އެންމެންވެސް ބޭނުންވަނީ އަހަރެމެން ބަލިކުރަން: ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ބަލިވެފައިނުވާ ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދައިފިއެވެ. މިރޭ ޗެލްސީ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0 އިންނެވެ.
މިދިޔަ ސީޒަނުގައި ސިޓީ ވަނީ ލީގުގައި ބަލިނުވެ 22 މެޗު ފުރިހަމަ ކޮށްފައެވެ. އެޓީމު ލީގުގައި ފުރަތަމަ ފަހަރަށް ބަލިވީ ރަށުން ބޭރުގައި ލިވަޕޫލާ ވާދަކުރި މެޗުގައި 4-3 އިންނެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ގާޑިއޯލާ މީޑީއާއާ ވާހަކަ ދައްކަމުން ބުނީ ބަލިނުވެ ލީގު ނިންމާލުމަށްވުރެ ޓީމުގެ ކުޅުމުގެ ފެންވަރު މާ މުހިއްމު ކަމަށެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ދެ ގޯލުގެ ތަފާތަކުން ސިޓީ ބަލިވި ހަތަރު ވަނަ މެޗެވެ. މިރޭގެ މެޗުން ސިޓީ ބަލިވުމުން ލީގުގައި ބަލިނުވުމުގެ ރެކޯޑް އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލެވެ.
މިރޭގެ މެޗުން ބަލިވިޔަސް ސިޓީން މަސައްކަތް ކުރާނީ ތަށި ހޯދަން ކަމަށާއި، އެންމެންވެސް ބޭނުންވަނީ ސިޓީ ބަލިކުރަން ކަމަށް ގާޑިއޯލާ ބުންޏެވެ.
“އަހަރެމެން ބަލާނީ ޗެމްޕިއަނުންނަށް ވުމަށް. އެންމެންވެސް ބޭނުންވަނީ އަހަރެމެން ބަލިކުރަން. ފުރަތަމަ ހާފުގަ އަހަރެމެން ކުޅުނީ ވަރަށް މޮޅަށް. އެމީހުނަށް ލިބުނީ މަދު ފުރުސަތުތަކެއް އެކަމަކު ގޯލުޖެހި. ދެވަނަ ހާފު ފެށިގެން ބޮޑު ބައެއްގައި އަހަރެމެން ގޭމުތެރޭގައި އޮތިން” ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ މި ބައްޔަށްފަހު އަލުން ފޯމަކަށް އަންނަން މި ހަފްތާ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗު މުހިއްމުވާނެ ކަމަށެވެ. އަދިވެސް ލީގުގައި ގިނަ މެޗުތަކެއް ހުރުމާއެކު އެއްފެންވަރެއްގައި ޓީމު ހިފަހައްޓަން މަސައްކަތް ކުރާނެކަމަށް މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
މި މެޗުން ބަލިވުމުން ތާވަލުގެ އެއްވަނަ މަގާމް ސިޓީއަށް ވަނީ ގެއްލިފައެވެ. މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވި ލިވަޕޫލަށް 42 ޕޮއިންޓާއެކު އެއް ވަނަ ލިބޭއިރު ސިޓީ އަށް ދެ ވަނަ ލިބެނީ 42 ޕޮއިންޓާއެކުއެވެ. ޗެލްސީއާ އާސެނަލަށް ވެސް 34 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުގެ ތަފާތުން ތިން ވަނަ ލިބެނީ ޗެލްސީއަށެވެ. އެކަމަކު މިރޭ ދަންވަރު ލެސްޓާ ސިޓީއާ ވާދަކުރާ މެޗުން މޮޅުވެގެން ތާވަލުގެ ތިން ވަނަ މަގާމަށް އެރުމުގެ ފުރުސަތު ޓޮޓެންހަމް ހޮޓްސްޕާސް އަށް ލިބޭނެ އެވެ.
މިރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެޑެން ހަޒާޑް ދިން ބޯޅައަކުން ޖެހީ އެންގޯލޯ ކާންޓޭ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު ދެވަނަ ހާފުގައި ޖެހީ ޑޭވިޑް ލުއިޒް އެވެ. މިއީ ހަޒާޑް ނަގައިދިން ކޯނަރަކުން ލުއިޒް ޖެހި ލަނޑެކެވެ. ލީގުގައި މިހާތަނަށް ހަޒާޑް ވަނީ ހަތް ގޯލު ޖަހައި އަށް ގޯލު ޖަހަން މަގުފަހިކޮށްދީފައެވެ. މެޗަށްފަހު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ސިޓީ ކަހަލަ އުނދަގޫ ޓީމަކާ ދެކޮޅަށް ލިބުނު މޮޅާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
“އަހަރެން ވަރަށް އުފާވެފަ މިހުރީ ސަބަބަކީ ސިޓީ އަދި ގާޑިއޯލާވެސް ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެން އުފާވޭ ޓީމުގެ މެންޓަލިޓީ މިއަދު ރަނގަޅުވީމަ” ގާޑިއޯލާގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދި މެޗަށްފަހު ސާރީ ބުންޏެވެ.
ސާރީ ބުނީ ފުރަތަމަ ފަހަރަށް ހަޒާޑް ފޯވާޑެއް ގޮތުގައި ކުޅުވަން އުނދަގޫވި ކަމަށެވެ.
“އަހަރެންގެ ކުޅުންތެރިން އެބަޖެހޭ މިގޮތަށް ކުރިއަށްދާން. ފުރަތަމަ 30 މިނެޓުގައި މައްސަލަ ދިމާވި އެއީ ހަޒާޑް ފުރަތަމަ ފަހަރަށް ފޯވާޑަށް ލައިގެން ކުޅުނީމަ. ފުރަތަމަ 20 މިނެޓުގަ ހަޒާޑަށް ކުޑަކޮށް އުނދަގޫވި އެކަމަކު ފަހުން ވަރަށް ރަނގަޅު” ހަޒާޑާއި ގުޅޭގޮތުން ސާރީ ބުންޏެވެ.
Advertisement


Leave a Reply