ދެވަނައެއް ނެތް ލީޑަރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ގައުމީ ޓީމަށް 111 މެޗު ކުޅެދިނުމަށްފަހު އިމްރާން ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިމްރާނަކީ 2004 ވަނަ އަހަރު އޭޝިޔާގެ ގަދަބާރު ދެކުނު ކޮރެއާ ލަނޑެއް ނުޖެހި ރާއްޖެއާ އެއްވަރުވި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިމްރާން ގޯލުގައި ހުރެގެން 2014 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ވަނީ އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމްވެސް ހޯދާފައެވެ.
ކޮންމެ އަހަރެއްގެވެސް ފުޓްބޯޅަ ސީޒަން ނިމުމުން ގިނަ ކުޅުންތެރިން އާއްމުކޮށް ފެންނަނީ ކޮންމެވެސް ރަށެއްގައި އޮންނަ ފުޓްބޯޅަ މުބާރާތަކުންނެވެ. އިމްރާންގެ އުފަންރަށް މަހިބަދޫގައި ވެސް މިހާރު ފޯރިގަދަ ފުޓްބޯޅަ މުބާރާތެއް ކުރިއަށްދާއިރު އެއްވަނަ ޑިވިޝަނުގެ މަޝްހޫރު އެތައް ކުޅުންތެރިންނެއް ދަނީ އެ މުބާރާތުގައި ކުޅެމުންނެވެ. މުޅި ފުޓްބޯޅަ އާއިލާގެ ލޯބި ލިބިފައިވާ އިމްރާން މިފަހަރު ފެށި ބޮޑު ކަންނެލީގެ މަސްވެރިކަމުންވެސް ހިތްވަރު ފެނިގެންދާނެކަމާމެދު އޭނާގެ ސަޕޯޓަރުން ޝައްކެއް ނުކުރެއެވެ.
Advertisement
Leave a Reply