އަޑުބަރޭއަށް ސްޓޭޓް މިނިސްޓަރުކަން

Advertisement

އަޑުބަރޭއަށް ސްޓޭޓް މިނިސްޓަރުކަން

ފަހުމިނެޓް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަސްހަދު އަލީ އަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ކުލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ހަމަޖައްސައިފިއެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އަޑުބަރޭ އަކީ ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ވެސް ކުރީސަފުގައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ހަރަކާތްތަކުގައިވެސް ބައިވެރިވެފައެވެ.

ކުލަބް ވެލެންސިޔާއިން ފާހަގަވި އަޑުބަރޭ ވަނީ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސް ކުލަބުގެ އިތުރުން މާޒިޔާ އަދި ވިކްޓްރީ އަށް ވެސް ކުޅެފައެވެ. މީގެ އިތުރުން ރާއްޖޭގެ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް އޭނާ ހިމެނިފައި ވެއެވެ. ފުޓުބޯޅަ ދަނޑުގެ ‘އައުޓްފީލްޑް’ ކޮންމެ މަގާމަކަށްވެސް އެއް ފެންވަރަކަށް ކުޅެވޭކަން ދަނޑުމަތީގައި ސާބިތު ކޮށްދީފައިވާ އަޑުބަރޭ ވަނީ 2014 ވަނަ އަހަރު ދިވެހިރާއްޖެ އޭއެފްސީ ޗެލެންޖް ކަޕް މުބާރާތުގެ ތިންވަނަ ހޯދި މެޗުގައި މޮޅު ޕެނަލްޓީއެއްވެސް ޖަހާފައެވެ. މި ޕެނަލްޓީގެ ވީޑިޔޯއަށް ޔޫޓިއުބްގައި މިހާތަނަށް ވަނީ 12.1 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ. މިއީ ދިވެއްސެއްގެ ވީޑީޔޯއަކަށް ޔޫޓިއުބްގެ ވިއުސް މިލިއަނަކަށް ވެސް އެރި ފުރަތަމަ ވީޑިޔޯއެވެ.

ސިޔާސީ އެކި ހަރަކާތްތަކުގައި އުޅެނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެންމެ ފާހަގަ ކޮށްލެވެނީ 2016 ވަނަ އަހަރު މާޒިޔާ އަށް ކުޅެނިކޮށް، ކްރިމިނަލް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާ ދެމެދު ހިނގި މައްސަލައެއްގައި 15 ދުވަސް ވަންދެން ޖަލުގައި އޮންނަންޖެހި، އެއަހަރުގެ އޭއެފްސީ ކަޕުގެ ދެމެޗެއް ގެއްލިގެން ދިޔަކަމެވެ.

އަޑުބަރޭ ފާހަގަ ކުރެވެނީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު، އަދި ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރު ކަމާއި މަޝްހޫރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި އަލީ ވަހީދުގެ އެންމެ އަރިސް އެއް ބޭފުޅުގެ ގޮތުގައެވެ.

ސިޔާސީ ގޮތުން އެންމެ ފުރަތަމަ އަޑުބަރޭ ފާހަގަ ވެގެންދިޔައީ ޑީއާރުޕީގައި އުޅުއްވި ދުވަސްވަރުއެވެ. އެޕާޓީއިން ހިންގި މަގުމަތީ ހަރަކާތެއްގައި ހުއްޓާ ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުގެތެރޭގައި އަޑުބަރޭއަށް ވަނީ އަނިޔާވެސް ވެފައެވެ. އަލީ ވަހީދާއެކު ޑީއާރުޕީ ދޫކޮށް އެމްޑީޕީއާ ގުޅުނީ 2011 ވަނަ އަހަރުއެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން އޭނާ ވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކޮށްފައެވެ. އަދި އަލީ ވަހީދާއެކު އެމްޑީޕީއިން ވަކިވެ، ދެބޭފުޅުން މިހާރު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަޑުބަރޭ ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ، ޕާޓީގެ ކޮންގްރެސްގެ ބޮޑު އަގުލަބިއްޔަތަކުން އެމަގާމަށް އިންތިހާބު ވެފައެވެ.

އަޑުބަރޭގެ އުމުރު ދޮށިކަމަށް ބުނެ، އޭނާ އަތުން ކެޕްޓަން ބޭންޑު ނަގަން މިހާރުގެ ގައުމީ ކޯޗު ޕީޓާ ޝެގަޓް ނިންމުމުން އޭނާ ވަނީ މިއަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އަޑުބަރޭއަށްފަހު ކޯޗް ޝެގަޓް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ އޭނާއަށްވުރެ އެއް އަހަރު ހަގު، އަކުރަމް އަބްދުލް ޣަނީ، 31، އަށެވެ. އޭގެ ފަހުންވެސް ޝެގަޓް ވަނީ މިއަހަރު އޮތް ސާފް ސުޒުކީ ކަޕަށް އެކުލަވާލި ސްކޮޑަށް އަޑުބަރޭ ގެންނަން މަސައްކަތް ކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *