ޓީ20 އަންހެނުންގެ ކްރިކެޓް: ހިންނަވަރާއި ފުވައްމުލަކަށް ރަގަޅު ފެށުމެއް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 2 ވަނަ ގައުމީ ޓީ20 އަންހެނުންގެ ކްރިކެޓް މުބާރާތުގެ ފުރަތަމަ ކުޅުނު މެޗްތައް ފުވައްމުލަކު ސީބީއެލް ސްޕޯޓްސްއާއި ހިންނަވަރު ހިރިޔާ މާލެ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ފުވައްމުލަކު ސީބީއެލް ސްޕޯޓްސް ނުކުތީ ލ. ކުނަހަންދޫ މާލޭ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ޓޮސް ލިބިގެން ފުވައްމުލަކުން ނިންމީ ފުރަތަމަ ހޮވާށެވެ. ކުނަހަންދޫ ސްޕޯޓްސް ކްލަބުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހެދުނީ 97 ލަނޑެވެ. ފުވައްމުލަކުން ވަނީ މި 20 އޯވަރުގެ ތެރޭގައި މޮޅަށް އުކައި ކުނަހަންދޫ އަށް ގިނަ ލަނޑުތަކެއް ހެދިޔަނުދީ ހިފަހައްޓައިފައެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް އުކައިފައިވަނީ ހަތަރު އޯވަރުގެ ތެރޭގައި 14 ލަނޑަށް 3 ވިކެޓް ނެގި އައިމާ އެވެ. ކުނަހަންދޫއަށް ބެޓްކުރަން ލިބުނު ފުރުސަތުގައި އެންމެ ގިނަ ލަނޑު ހަދައިފައިވަނީ ސަމައިދާ (15 ލަނޑު) އަދި ސަޖާ (13 ލަނޑު) އެވެ.
ކުނަހަންދޫގެ އިނިންގްސް ނިމުމުން ފުވައްމުލަކު ޓީމުން ކުޅެންއަރާ 20 އޯވަރު ހަމަވާން އެންމެ ދެ ބޯޅައަށް ވެފައިވަނިކޮށް ކުނަހަންދޫގެ މައްޗަށް ކުރި ހޯދީ އެއް ވިކެޓުންނެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 12 ލަނޑު ހެދި އާލާއެވެ. ކުނަހަންދޫ އިން އެންމެ ރަގަޅަށް އުކައިފައިވަނީ ހަތަރު އޯވަރުގެ ތެރޭގައި 14 ލަނޑަށް 2 ވިކެޓް ނެގި ސުމައްޔާއެވެ.
މުބާރާތުގެ ދެވަނަ މެޗްގައި ހިންނަވަރު ހިރިޔާ މާލެ ނުކުތީ ވިޔަންސާ ވިލިނގިއްޔާ ދެކޮޅަށްވެ. ހިރިޔާއިން ޓޮސް ކާމިޔާބުކޮށްގެން އިހްތިޔާރުކުރީ ފުރަތަމަ އުކާށެވެ. ވިޔަންސާއަށް ކުޅެން ލިބުނު 20 އޯވަރު ހަމަވިއިރު އެމީހުންނަށް ހެދުނީ އެންމެ 79 ލަނޑެވެ. ވިޔަންސާއިން އެންމެ ރަގަޅަށް ކުޅެފައިވަނީ 20 ލަނޑު ހެދި ހަމްޒަތު އާއި 13 ލަނޑު ހެދި ޔުމްނު އެވެ. ހިންނަވަރު ޓީމުން އެންމެ ރަނގަޅަށް އުކައިފައިވަނީ ތިން އޯވަރުގެ ތެރޭގައި 26 ލަނޑަށް 2 ވިކެޓް ނެގި އީޝަލް އެވެ.
ވިޔަންސާގެ ކުޅުން ނިމުމުން ހިންނަވަރު ޓީމުން ކުޅެންއަރާ ފަނަރަ ވަނަ އޯވަރުގެ ތެރޭގައި ވަނީ ލަނޑު ހަމަކޮށްފައެވެ. ހިންނަވަރު ޓީމް މެޗް ކާމިޔާބުކޮށްފައިވަނީ 5 ވިކެޓުންނެވެ. ވިޔަންސާ ޓީމުން އެންމެ ރަގަޅަށް ކުޅެފައިވަނީ 8 ލަނޑު ހެދި ލީން އެވެ.
ހަތަރު ޓީމް ވާދަކުރާ މި މުބާރާތުގައި މިއަދުވެސް ދެ މެޗް ކުޅޭނެއެވެ. މިއަދު ހެނދުނު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރަނީ ކުނަހަންދޫ މާލެ ސްޕޯޓްސް ކްލަބާއި ހިންނަވަރު ހިރިޔާ މާލެ އެވެ. މެންދުރު ފަހު ކުޅޭ މެޗްގައި ބައްދަލުކުރަނީ ފުވައްމުލަކު ސީބީއެލް ސްޕޯޓްސްއާއި ވިޔަންސާ ވިލިގިލި ޓީމެވެ.
Advertisement
Leave a Reply