ފޯރިގަދަވި ފައިނަލް ކާމިޔާބުކޮށް ރިވަޕްލޭޓް ތާރީހުގެ ތެރެއަށް
ކޮޕަ ލިބަޓަޑޮރަސް ކަޕްގެ ފައިނަލްގެ ދެވަނަ ލެގްގައި ރޭ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއާ ވާދަކޮށް 1-3 އިން މޮޅުވެ މުބާރާތުގެ ތަށި ރިވަޕްލޭޓުން އުފުލާލައިފިއެވެ. ފައިނަލްގެ ފުރަތަމަ ލެގް 2-2 އިން އެއްވަރުވެގެން ނިމިފައިވުމާއެކު ރިވަޕްލޭޓަށް ކުރި ލިބުނީ 3-5 ގެ އެގްރިގޭޓުންނެވެ.
ދެކުނު އެމެރިކާގެ ކްލަބްތަކުގެ މެދުގައި ބާއްވާ އެންމެ ޝަރުފްވެރި މުބާރާތުގެ މިއަހަރުގެ ފައިނަލްގެ ދެވަނަ ލެގް ރިވަޕްލޭޓްގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވަނިކޮށް މެޗް ފެށެން ވަރަށް ގާތްވެފައި އޮއްވައި ބޮކަ ޖޫނިއާސްގެ ކުޅުންތެރިން ދަތުރުކުރަމުން ދިޔަ ބަހަށް ރިވަޕްލޭޓްގެ ސަޕޯޓަރުން ހަމަލާދިނުމާ ގުޅިގެން ދެފަހަރެއްގެ މަތިން މެޗް ލަސްކުރުމަށް ފަހު ރޭ މި މެޗް ބާއްވައިފައިވަނީ ސްޕެއިންގެ ރެއަލް މެޑްރިޑްގެ ދަނޑުގައެވެ. ރެއަލް މެޑްރިޑްގެ ދަނޑުގައި މި މެޗް ބާއްވަން ނިންމުމާ ގުޅިގެން ރިވަޕްލޭޓުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ.
ކޮޕަ ލިބަޓަޑޮރަސްގެ 58 އަހަރުވީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވާދަވެރި ރިވަޕްލޭޓާއި ބޮކަ ޖޫނިއާސް ބައްދަލުކުރި ފައިނަލްގެ ދެވަނަ ލެގްގައި ރޭ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބޮކަ ޖޫނިއާސް އިންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމެން ވަރަށް ގާތްވެފައި ވަނިކޮށް މި ލަނޑު ބޮކާ އަށް ކާމިޔާބުކޮށްދިނީ ޑާރިއޯ ބެނެޑެއްޓޯ އެވެ. ދެވަނަ ހާފްގައި ރިވާ އަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ބާސެލޯނާ އަށް ކުރިން ކުޅުނު ފޯވާޑް ލޫކަސް ޕްރާޓޯ އެވެ.
ދެޓީމުގެ ސަޕޯޓަރުންނަށް އެއްވަރަކަށް ފުރުސަތު ހުޅުވާލައިގެން ކުޅިބަލަން ވަދެވޭ ގޮތަށް އިންތިޒާމްކޮށްފައި އޮތް މި މެޗްގައި ދެ ޓީމްގެ ސަޕޯޓަރުން ގިނަ ވަގުތު ތިބީ ކޮޅަށެވެ. ރިވަޕްލޭޓް ފަހަތުން އަރައި އެއްވަރުކުރުމާއެކު އެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އުފަލުން ރުއި މަންޒަރު ފެނުނެވެ.
ރިވަޕްލޭޓުން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް މެޗްގެ ދެވަނަ ހާފް ނިމުނީ އިތުރު ލަނޑެއް ނުފެނި އެއްވަރު ވެގެންނެވެ. ފުރަތަމަ ލެގްވެސް އެއްވަރުވެފައި އޮތުމާއެކު ކުޅެން ފެށި އިތުރު ވަގުތުގައި ރިވަ ޕްލޭޓަށް ލީޑް ނަގައިފިނީ ރިވަޕްލޭޓުން އުފެއްދި ނުރައްކާތެރި ކައުންޓަ އެޓޭކެއްގައި ހުއާން ކުއިންޓޭރޯ އެވެ. އޭގެ ފަހުން މެޗް ނިމިނިމި އޮއްވައި ގޮންޒާލޯ މާޓިނޭޒް އިތުރު ލަނޑެއް ޖަހައި ރިވަޕްލޭޓަށް ތަށި ކަށަވަރުކޮށްދިނެވެ. އެއާއެކު ރިވަޕްލޭޓްގެ ސަޕޯޓަރުން އުފަލުން ނަށަން ފެށިއެވެ. މެޗް ނިމުމާއެކު ރިވަޕްލޭޓްގެ ކުޅުންތެރިން ތިރިވެ އޮށޯތީ ދަނޑުމަތީގައެވެ. އެމީހުންނަށް މި ކާމިޔާބީ ވީ ގަބޫލުކުރަންވެސް ދަތިވި ކަމަކަށެވެ.
ރޭގެ މެޗް ބެލުމަށްޓަކައި ބާނަބިއު ސްޓޭޑިއަމަށް ހަތްދިހަ ދެ ހާސް މީހުން ވަތް ނަމަވެސް މެޗް ބެލުމަށްޓަކައި ސްޕެއިންއަށް އައިސްފައިވަނި ކޮންމެ ޓީމަކުންވެސް ހަތަރު ހާސް ސަޕޯޓަރުންނެވެ. ކުރިން ރިވަޕްލޭޓްގެ ދަނޑުގައި ކުޅެން ހަމަޖައްސައިފައި އޮތް ދެވަނަ ލެގާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކާހުރެ މި މެޗް ގެ ސަލާމާތީ ކަންތައްތައް އޮތީ ވަރަށް ވަރުގަދަކޮށްފައެވެ. ސްޓޭޑިއަމްގެ ވަށައިގެން އޮންނަ މަގު މުޅި ދުވަހު ބަންދުކޮށްފައި އޮތްއިރު ދެހާސް ފަސް ސަތޭކަ ސިފައިން މެޗްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވިއެވެ.
Advertisement
Leave a Reply