މޮޑްރިޗް: ރެފިއުޖީއެއްގެ ދަރަޖައިން ފުޓުބޯޅައިގެ ރަސްކަމަށް

އެއީ މީގެ ހަތާވީސް އަހަރު ކުރިއެވެ. ސާބިޔާގެ ހަގުރާމަވެރިން އޭރު އޮތީ ކުޑަކުޑަ ލޫކަ މޮޑްރިޗް ދިރިއުޅެމުން އައި މޮޑްރިސީ ހިފައިފައެވެ. އެއާއެކު އެމީހުން ދިޔައީ އެ އަވަށުގައި ދިރިއުޅެމުންއައި ކްރޮއޭޝިޔާއަށް ނިސްބަތްވާ އާއިލާތަކާ ދެކޮޅަށް ބިރުވެރިކަން އާއްމުކުރަމުންނެވެ. އެމީހުންގެ ބޭނުމަކަށްވީ އެ އަވަށުން ނުފައިބައިތިބި ކްރޮއޭޝިޔާއަށް ނިސްބަތްވާ އާއިލާތަކުގެ މީހުންނަށް އެތަނުން ފައިބަން މަޖްބޫރުކުރުވުމެވެ. އެކަން ހާސިލްކުރަން ސާބިޔާގެ ހަގުރާމަވެރިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށްވި އެކަކީ މޮޑްރިޗްގެ ކާފައެވެ. ސާބިޔާގެ ސިފައިން އޭނަ މަރާލީ މަގުމަތީގައި އެހެން ފަސް މީހަކާ އެއްކޮށް ހިގާފައި ދަނިކޮށެވެ.
ކާފަ މަރުވުންވީ އޭރު އުމުރުން އެންމެ ހަ އަހަރުގެ މޮޑްރިޗަށް ތަހައްމަލުކުރަން ދަތިވި ހިތާމައަކަށެވެ. މޮޑްރިޗްގެ ކާފަ އޭނައާ ބާއްވަމުން އައި ގާތްކަމަކީ އާއިލީ ލޯބީގެ ފުރިހަމަ މިސާލެކެވެ. މޮޑްރިޗްގެ މަންމައާއި ބައްޕަ އާމްދަނީ ހޯދުމަށްޓަކައި މަސައްކަތަށް ދިއުމުން ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް މޮޑްރިޗް ހޭދަކުރަމުންއައީ ކާފަޔާ އެކުއެވެ. އެ ވަގުތުތަކުގައި މޮޑްރިޗްގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ ކާފައެވެ. އެކަމަކު ކާފަ މަރުވުމުގެ އަސަރުން ފުރިފައިވާ ހާދިސާއަށްފަހު މޮޑްރިޗްގެ މައިންބަފައިންނަށް މަޖްބޫރުވީ ރެފިއުޖީން ތިއްބާ މަރުކަޒަކަށް މޮޑްރިޗް ބަދަލުކުރާށެވެ. ކޮންމެ ވަގުތެއްގައިވެސް ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުން ނޫންގޮތެއް އޭރަކު އެ އާއިލާއަކަށްވެސް ނެތެވެ. ހަގުރާމައިގެ ބިރުވެރިކަން އެހާވެސް ބޮޑީއެވެ.

“ފީފާ ދި ބެސްޓް” އެވޯޑާ އެކު މޮޑްރިޗް. —
މޮޑްރިޗްގެ ކިބައިން އެންމެ ކުޑައިރުވެސް ފެނުނީ މަޑުމައިރިރިކަމެވެ. އެހާވެސް ބަސް މަދެވެ. ރެފިއުޖީ އެއްގެ ގޮތުގައި “އިޒް” ނަމަކަށް ކިޔާ ހޮޓަލެއްގައި މޮޑްރިޗް ދިރިއުޅުނުއިރުވެސް އޭނާގެ ހަމައެކަނި ޝައުގަކަށްވީ އެ ހޮޓަލުގެ ކާރު ޕާކު ކުރާ ސަރަހައްދުގައި ހުރެ ބޯޅަ ތެޅުމެވެ. އަޅަމުން ދިޔަ ބޮންތަކުގެ ޖަހަމުން ދިޔަ ބަޑީގެ އަޑު ހަނދާން ނައްތާލުމަށްޓަކައި މޮޑްރިޗް ބޭނުންކުރި އުކުޅަކީ އެއީއެވެ.
“ހަގުރާމަ ގާތްގަނޑަކަށް ފެށުމާއެކު ކަހަލަ ގޮތަކަށް އަހަރެމެންވީ ރެފިއުޖީންނަށް. އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް.” 2008 ވަނަ އަހަރު އިގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއަށް ސޮއިކުރުމަށްފަހު ދިން އިންޓަވިއުއެއްގައި އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ބުނެފައިވެއެވެ. “އޭރު އަހަރެންގެ އުމުރުންވީ ހަ އަހަރު. އެ ދުވަސްތައް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެކަމަކު އެއީ އެއްވެސް މީހަކު ހަނދާނުގައި ބަހައްޓަން ނުވަތަ ވިސްނަން ބޭނުންވާނެ ކަންކަމެއް ނޫން.” 33 އަހަރުގެ މޮޑްރިޗް ބުންޏެވެ.

