މިއެޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ކަންމަތި އެފްސީ ހޯދައިފި
ކ. ތުލުސްދޫގެ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި މިއެޓް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ކަންމަތި އެފްސީ ހޯދައިފިއެވެ. ކަންމަތި އެފްސީ ޗެމްޕިއަންކަން ހޯދީ ރޭ ތުލުސްދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ހިންމަފުށި ފުޓްބޯޅަ ޓީމާއި ވާދަކޮށް 2-2 އިން އެއްވަރުމުން ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފޯރިގަދަވި މި ފައިނަލް މެޗު ބެލުމަށް ހިންމަފުށިން ވަނީ 200 އަށްވުރެ ގިނަ ސަޕޯޓަރުން ރޭ ތުލުސްދޫއަށް ގޮސްފައެވެ.
ފައިނަލް މެޗުގައި ކަންމަތި އެފްސީގެ ލަނޑުތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އާއި މުއީޒް ދާއޫދް އެވެ. ހިންމަފުށީގެ ދެ ގޯލުވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަތުސަން އިބްރާހީމް އެވެ. ތިން ޕެނަލްޓީގެ ތެރެއިން ހިންމަފުށީ ޓީމުގެ އަތުސަން އިބްރާހީމް އަދި އިބްރާހީމް އިސްމާއީލް ޖެހި ޕެނަލްޓީ ވައްދާލެވިފައެއް ނުވެއެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިއަކީ އަހުމަދު ޖައިލަމް އެވެ. ކަންމަތި އެފްސީން ޖެހި ދެ ޕެނަލްޓީ ވައްދާލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އާދަމް އަޒްމީން އެވެ.
ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން އަދި ކުރިން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމުގައި ހުންނެވި ނާއިފް ޝައުކަތު އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ބޮޅު ކޮމިއުނިޓީގެ އަބްދުﷲ އަތީކް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން ކަންމަތީ އެފްސީގެ ހާއްޕެ އަށެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހާއްޕެ ހިމެނުނު އިރު އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ. ހާއްޕެގެ އިތުރުން ގަދަ ފަހެއްގައި ހިމެނުނީ ހިންމަފުށީ ޓީމުގެ އިބްރާހީމް މަނިކާއި އެޓީމުގެ އަހުމަދު ޖައިލަމްގެ އިތުރުން އަޕޮކަލިޕްސްގެ ރީހާން މުހައްމަދު އަދި ބްލެކް އީގަލްސްގެ އަހުމަދު ޝިފާއު މުއާޒް އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އަޕޮކަލިޕްސް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތް ހަތް ޓީމާއެކު ފެށީ މި ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. ތުލުސްދޫ މިއެޓް ޖަމިއްޔާއިން ބުނީ އަންނަ އަހަރުވެސް ގިނަ ޓީމުތަކަކާއެކު ފޯރިގަދަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
Advertisement
Leave a Reply