މެސީގެ ހިތްގައިމު ގޯލުތަކުން މޮޅުވެ ބާސެލޯނާ ލީޑް ފުޅާކޮށްފި

Advertisement

މެސީގެ ހިތްގައިމު ގޯލުތަކުން މޮޅުވެ ބާސެލޯނާ ލީޑް ފުޅާކޮށްފި

ޢަބްދުﷲ އަޝްރަފް
ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ސްޕެނިޝް ލީގްގައި ރޭ ރަށުން ބޭރުގައި އެސްޕަންޔޯލްއާ ވާދަކޮށް 4-0 އިން ބާސެލޯނާ މޮޅުވެއްޖެއެވެ. މި މޮޅާއެކު ބާސެލޯނާ މިހާރު ޓޭބަލްގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. ރޭގެ މެޗުގައިވެސް ބާސެލޯނާގެ ތަރިއަކަށްވީ ލިއޮނެލް މެސީ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 31 ޕޮއިންޓް ހޯދައިގެން ބާސެލޯނާ ލީގުގެ ކުރީގައި އޮތްއިރު 29 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސެވިއްޔާއެވެ. އެ ޓީމަށް ރޭ ވެލެންސިއާ ބަލިކޮށްގެން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރެވެން އޮތް ނަމަވެސް ރަށުން ބޭރުގައި ކުޅުނު މި މެޗް 1-1 އިން ވީ އެއްވަރެވެ. އެއާއެކު އެތްލެޓިކޯ މެޑްރިޑުންވަނީ އޭގެ ފައިދާ ނަގައި 0-3 އިން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށް ސެވިއްޔާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. މަޝްހޫރު ރެއާލް މެޑްރިޑް އޮތީ 23 ޕޮއިންޓާއެކު ޓޭބަލްގެ ފަސް ވަނައިގައެވެ. އެކަމަކު މިރޭ ރެއާލް ވަލަޑޮލިޑްއާ ކުޅޭ މެޗު ކާމިޔާބު ކޮށްގެން ރެއާލަށް ފަރަގު ކުޑަކުރެވޭނެއެވެ.

މެޗްގައި ބާސާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިފައިވަނީ ފުރަތަމަ ހާފްގައެވެ. މެޗްގެ 17 ވަނަ މިނެޓްގައި ބާސާގެ ފުރަތަމަ ގޯލް ފެނިގެން އައީ މެސީގެ ފަރާތުންނެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން މެސީ ފޮނުވާލި ހިތްގައިމު ހިލޭޖެހުން އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. އޭގެ ފަހުން މެޗްގެ 26 ވަނަ މިނެޓްގައި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އޮސްމާނޭ ޑެމްބެލޭ ޖެހި ގޯލުން ބާސާ ލީޑް ފުޅާކުރިއެވެ. ލީގުގެ ފުރަތަމަ އެގާރައިގައި ފެށި ނުވަ މެޗުގައި ޑެމްބެލޭ ވަނީ ހަ ގޯލު ޖަހައި ތިން ގޯލުޖަހަން މަގުފަހިކޮށްދީފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމިނިމި އޮއްވާ ނަތީޖާ 0-3 އަށް ބަދަލުކޮށްލީ ލުއިސް ސުއަރޭޒް ވަރަށް ހަނި އޭންގަލަކުން ވައްދާލި ލަނޑާއެކުއެވެ.

ހިލޭޖެހުން ވައްދާލުމަށްފަހު މެސީ. ލީގުގައި މެސީ ވަނީ 11 ގޯލު ޖަހައިފައި

ބާސާއިން ފުރަތަމަ ހާފްގައި އިތުރު ލަނޑުތަކެއް ޖެހުމާ ވަރަށް ގާތަށްވެސް ދިޔައެވެ. ބާސާއިން އެސްޕަންޔޯލްގެ ހާފްގެތެރޭގައި މުޅިންހެން ކަހަލަ ގޮތަކަށް ކުޅުނު ފުރަތަމަ ހާފްގައި މެސީއާއި ސުއަރޭޒް އެސްޕެނިއޯލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ހަމަލާއެއް ވަނީ ދަނޑީގައިވެސް ޖެހިފައެވެ. އެސްޕަންޔޯލް އިން މެޗްގެ ފަހު ހާފްގައި ކުޅުން ރަގަޅުކޮށް ބާސާގެ ގޯލްގެ ތެރެއަށް ބޯޅައެއް ވައްދާވެސްލިއެވެ. އެކަމަކު ރެފްރީ ވަނީ އޮސްކާ ޑުއާޓޭ ޖެހި ގޯލް އޮފްސައިޑްކަމަށް ނިންމައިފައެވެ.

މެޗްގައި ބާސާއިން ޖެހި ހަތަރުވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަނެއްކާވެސް މެސީ އެވެ. މިލަނޑު މެސީ ކާމިޔާބުކުރީ ގޯލާ ތަންކޮޅެއް ދުރުން ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީތިކޮށް އެސްޕަންޔޯލްގެ ގޯލަށް ވައްދާލައިގެންނެވެ. މި ގޯލަކީ ލީގުގައި ހިލޭޖެހުމުން މެސީ ވައްދާލި ތިން ވަނަ ގޯލެވެ. ލީގުގައި މިހާތަނަށް މެސީ ވަނީ 11 ގޯލު ޖަހައި އަށް ގޯލު ޖަހަން މަގުފަހިކޮށްދީފައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *