އުއްމީދީ ޓީޓީ ކުޅުންތެރިޔާ އިތުރު ތަމްރީނު ހޯދަން ތައިލެންޑަށް
ރާއްޖޭގެ އެންމެ އުއްމީދީ ޓޭބަލްޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވިފައިވާ ފާތިމަތު ދީމާ އަލީ އިތުރު ތަމްރީން ހޯދުމަށްޓަކައި މިއަދު ތައިލެންޑަށް ފުރައިފިއެވެ. އުމުރުން އެންމެ ދިހަ އަހަރުގެ ދީމާ ތައިލެންޑްގައި ތަމްރީންތައް ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ބެންގްކޮކް ގައި ހުންނަ ޕިންޕިންގްޕޮންގް އެކަޑަމީގައެވެ.
ތައިލެންޑަށް ފުރުމުގެ ކުރިން ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ދީމާގެ މަންމަ އާއިޝަތު ވަހީދާ “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނީ ދީމާއަށް ތައިލެންޑްގެ އެކަޑެމީއަކުން ފުރުސަތު ހޯދީ އަމިއްލައަށް ކަމަށާއި އެ ތަނުގައި ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަސް ދީމާ ހޭދަކުރާނެ ކަމަށެވެ.
އުފަންވީއްސުރެ އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދީމާ ޓީޓީން މިހާތަނަށް ހޯދައިފައިވާ ކާމިޔާބީތައް އޭނާގެ އުމުރަށްވުރެ މާ ބޮޑެވެ. ދީމާގެ ކާމިޔާބީތަކުގެ ސިލްސިލާ ފެށުނީ އޭނާ ޓީޓީ ރެކެޓެއްގައި އަތްލިތާ އެންމެ ދެ އަހަރުވެސް ނުވަނީހެވެ. އެކަން އޭނާ ފެށީވެސް ރެކޯޑަކުންނެވެ. 2015 ވަނަ އަހަރު އޮތް ލަންކާގެ ގައުމީ ޓީޓީ މުބާރާތުގައި ވާދަކޮށް މުބާރާތުގެ ދިހަ އަހަރުން ދަށުގެ ބައިން ދީމާ އެއް ވަނަ ހޯދިއިރު އޭނާގެ އުމުރަކީ އެންމެ އަށް އަހަރެވެ. ބޭރު ގައުމެއްގެ ގައުމީ މުބާރާތަކުން ރަން މެޑަލް ދިވެއްސަކަށް މީގެކުރިން ލިބިފައި އޮތްކަމެއް އެނގޭކަށް ނެތެވެ.
ރާއްޖެއަށްވުރެ ޓީޓީގައި ކުރީގައި އުޅޭ ލަންކާގެ ގައުމީ މުބާރާތުގައި ދީމާ އެހާ ޅައުމުރުގައި ހޯދަންފެށި ކާމިޔާބީތަކާއެކު މުޅި ލަންކާގެ ޓީޓީ އާއިލާއަށްވެސް ސިހުން ލިބުނެވެ. ބައެއް މީހުން އެކަމާ ފަހުރުވެރިވިއިރު އަނެއް ބަޔަކަށް އެކަން ހަޖަމެއް ނުވިއެވެ. ޖެހިޖެހިގެން ދެ އަހަރު ދީމާގެ އުމުރު ފުރައިން ލަންކާގެ ކުޅުންތެރިންގެ މައްޗަށް ކާމިޔާބު ހޯދުމާއެކު އޭނާއަށް މުބާރާތުގައ ބައިވެރިނުވެވޭ ގޮތް ހަދަން ލަންކާގެ ވަރަށް ގިނަ ބަޔަކު މަސައްކަތްކުރިއެވެ. ދިވެއްސެއްގެ ގޮތުގައިހުރެ އެންމެ މަތީ ފެންވަރުގައި ލަންކާގެ ކުޅުންތެރިން ފަހަތަށް ޖައްސަމުން ދިއުމާއެކު ލަންކާގެ ބައެއް މީޑިޔާތަކުގެ ފާޑުކިޔުންތައް އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީއަށާއި، ޓޭބަލްޓެނިސް އެސޯސިއޭޝަންއަށް އަމާޒުވިއެވެ.
އެހުރިހާ ސަބަބުތަކާ ހެދި ލަންކާގެ މުބާރާތުގައި ވާދަނުކުރަން ނިންމިއެވެ. އޭގެ ބަދަލުގައި އޭނާގެ މިސްރާބު އަމާޒުކުރީ ރާއްޖެއަށެވެ. ދެފަހަރެއްގެ މަތިން އައިސް ރާއްޖޭގެ ފަސްގަނޑުގައި ދީމާ ދެއްކި އާދަޔާހިލާފް ކުޅަދާނަކަމުގެ ނަތީޖާއަކަށްވީ މިއަހަރުގެ މެއި މަހު ސްވިޑެންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ދީމާއަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން ދިނެވެ. ކިތަންމެ އުމުރުން ހަގަސް އޭނާއާ ދޭތެރޭ އޮތް ޔަގީންކަން އެސޯސިއޭޝަން މާބޮޑުވީއެވެ. އެއާއެކު ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ ގޮތުގައި އެ މުބާރާތުގެ ތާރީހުން އޭނާ ޖާގަ ހޯދިއެވެ.
ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި އުމުރުން އެންމެ ދިހަ އަހަރުގައި ދީމާ ހަމައެކަނި ވާދަކުރީއެއްވެސް ނޫނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު އާ އަދި އަރަމުން އަންނަ ޓީޓީ ތަރި ޢާއިޝަތު ރަފާ ނާޒިމް އާއެކު ވޯލްޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ޑިވިޝަންގައި ވާދަކޮށް ބައެއް ސެޓްތައް ވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ވޭލްސް ގެ ޓީމާއި ދެކޮޅަށް ކުޅެ އޭނާ ދެ ސެޓް ކާމިޔާބުކުރި މެޗް ފާހަގަކޮށްލެވެއެވެ.
Advertisement
Leave a Reply