ސާނޭ އާއި މާރޭޒްގެ ގޯލުތަކުން ސިޓީ އެއްވަނާގައި ހަމަޖެހިލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ވޮޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެއްވަނާގައި ހަމަޖެހިލައިފި އެވެ.
މިމޮޅާއެކު ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ސިޓީއަށް ލިބޭއިރު، މިރޭ ލިވަރޕޫލް ރަށުންބޭރުގައި ބާންލީ އާދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ މިލީޑު ދެޕޮއިންޓަށް ކުޑަވެގެންދާނެއެވެ.
ސިޓީގެ ކޯޗް ގާޑިއޯލާ މިމެޗަށް ނެރުނު ފުރަތަމަ އެގާރައަށް ވަނީ ބޮޑެތި ބަދަލުތަވެއްވެސް ގެނެސްފައެވެ. ފޯވަޑް ސާޖިއޯ އަގުއެރޯ އިންޖަރީގައި ހުރިއިރު އެމީހުންގެ ޓޮޕް ސްކޯރާ ރަހީމް ސްޓާލިން އަށް ވަނީ ރެސްޓް ދީފައެވެ. އަދި ނިމިދިޔަ ހަފްތާ ބަންދުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތަށް ކުޅުނު ހަތަރު ކުޅުންތެރިންވެސް ވަނީ ބަދަލު ކޮށްފައެވެ. ވޮޓްފޯޑާ ދެކޮޅަށް ޓީމުގެ ޑިފެންސް ބެލެހެއްޓީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ޖޯން ސްޓޯންސްގެ އިތުރުން ކައިލް ވޯކާ އާއި ފަބިއަން ޑެލްފްއެވެ.
މިމެޗުހައި ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅަށް ކުޅުނު ޑޭވިޑް ސިލްވާ އާއި ރިޔާދް މާރޭޒް އަށް ވެސް ވަނީ މި ނިމުނު ހަފްތާ ބަންދުގައި ގާޑިއޯލާ ރެސްޓް ދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މާރޭޒް ނަގައިދިން ހުރަހަކުން ލީރޮއީ ސާނޭ މެއިން ޖައްސާލި ބޯޅަ ގޯލުގެތެރަށް ވައްދާލައިގެން ސިޓީއަށް ލީޑު ނަގައިދީފައި ވަނިކޮށް، އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓުގައި ގެބްރިއަލް ޖީސަސްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާރޭޒް އެވެ.
ވޮޓްފޯޑުގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިިޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ޑޮކޫރޭ އެވެ.
ސިޓީއަށް ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް މެޗުގައި ލިބުނު ނަމަވެސް ހުރަހަކަށްވީ ވޮޓްފޯޑުގެ ކީޕަރު ބެން ފޮސްޓާ އެވެ. ކީޕަރާ ދެކޮޅަށް ވަން-އޮން-ވަން ފުރުސަތެއްގައި މާރޭޒް އާއި ސާނޭއަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ހުއްޓުވިއިރު ދެވަނަ ހާފުގައިވެސް އޭނާވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.
މިނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 13 މެޗު ކާމިޔާބުކޮށް، ދެމެޗު އެއްވަރު ކޮށްފައެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅެވުނު އިތުރު މެޗުތަކަށް ބަލައިލާއިރު ބްރައިޓަން ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-1 އިން މޮޅުވެ، ތާވަލުގެ ދިހަވަނަ މަގާމަށް ޖެހިލައިފައެވެ. އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ލެސްޓާ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެ، ބޯންމައުތު ވަނީ ރަޔާން ފްރޭޒާ އާއި ކަޔުމް ވިލްސަންގެ ގޯލުތަކުން ހަޑަސްފީލްޑް ޓައުން ބަލިކޮށް، ވަގުތީގޮތުން ހަވަނައަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑުވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި 3-1 އިން ކާޑިފް ސިޓީ ބަލިކޮށްފައެވެ.
Advertisement
Leave a Reply