ބައުސް އާއި ކޮންފެރޭ އަދި ސެންޓް ވެސް ކުއާޓާ ފައިނަލަށް
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ދި ބައުސް ފުޓުބޯޅަ ކުލަބާއި ކޮންފެރޭ ސްޕޯޓްސް ކުލަބް އަދި ސެންޓް ސްޕޯޓްސް ކުލަބް، ޖާގަ ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް 8 ގެ ފަހު މެޗުގައި ލީނިއޭޖް ސްޕޯޓްސް ކުލަބް ފުރަތަމަ ހާފުގައި ގޯލެއް ޖަހާފައި ވަނިކޮށް ބައުސްއިން ވަނީ ދެވަނަ ހާފުގައި ފަހަތުން އަރާ ހަ ގޯލު ކާމިޔާބުކޮށް، ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފައެވެ. ބައުސްގެ އަލީ އިރުފާދު މިމެޗުގައި ހަތަރު ގޯލު ކާމިޔާބު ކޮށްދިންއިރު އިބްރާހިމް ރައްޒާން އާއި މޫސާ ހާނިމް ވެސް ވަނީ ގޯލެއް ޖަހާފައެވެ. ލީނިއޭޖްގެ ހަމައެކަނި ލަނޑި ކާމިޔާބު ކޮށްދިނީ އައިމަން އެވެ.
ތިން ޓީމު ހިމެނޭ މިގުރޫޕުގެ އެއްވަނަ ބައުސް އަށް ލިބެނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، ހަ ޕޮއިންޓާއެކުއެވެ. ލީނިއޭޖަށް ތިން ޕޮއިންޓް ލިބުނުއިރު ކުލަބް ކާސިންޖީ (ސީކޭ) އަށް ޕޮއިންޓެއް ނުލިބެއެވެ.
ގުރޫޕް 1ގެ ރޭޖް ސްޕޯޓްސް ކުލަބް އިއްޔެ ހަވީރު އެމްއެސް ހެލްޕިން ހޭންޑް އަތުން 5-1 އިން މޮޅުވި ނަމަވެސް އެޓީމަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގަ ގެއްލިފައެވެ. މެޗުން މޮޅުވެ، ކޮންފެރޭއާ ޕޮއިންޓުގެގޮތުން ހަމަހަމަ ކުރިއަސް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ 18 ގޯލާއެކު 7 ޕޮއިންޓް ހޯދާފައިވާ ކޮންފެރޭއަށެވެ. ރޭޖް ސްޕޯޓްސް އަށް ހަތް ޕޮއިންޓް ލިބުނު ނަމަވެސް އެޓިމަށް ލިބެނީ ފައިދާ 8 ގޯލެވެ. މިގުރޫޕުގެ ތިންވަނާގައި ތިން ޕޮއިންޓާއެކު ހެލްޕިން ހޭންޑް ގުރޫޕް ސްޓޭޖް ނިންމާލިއިރު ފެލްކަން ސްޕޯޓްސް ނިންމާލީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ.
މިމެޗުގައި ރެޖް ސްޕޯޓްސްގެ އަލީ ނިމާލް ދެގޯލު ކާމިޔާބު ކޮށްދިންއިރު މުހައްމަދު ޝަހުޒާން އާއި އިބްރާހިމް މަމްދޫން އަދި އަބްދުލް ސަލާމް ވެސް ވަނީ ގޯލް ޖަހާފައެވެ. ހެލްޕިން ހޭންޑުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު މައުރޫފް އެވެ.
ސެންޓް ސްޕޯޓްސް ވަނީ ޔޫއެން ފްރެންޑްސްއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް ފުރިހަމަ 9 ޕޮއިންޓާއެކު ގުރޫޕް 7 ގެ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފައެވެ. ސެންޓް ސްޕޯޓްސްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ އަހުމަދު އަފްރާހް ނަސީރާއި ހުސައިން ވަފާއު އެވެ. ޔޫއެން ފްރެންޑްސްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ފަހު ފަސް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އަރުޝަދު މުހައްމަދު އިސްމާއީލެވެ.
ގުރޫޕް 7 ގެ ދެވަނަ، ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ޔޫއެން ފްރެންޑްސް އަށް ލިބޭއިރު ޑްރިބްލިން ސްޓާސް އާއި އަމީގޯސްއަކަށް ޕޮއިންޓެއް ނުލިބެއެވެ.
ގުރޫޕް 6 ގެ ކެޕިޓަލް ސިޓީ ވަނީ މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗުން އެލްކިއު ސްޕޯޓްސް 9-5 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މިމެޗުގެ ކުރިންވެސް މިދެޓީމަށް ވަނީ ކުއާޓާގެ ޖާގަ ގެއްލިފަައެވެ. މެޗުގައި ކެޕިޓަލް ސިޓީއިން ޖެހި ލަނޑުތައް އެޓީމަށަ ކާމިޔާބު ކޮށްދިނީ އިސްމާއިލް ހުސައިން އާއި ސައްޔާހް އައްބާސް އެވެ. އިސްމާއިލް ހުސައިން ވަނީ މިމެޗުގައި ހަ ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި ކެޕިޓަލް ސިޓީގެ އެއް ލަނޑަކީ އެލްކިއު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެލްކިއު ސްޕޯޓްސްގެ އަލީ މުނާޒް ހެޓްރިކް ހެދިއިރު މުހައްމަދު ރަޝީދާއި މުހައްމަދު މައުސޫމްވެސް ވަނީ އެލްކިއު އަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.
Advertisement
Leave a Reply