ޔުނައިޓެޑްގެ ލެޖެންޑް ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަނީ

Advertisement

ޔުނައިޓެޑްގެ ލެޖެންޑް ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަނީ

ޢަލީ ޝަހީމް
ލަނޑެއް ޖެހުމަށްފަހު ސިލްވެސްޓާ (ވ) ޔުނައިޓެޑްގެ ކުޅުންތެރިނާއެކު އުފާފާޅު ކުރަނީ.

އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދި މިކައެލް ސިލްވެސްޓާ ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ފްރާންސަށް އުފަން ސިލްވެސްޓާ އަކީ 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ޑިފެންޑަރެކެވެ. އެ ކްލަބުގައި ހޯދި ކާމިޔާބީތަކުގެ ތެރޭގައި ހަތަރު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑަށް ކުޅުމަށްފަހު އުމުރުން މިހާރު 41 އަހަރުގެ ސިލްވެސްޓާ ފެނުނީ އާސެނަލުންނެވެ. އެ ކްލަބުގައި ދެ ސީޒަން ހޭދަކުރުމަށްފަހު ސިލްވެސްޓާ ވަނީ ޖަރުމަނާއި އެމެރިކާގައިވެސް ފުޓްބޯޅަ ކުޅެފައެވެ. ސިލްވެސްޓާ ފުޓްބޯޅަ ދަނޑުން އެންމެ ފަހުން ފެނުނީ 2014 ވަނަ އަހަރު އިންޑިއަން ސުޕަލީގުގެ ޗެންނާއީ އެފްސީ އިންނެވެ. ފްރާންސްގެ ގައުމީ ޓީމުގައި ހަ އަހަރު ހޭދަކުރިއިރު އޭނާ ވަނީ 40 މެޗު އެގައުމަށް ކުޅެދީފައެވެ.

Advertisement

ސޮނެވާފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ކޭމްޕުގެ ޕޯސަޓަރެއް. ފޮޓޯ: ސޮނެވާފުށި ފޭސްބުކް

ސޮނެވާފުށީގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެ ރިސޯޓުން ވަނީ ހުޅުވާލައިފައެވެ. މި ކޭމްޕް ކުރިއަށް ދާނީ މި މަހުގެ 20 އިން 24 އަށް އެ ރިސޯޓުގައެވެ. ކޮންމެ ދުވަހަކުވެސް ދެ ސެޝަނަކަށް ބަހާލައިގެން ކޭމްޕް ކުރިއަށްގެންދާއިރު ހެނދުނު ކުރިއަށްދާނީ ސިލްވެސްޓާ އާއެކު ފުޓްބޯޅަ ޓްރެއިނިން ސެޝަން ތަކެކެވެ. އަދި، ކޮންމެ ދުވަހަކުވެސް ހަވީރު ސިލްވެސްޓާ ބައިވެރިވާ ފުޓްބޯޅަ މެޗެއް އޮންނާނެ އެވެ. ސެޝަންތައް ބޮޑަށް އަމާޒުކުރާނީ ސައިކޮލޮޖިކަލް، ޓެކްނިކަލް، ސޯޝަލް އަދި ފިޒިކަލް ހަރަކާތްތަކަށް ކަމަށް އެ ރިސޯޓުން ބުނެއެވެ. ޓްރެއިނިން ނިމޭއިރު މި ކޭމްޕުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ހިލޭ ޓީޝާޓެއްވެސް ލިބޭނެއެވެ. ކޭމްޕުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކުންވެސް 1000 ޑޮލަރު ދައްކަން ޖެހެއެވެ.

ރާއްޖެއަކީ މަޝްހޫރު އެތައް ފުޓްބޯޅަ ކުޅުންތެރިންނެއް ޒިޔާރަތްކުރާ މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ފިނި މޫސުމާ ދިމާކޮށް ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ފުޓްބޯޅައާ ގުޅުންހުރި ގިނަ ހަރަކާތްތައް ރިސޯޓުތަކުގައި ކުރިއަށް ގެންދެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *