ސީބީއެލް މޮޅުވިއިރު އެލްޓީ ސްޕޯޓްސް މެޗަށް ހާޒިރެއް ނުވި!

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ސީބީއެލް ސްޕޯޓްސް، ތުޅާދޫ އެވެންޗާ ސްޕޯޓްސް ބަލިކުރިއިރު، އެލްޓީ ސްޕޯޓްސް މެޗަށް ހާޒިރެއް ނުވެއެވެ.
ގުރޫޕް 3 ގެ މެޗުގައި ސީބީއެލް އިން ތުޅާދޫ ބަލިކުރީ 7-4 އިންނެވެ. ސީބީއެލްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޒިހުނީ އާއި ނާފިއު ސައީދު އަދި އިސްމާއިލް މާޖިދުގެ އިތުރުން އަލީ ފަޒްލީން އާއި ނާޒިލް އަދި މުހައްމަދު އީމާނާއި ގައިސާން އަބޫބަކުރެވެ. ތުޅާދޫގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސަލްމާން ރަޝީދާއި އަހުމަދު މަހަތީރާއި މުހައްމަދު ނައުޝާދު އަދި އިބްރާހިމް އާދިލް އެވެ.
މި ނަތީޖާއާއެކު ސީބީއެލް އާއި ލެގޫންސް އަށް ހަ ޕޮއިންޓް ލިބޭއިރު ޓެންޓް ސްޕޯޓްސް އަށް ލިބެނީ ތިން ޕޮއިންޓެވެ. ކުޅުނު ތިން މެޗުންވެސް ބަލިވެ، ތުޅާދޫ އޭއެސް އަށް މުބާރާތް ނިމިފައި ވާއިރު މިގުރޫޕުގެ އެންމެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ލެގޫންސް އާއި ޓެންޓް ސްޕޯޓްސް އެވެ.
މާފަންނު ޓާފުގައި ކުޅެން ހަމަޖެހިފައި އޮތް ގުރޫޕް 2 ގެ ވިލިމާލެ ޔުނައިޓެޑާއި އެލްޓީ ސްޕޯޓްސް ކުލަބުގެ މެޗަށް އެލްޓީ ސްޕޯޓްސް ހާޒިރުވެފައެއް ނުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވިލިމާލެ ޔުނައިޓެޑަށް ވަނީ ފައިދާ ދެ ގޯލާއެކު ތިން ޕޮއިންޓް ލިބިފައެވެ.
މިއަދުގެ މެޗުގެ ކުރިންވެސް މިދެޓީމަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ. ގުރޫޕް 2 އިން ދެވަނަ ބުރަށް ދާ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ ހޮނިހިރު ދުވަހު ބުރު ސްޕޯޓްސް އާއި މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) ބައްދަލުކުރާ މެޗަށް ފަހުއެވެ. މި ދެޓީމަށް ވެސް ވަނީ ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދާފައެވެ.
ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މާދަމާވެސް ދެމެެޗެއް ކުޅެވޭނެއެވެ. މާފަންނު ޓާފުގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 4 ގެ ސްޕޯޓްސް ކުލަބް ހޮސްކޯވޯ އާއި ދަނޑު ގޯޅި ސްޕޯޓްސް ކުލަބެވެ. އަދި ގުރޫޕް 5 ގެ ސީލޭންޑް ސްޕޯޓްސް ކުލަބާއި ރިވަލްސާ ބައްދަލުކުރާ މެޗު އޮންނާނީ ހެންވޭރު ދަނޑުގައެވެ.
Advertisement


Leave a Reply