ބާރަށުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިއަދު ފަށަނީ
ހއ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ބާއްވާ “އެލަޔަންސް ފުޓްސަލް ކަޕް 2018” މިއަދު ފަށާނެއެވެ. މިފަހަރުގެ މުބާރާތުގައި 11 ޓީމަކުން ބައިވެރިވެފައިވާއިރު ކުޅުން ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭ ގައި ހިމެނެނީ އެލަޔެންސް ޔުނައިޓެޑް، ކަމަނައޮޅު އެފްސީ، ކެޕިޓަލް ޖޫނިއާސް އަދި އެލަޔަންސް ސްޕޯޓްސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ސްޓާ ފޯސް، ވިއޯރާ ސިޓީ، ކޭއެމް ސްޕޯޓްސް އަދި ކެޕިޓަލް ބޯއީޒް އެވެ. ގްރޫޕް ސީ ގައި ހިމެނެނީ ސްޓާ ޖޫނިއާސް ވިއޯރިއަންސް އަދި ޔަންގް ސްޓާ އެވެ. މިއަދު ފަސް މެޗެއް ކުޅޭއިރު ފެށުމުގެ ގޮތުން ކުޅޭ މެޗުގައި އެލަޔަންސް ޔުނައިޓެޑް ނުކުންނާނީ ކަމަނައޮޅު އެފްސީއާ ދެކޮޅަށެވެ. ހަވީރު ދެ މެޗު ކުޅޭ އިރު މިރޭ މި މުބާރާތުގައި ތިން މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ކުއާޓާ ފައިނަލަށް ކޮލިފައިވާއިރު ކުއާޓާގެ މެޗުތައް ކުޅޭނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ސެމީ ފައިނަލުގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12، 13 އަދި 14 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
މި މުބާރާތް ބާރަށު ކުޅުންތެރިންނަށް އަމާޒުކުރި ނަމަވެސް، ކުޅުންތެރިންގެ ހުނަރު އިތުރުކޮށް ރަށުގެ ފުޓްސަލް އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގްސަދުގައި ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކު ހިމެނޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި، ޒުވާން ކުޅުންތެރިންގެ ބައިވެރިވުން ވީހާވެސް ބޮޑުކުރުމުގެ ގޮތުން ކޮންމެ ޓީމެއްގައި 16 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކު ހިމަނަން ވަނީ މަޖުބޫރުކޮށްފައެވެ.
މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް ރަށު ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ހުނަރުވެރި ކުޅުންތެރިން އުފައްދައި ފުޓްސަލްގެ އިތުރު ހަރުފަތަކަށް ކުޅުންތެރިން ވާސިލްކޮށްދިނުން ކަމަށް އިންތިޒާމް ކުރާ އެލަޔަންސް ސްޕޯޓްސް ކްލަބުން ބުނެއެވެ.
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ކަނޑައަޅައިފައި ވާއިރު ދެވަނަ ޓީމަކަށް 5،000 ވަނީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ބާރަށަކީ ޒަމާނުންސުރެ ބޮޑު ޗުއްޓީގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ރަށެވެ. އެރަށުގައި ބާއްވާ ފުޓްސަލް މުބާރާތަކީ ރަށުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތްކަމަށް އެލަޔަންސް ސްޕޯޓްސް ކްލަބުން މައުލޫމާތުދެއެވެ.
Advertisement
Leave a Reply
[…] ބާރަށުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިއަދ… […]