މޮޑްރިޗް (ކ) އޭނާއާއެކު ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅޭ މިޑްފީލްޑަރ ކޮވެސިޗް (ވ) މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ތަށްޓާއެކު. —
“އަހަރެމެން ވަރަށް ހާލުގައި އެތައް އަހަރެއް ވަންދެން ރެފިއުޖީން ބައިތިއްބާ ހޮޓަލެއްގަ އުޅުނިން. އެކަމަކުވެސް ފުޓްބޯޅައަކީ އޭރުވެސް އަހަރެން ވަރަށް ލޯބިވާ ކުޅިވަރެއް. ހަގުރާމައިގެ ސަބަބުން އަސްލު އަހަރެން އިތުރަށް ވަރުގަދަވި. އެއީ އަހަރެންނާ އަހަރެންގެ އާއިލާއަށް ކުރިމަތިވި ވަރަށް އުނދަގޫ ދުވަސްތަކެއް. އެކަން ހަނދާންކުރާކަށް އަސްލު ބޭނުމެއް ނޫން. އެކަމަކު އެކަން ހަނދާނުން ފުހެލާކަށްވެސް ބޭނުމެއް ނޫން.” މޮޑްރިޗް އޭނާގެ ހަޔާތުގެ އެންމެ ބިރުވެރި ދުވަސްތަކުގެ ހަނދާންތައް އާކުރަމުން ބުނެފައިވެއެވެ.
ހަގުރާމައިގެ ސަބަބުން ދިރިހުރުމުގެ އުއްމީދު ފަނޑުވި މޮޑްރިޗްގެ ނަސީބު މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ހޯދި ބޮޑު ކާމިޔާބީއާ ހަމައަށް ގެންގޮސްދީފާނެކަމަކަށް ޔަގީނުންވެސް މޮޑްރިޗް އޭރު ހިއެއް ނުކުރާނެއެވެ. މިފަހަކަށް އައިސް ދުނިޔެ ދުށް އެންމެ މޮޅު ދެ ފުޓޡްބޯޅަ ކުޅުންތެރިންކަމަށްވާ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާއި، ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު ބެލޮން ޑިއޯ އެވޯޑް މޮޑްރިޗް ހާސިލް ކުރުންވީ ތާރީހީ ކާމިޔާބަކަށެވެ. މެސީއާއި ރޮނާލްޑޯ ފިޔަވައި އެހެން ކުޅުންތެރިޔަކަށް މި އެވޯޑް ނުލިބޭތާ ދިހަ އަހަރުވީއެވެ. ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކްރޮއޭޝިޔާގެ މިޑްފީލްޑަރަށް މި އެވޯޑް މާ ބޮޑަށްވެސް ހައްގެވެ. މޮޑްރިޗް ވަނީ މިއަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދިނުމުގައި ކެޕްޓަނެއްގެ ގޮތުގައި ހުރެ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި، ރެއަލް މެޑްރިޑް މިއަހަރުގެ ޗެމްޕިއަންސް ލީގް އުފުލާލިއިރު އެޓީމްގެ އެންމެ ވިދުންގަދަ ތަރިއަކީވެސް މޮޑްރިޗެވެ. މިހުރިހާ ސަބަބުތަކަކާ ހުރެ ބެލޮން ޑިއޯގެ ކާމިޔާބީ އޭނާއަށް މާބޮޑަށްވެސް ހާއްސަވިއެވެ.

މިއަހަރުގެ ފީފާ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މޮޑްރިޗް. —
“މި އެވޯޑް ލިބުމުން ކުރެވޭ އިހްސާސްތައް ބުނެދޭކަށްވެސް ފަސޭހައެއް ނޫން. މިއީ އަހަރެންނަށް ވަރަށް ހާއްސަ އެވޯޑެއް. މި އެވޯޑް އަހަރެންނަށް ހާސިލްވުމުން ދޭހަވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދަނޑުމަތީގައި އަހަރެންނަށް ކުރެވުމު މަސައްކަތް ވަރަށް ހާއްސަކަން” ބެލޮން ޑިއޯ އެވޯޑް ހަފްލާއަށް ފަހު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މޮޑްރިޗް ބުނެފައިވެއެވެ.
ބެލޮންޑިއޯ އެވޯޑްގެ އިތުރުން ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި، ޔޫއެފާއިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ވޯލްޑް ކަޕްގެ ރަން ބޯޅަވެސް މޮޑްރިޗް ވަނީ މިއަހަރު ހާސިލްކޮށްފައެވެ. ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރަށް 2018 ވަނަ އަހަރު ވީއިރު މީގެ ތޭވީސް އަހަރު ކުރިން މޮޑްރިޗް ކުރީ އެހާ ހިތްގައިމު ތަޖްރިބާއެއް ނޫނެވެ.
ހަގުރާމައިގެ ބިރުވެރިކަމާއި ހިތްދަތިކަމަށްވުރެ އޭރު މޮޑްރިޗްގެ ހިތް މަރާލި އަނެއްކަމަކީ އެންމެ ކުޑައިރޔު އޭނާއާ ފުރަތަމަ ބައްދަލުވި ބައެއް ކޯޗުން އޭނާ ބާކީކޮށްލުމެވެ. އެމީހުން އޭރު ގަބޫލުކުރި ގޮތުގައި މަތީ ފެންވަރުގެ ފުޓްބޯޅައަށް ދެވޭ ވަރުގެ ގާބިލްކަމެއް މޮޑްރިޗް ގެ ނެތެވެ. އުމުރުން ދިހަ އަހަރުގައި މޮޑްރިޗް ބައިވެރިވި ފުރަތަމަ ޓްރަޔަލްއިން ފެއިލްވުމާއެކު އޭނާ ދެކެމުންއައި ފުޓްބޯޅައިގެ ހުވަފެންތައް ސުނާމީއަކާއެކު ވިއްސިވިހާލިވި ފަދައެވެ.

ޔޫއެފާއިން ހޮވާ ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިއަހަރު ހާސިލްކުރީވެސް މޮޑްރިޗް. —
އޭގެ ފަހުން މޮޑްރިޗްގެ އުއްމީދުތަކުގެ ހުޅުކޮޅު އަލުން ދިއްލައިދިނީ ޒަޑާގެ ޔޫތް އެކަޑަމީގެ ކޯޗް ޓޮމިސްލާވް ބަސިޗެވެ. ބަސިޗްގެ މަސައްކަތުން މޮޑްރިޗަށް ފުރުސަތު ހޯދައިދިނީ ކްރޮއޭޝިޔާގެ ޑައިނަމޯ ޒަގްރަބްގެ ޓްރަޔަލް އަކުންނެވެ. އެ ފުރުސަތު ވެގެންދިޔައީ މޮޑްރިޗްގެ ހުނަރާއި މަތީ ފެންވަރުގެ ފުޓްބޯޅައިގައި އޭނައަށް ކުރިއަށް ދެވޭނެކަން ސާބިތުކޮށްދޭން ލިބުނު ރަނުގެ ފުރުސަތަކަށެވެ. މޮޑްރިޗް އެ ފުރުސަތުގެ ބޭނުން ހިފީ ފިސާރި ފުރިހަމައަށެވެ. ނަތީޖާއަޖަށްވީ ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކުގެ ލޯ އަމާޒުވާ ކުޅުންތެރިއަކަށްވެ 2008 ވަނަ އަހަރު ޓެޓެންހަމް އަށް ކުޅުމުގެ ފުރުސަތު ލިބުމެވެ. އޭގެ ފަހުން 2012 ވަނަ އަހަރު މޮޑްރިޗް ރެއަލް މެޑްރިޑަށް ބަދަލުވިއެވެ. އެއާއެކު ކުރިން ދުވަހަކުވެސް މޮޑޮރިޗްގެ ހިތަށް އަރާފައި ނުވާވަރުގެ މުއްސަނދިކަމަކާއި، އަގުބޮޑު ދިރިއުޅުމެއް އޭނާ ވަށާލި އެހިސާބުންނެވެ.
Advertisement


Emme fahu jumla hamaeh nujehey. Eyna washaali ey kiyaafa nimman jeheyny.