ގައުމީ އަންހެން ފުޓްބޯޅަ ޓީމް މިފަހަރު ބަހުރެއިންގައި

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ބަހުރެއިންގައި ތަމްރީންތަކެއް ފުރިހަމަކުރަމުން އެބަގެންދެއެވެ. “ފަހުމިނެޓް” އަށް އެނގިފައިވާ ގޮތުގައި މިދަތުރަކީ ކުރިން މި މަހު ފަށާ ގޮތަށް ހަމަޖެހިފައި އޮތް ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހަމަޖައްސައިފައި އޮތް ދަތުރެކެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް މިހާރުވަނީ އަންނަ އަހަރުގެ މާޗް މަހަށް ލަސްކޮށްފައެވެ.
ދިހަ ދުވަހުގެ މުއްދަތަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބަހުރެއިންގައި ހަދަމުންދާ ތަމްރީނުތަކުގެ އިތުރުން ބަހުރެއިންގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ ތިން މެޗްވެސް ކުޅެން އޮތީ ހަމަޖައްސައިފައެވެ. މި ތިން މެޗްގެ ތެރެއިން މިހާރު ދެ މެޗް ކުޅެފައިވާއިރު އެ ދެ މެޗުންވެސް ރާއްޖޭގެ ޓީމު ވަނީ ބަލިވެފައެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް އާފިއު ހާމިދު ބަހުރެއިންގައި ހުރެ “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނެފައިވަނީ މެޗްތަކުގެ ބޭނުމަކީ ނަތީޖާ ނެރުން ނޫންކަމަށާއި، ޓީމުގެ ކުޅުންތެރިންނަށް މެޗް ތަޖްރިބާ ހޯދައިދީ އިތުރަށް ރަގަޅުކުރަންހުރި ކަންކަން ދެނެގަނެ އެއަށް ކުޅުންތެރިންލައްވައި މަސައްކަތްކުރުވުމެވެ. އާފިއު ފާހަގަކުރި ގޮތުގައި އަންހެން ފުޓްބޯޅަ ޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެ ކަމަށާއި، ވަކިން ހާއްސަކޮށް ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން މިހާރު ވަރަށް ބޮޑުތަން ރަގަޅު ކަމަށެވެ.
“އަސްލު މި ޓީމްގެ ޓާގެޓަކީ އަންނަ އަހަރުގެ މާޗްމަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ރަގަޅު ކާމިޔާބެއް ހޯދުން. ޖުމްލަ ގޮތެއްގައި ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް އިމްޕްރޫވް ވެއްޖެ. މިހާރު މިބަލަނީ ހުރި ކުދިކުދި ކަންކަން ފައިން ކުރެވޭތޯ. ވަކިން ހާއްސަކޮށް ރަގަޅު އެޓޭކިން އެއް ބިލްޑްކުރަން ވަރަށް ބޮޑު ސަމާލުކަމެއް އެބަ ދެން.” އަންހެން ޓީމުގެ ތަމްރީނުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އާފިއު ބުންޏެވެ.
ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މިފަހަކަށް އައިސް އަންނަނީ ރާއްޖެއިން ބޭރުގައި ގިނަ މެޗްތަކެއް ކުޅު ތަޖްރިބާތަކެއް ހޯދަމުންނެވެ. މިއަހަރު އަންހެން ޓީމުން ވަނީ 2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ މުބާރާތަށް ކޮލިފުމަށް ފަލަސްތީނުގައި ކުރިއަށް ގެންދިޔަ އޭޝިއާ ގައުމުތަކުގެ ކޮލިފައިން ބުރުގައި ވާދަކޮށްފައެވެ. ކޮލިފައިންގައި ޖޯޑެން، އިންޑޮނީޝިއާ އަދި ފަލަސްތީނު އަތުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖުގައި ދެ ގޯލު ޖަހައި ރާއްޖޭގެ ޓީމުން ރަގަޅު ވާދައެއް ކޮށްފައިވެއެވެ. އެއަށްފަހު މިދިޔަ މަހުގެ ފަހުކޮޅު ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބޭއްވި އެފްއޭއެސް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރެންގިއުލާ މުބާރާތުގައި ވާދަކޮށް އަންހެން ޓީމު ވަނީ ތިން ވަނަ ހޯދައިފައެވެ. ހަތަރު ގައުމަކުން ވާދަކުރި މި މުބާރާތުގެ ތިން ވަނަ ރާއްޖެ ހޯދީ ޕެނަލްޓީ ޖަހައިގެން އިންޑޮނީޝިއާގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.
Advertisement


Leave a Reply