ޑޯޓްމަންޑް ލީޑު ފުޅާކޮށްފި، ބަޔާން ދެ ވަނަ އަށް
ޖަރުމަނު ލީގުގައި ރޭ ޝާލްކޭއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް ބޮރޫޝިއާ ޑޯޓްމަންޑް ލީގު ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގިއިރު ބަޔާން މިއުނިކުން ކުޅުނު މެޗު ކާމިޔާބުކޮށް އެޓީމު ތާވަލުގެ ދެ ވަނައަށް ޖެހިލައިފި އެވެ.
ލީގުގެ 14 މެޗު ނިމުނުއިރު އެއް ވަނައިގައި ޑޯޓްމަންޑް އޮތީ 36 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކަށް 14 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. އެކަމަކު ތިން ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަބަޗް މިރޭ ތާވަލުގެ 15 ވަނައިގައި އޮތް ސްޓަޓްގާޑް ބަލިކޮށްގެން ތާވަލު ދެ ވަނަ އަށް އަރައި ޑޯޓްމަންޑާއި ދެމެދުގައި އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ހަތް ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ތޯމަސް ޑިލަނޭ ޖަހައިދިން ގޯލުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޝާލްކޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނިއަލް ކަލިގިއުރީ އެވެ. ޑޯޓްމަންޑް މެޗުން މޮޅުވި ލަނޑު 74 ވަނަ މިނެޓުގައި ޖެހީ އުމުރުން 18 އަހަރުގެ އިންގްލެންޑްގެ ޒުވާން ތަރި ޖޭޑޮން ސަންޗޯ އެވެ. ސަންޗޯ ލީގުގައި މިހާތަނަށް ޖެހި ހަ ގޯލާއެކު އޭނާ ވެފައިވަނީ އެ އުމުރުގައި ޑޯޓްމަންޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. ރޭގެ މެޗުން ބަލިވި ޝާލްކޭ ވަނީ ލީގުގެ 13 ވަނަ އަށް ވެއްޓިފައެވެ.
މިދިޔަ ހަ ސީޒަނުގެވެސް ލީގު ޗެމްޕިއަން ބަޔާން މިއުނިކް ދެ ވަނަ މަގާމަށް ޖެހެލީ އަމިއްލަ ދަނޑުގައި ނިއުރެމްބާގް ގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ބަޔާން އިން ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެގޯލު ޖަހައިދިނީ ރޮބާޓް ލެވަންޑޮސްކީ އެވެ. ލެވަންޑޮސްކީ ފުރަތަމަ ގޯލު ޖެހީ ޖޯޝުއާ ކިމިކް ނަގައިދިން ކޯނަރަކުން ބޮލުންނެވެ. ދެ ވަނަ ލަނޑު ޖެހީ ލިއޯން ގޮރެޓްޒްކާ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ލިބުމުން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިއީ ޖަރުމަނު ލީގުގައި ލެވަންޑޮސްކީ ދެ ގޯލު ޖެހި 42 ވަނަ މެޗެވެ. ލީގުގައި ދެ ގޯލު އެންމެ ގިނަ މެޗުތަކުގައި ޖަހައިފައިވަނީ ކުރިން ބަޔާން މިއުނިކަށް ކުޅުނު ފޯވާޑް ގާޑް މުލާ އެވެ. އޭނާ ވަނީ ލީގުގެ 55 މެޗުގައި ދެގޯލު ޖަހައިފައެވެ. ބަޔާންގެ ފަހު ލަނޑު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ފްރޭންކް ރިބެރީ އެވެ.
ލީގުގައި ޑޯޓްމަންޑް މިހާތަނަށް އަދި ބަލިވެފައިނުވާއިރު އެޓީމަށް އެންމެ ފަހުން ލީގު ލިބުނީ 2012 ވަނަ އަހަރު އެވެ.
Advertisement
Leave a Reply