ޓީސީ އިން ރ. މަޑުއްވަރީގައި ފުޓްބޯޅަ އެކަޑަމީއެއް ހުޅުވަނީ

Advertisement

ޓީސީ އިން ރ. މަޑުއްވަރީގައި ފުޓްބޯޅަ އެކަޑަމީއެއް ހުޅުވަނީ

އަބްދުﷲ ޝަހީމް

މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ރ. މަޑުއްވަރީގައި ފުޓްބޯޅަ އެކަޑަމީއެއް ހުޅުވަން ނިންމައިފިއެވެ. މަޑުއްވަރީގެ އަމިއްލަ ފަރާތަކުން އިސްނަގައިގެން ޓީސީ ސްޕޯޓްސް ކުލަބާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަޑުއްވަރީގައި ޤާއިމްކުރާ އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކުރުން އަންނަ ޖެނުއަރީ މަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

‘އަޅުގަނޑުމެން މިމަސައްކަތްކުރަނީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއިއެކު ރަސްމީކޮށް އެކަޑަމީ އިފްތިތާޙްކުރުމުގެ ޙަފްލާ މަޑުއްވަރީގައި ބޭއްވުމަށް. ފުޓްބޯޅައަށް ލޯބި ކުރައްވާ މަޑުއްވަރީގެ ރައްޔިތުންނަށް އޮތް އުފާވެރި ޚަބަރަކީ، އެކަޑަމީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތަށް ނުވަތަ ޙަފްލާއަށް ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުން މިރަށަށް އަންނާނެ، އަދި އެފަރާތްތަކާއިއެކު ފޮޓޯނެގުމާއި ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ޒުވާނުންނާއި ކުޑަކުދިންނަށް ހުޅުވާލެވިގެންދާނެ. އަޅުގަނޑަށް ހީވަނީ މީހެން މިކަމުގައި ކުޑަކުދިން އެންމެ އެކްސައިޓްވާނެ ކަމަކީ’ ‘ފަހުމިނެޓް’ އާއި މަޢުލޫމާތު ހިއްސާކުރަމުން އެ އެކަޑަމީގެ މަޑުއްވަރީގެ ކޯޑިނޭޓަރ މުޙައްމަދު ޝާމިން ބުންޏެވެ.

ޓީސީ ސްޕޯޓްސް ކުލަބުގެ މަޑުއްވަރީ އެކަޑަމީގައި ބައިވެރިވުމަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށާއި އެގޮތުން ފާއިތުވި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުންފެށިގެން މިހިނގާ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އެކަޑަމީގައި ރަޖިސްޓްރީވުމުގެ އެޕްލިކޭޝަން ރ. މަޑުއްވަރީ ކައުންސިލުން ލިބެން ހުންނާނެކަމަށާއި އެޕްލިކޭޝަން ބަލައިގަންނާނީ ލޮއްލި ރެސްޓޯރެންޓުންކަމަށް އެކަޑަމީގެ ރައީސް ޝާމް އުމަރުގެ ވާހަކައިގައި ފާހަގަ ކުރިއެވެ. ‘އެކަޑަމީގެ ޓްރެއިނިންގތައް އަމާޒުކޮށްފައިވަނީ 5 އަހަރާއި 17 އަހަރުގެ ފިރިހެން ކުދިންނަށް، ރަޖިސްޓްރީވާ ކުދިންނަށް ޓްރެއިނިންގ ކިޓް އެކަޑަމީން ފޯރުކޮށްދެއްވާނެ،’ ‘ފަހުމިނެޓް’އަށް ދިން އިންޓަރވިއުގައި ޝާމް ބުންޏެވެ.

ކުރިއަށް އޮތްތާގައި އެ އެކަޑަމީގެ ފަރާތުން މަޑުއްވަރީގައި ގިނަ ފުޓްބޯޅަ މުބާރާތްތަކެއް ހިންގައި ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް މޮޅު ކުޅުންތެރިންތަކެއް އުފެއްދުމަކީ އެކަޑަމީގެ އެންމެ ބޮޑު އަމާޒެވެ. ‘އިރާދަކުރެއްވިއްޔާ ކުދިން ޓްރެއިން ކުރުމަށް ރަށުގައި ޤާއިމްވެ ހުންނާނީ ފުޓްބޯޅައިގެ ތަޖުރިބާހުރި ބޭރުގެ ޓްރެއިނަރެއް، އަދި ކުލަބުގެ ވިޒިޓަރސްގެ ގޮތުގައި ކުލަބުގެ ކުޅުންތެރިންނާއި ރާއްޖޭގައި ނަންހިނގާ ކޯޗުން އެކަޑަމީގެ ޓްރެއިނިންތައް ހިންގުމަށް އަންނާނެ،’ ޝާމުގެ ވާހަކައިގައި އިތުރުކޮށްލިއެވެ. ރަށުފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުޅެވޭ އެކި ޑިވިޝަންތަކަށް ކުދިން ތައްޔާރުކޮށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޓީސީ ސްޕޯޓްސް އެކަޑަމީގެ ލަނޑުދަނޑިއެކެވެ.

ޓީސީ ސްޕޯޓްސް ކުލަބުން އަންނަނީ އެ ކްލަބްގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެ ކުލަބުން އަންނަނީ ޏ. ފުވައްމުލަކުގައިވެސް އެކެޑަމީއެއް ހިންގަމުންނެވެ. އަދި އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކެޑަމީތައް ފެށުމަކީ އެ ކްލަބްގެ އަމާޒެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *