ހުރިހާ މެޗަކުން މޮޅުވެ، ބުރު ސްޕޯޓްސް އާއި ލެގޫންސް ކުއާޓާ ފައިނަލަށް
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، ބުރު ސްޕޯޓްސް ކުލަބާއި ލެގޫންސް ސްޕޯޓްސް ކުލަބް ކުއާޓަ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މާފަންނު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް 2 ގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ވަނީ މައްަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އާ ވާދަކޮށް 5-0 އިން ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ. ބުރު ސްޕޯޓްސް ގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އަލީ އަރީހް އާއި ޝާފިއު ރަޝީދު އަދި މޫޗާ ޔަޒީދުގެ އިތުރުން ހުސައިން ފަހުމީއެވެ. އަލީ އަރީހް ވަނީ މެޗުގައި ދެގޯލު ޖަހާފައެވެ.
މިމެޗުގެ ކުރިން އެމްޒެޑްޖީ އަށް ވެސް މެޗުން މޮޅުވެގެން ކުާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތެވެ. ނުވަ ޕޮއިންޓާއެކު މިގުރޫޕުގެ އެއްވަނަ ބުރު ސްޕޯޓްސް ހޯދިއިރު އެމްޒެޑްޖީ އަށް ލިބެނީ ހަ ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު ވިލިމާލެ ޔުނައިޓެޑަށް ގުރޫޕްގެ ތިންވަނަ ލިބުނުއިރު އެލްޓީ ސްޕޯޓްސް އަށް ޕޮއިންޓެއް ނުލިބެއެވެ.
ލެގޫންސް ގުރޫޕް 3 ގެ އެއްވަނަ ހޯދީ ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މެޗު 7-1 އިން ޓެންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗުގެ ކުރިން ލެގޫންސް އާއި ސީބީއެލް، މިދެޓީމަށް ވެސް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ގުރޫޕްގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ލެގޫންސް ވަނީ އެޓީމު ކުޅުުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައެވެ. އިއްޔެގެ މެޗުން ބަލިވި ޓެންޓް ސްޕޯޓްސް އަށް ތިން ޕޮއިންޓް ލިބުނުއިރު ތުޅާދޫ އެވެންޗާސް ސްޕޯޓްސް އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.
މިއަދު ހަވީރު މިމުބާރާތުގެ ދެމެޗެއް ކުޅެވިގެންދާއިރު މާފަންނު ޓާފުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 4 ގެ އޮފު އެފްސީ އާއި ރޮކް ސްޓްރީޓެވެ. ހެންވޭރު ދަނޑުގައި ބައްދަލުކުރާނީ ގުރޫޕް 5 ގެ ވިޔަންސާ އާއި މުއިވެޔޮ ފްރެންޑްސް އެވެ.
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ ހޯދާ ޓީމެކެވެ.
Advertisement
Leave a Reply