ކޮންފެރޭއިން ފެލްކަން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި!

Advertisement

ކޮންފެރޭއިން ފެލްކަން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި!

ފަހުމިނެޓް
ފެލްކަން އަދި ކޮންފެރޭގެ ކެޕްޓަނުން މެޗު އޮފިޝަލުންނާއެކު. - ފޮޓޯ: އެފްއޭއެމް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ފެލްކަން ސްޕޯޓްސް ކުލަބު ލަދުގަންނަވާލުމަށްފަހު ކޮންފެރޭއިން ދެވަނަބުރުގެ އުންމީދު ބޮޑު ކޮށްފިއެވެ. ކޮންފެރޭއިން މިމެޗު ކާމިޔާބު ކުރީ 17-0 ގެ ބޮޑު ތަފާތަކުންނެވެ.

މިއަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނުނު މިމެޗުގައި ޖުމްލަ ހަތަރު ހެޓްރިކް ފެނިގެން ގޮސްފައި ވެއެވެ. ގުރޫޕް 1 ގެ މިމެޗުގައި ކޮންފެރޭގެ އިބްރާހިމް ހުޝާމް ވަނީ ހަތް ލަނޑު ޖަހާފައެވެ. އަދި ނާޖިހް އިބްރާހިމް އާއި އިބްރާހިމް ހުސައިން ވެސް ހެޓްރިކް ފުރިހަމަ ކުރިއިރު އެޓީމުގެ ބާކީ ހަތަރު ލަނޑު ޖަހައިދިނީ އަބްދުﷲ ސާމިން އާއި ނިމާލް ޚާލިދުގެ އިތުރުން ޖަވާދު މުސްތަފާ އާއި އަލީ ނިހާދެވެ.

މި ގުރޫޕުގައި ބާކީ އެއް މެޗު އޮތްއިރު ބައްދަލުކުރާނީ އެމްއެސް ހެލްޕިން ހޭންޑާއި ރޭޖް ސްޕޯޓްސް ކުލަބެވެ. މިމެޗުން މޮޅުވެގެން ރޭޖް ސްޕޯޓްސް އަށް ޕޮއިންޓުގެ ގޮތުން ކޮންފެރޭއާ ހަމަހަމަ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ގޯލުގެ ތަފާތުން ކުރިހޯދާނަމަ ގިނަ ގޯލުތަކެއް ޖަހަން ޖެހެއެވެ.

ގުރޫޕް 7 ގެ ސެންޓް ސްޕޯޓްސް ކުލަބު ވެސް ވަނީ އިއްޔެ ކުޅެވުނު މެޗުން ކުލަބް އަމީގޯސް 3-1 އިން ބަލިކޮށްފައެވެ. މިމެޗުގައި ސެންޓް ސްޕޯޓްސްގެ ހުސައިން އަހްސަން ދެެ ލަނޑު ޖަހާދީފައި ވާއިރު ހަސަން ސައީދު ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. އަމީގޯސްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަކްމަލް މުހައްމަދެވެ.

ސެންޓް ސްޕޯޓްސްގެ މި މޮޅާއެކު އެޓީމު ވަނީ ގުރޫޕުގެ އެއްވަނާގައި ހަ ޕޮއިންޓާއެކު އޮތް ޔޫއެން ފްރެންޑްސްއާ ޕޮއިންޓުގެގޮތުން ހަމަހަމަ ކޮށްފައެވެ. ޑްރިބްލިން ސްޓާސް އާއި އަމީގޯސް އަށް ޕޮއިންޓެއް ނުލިބޭއިރު، ދެވަނަ ބުރުގެ ޖާގައަކަށް ގުރޫޕުގެ ފަހު މެޗުގައި ސެންޓް ސްޕޯޓްސް އާއި ޔޫއެން ފްރެންޑްސް ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހުއެވެ.

ގުރޫޕް 6 ގެ މުއިވެޔޮ ފްރެންޑްސް ވެސް ވަނީ އާދިއްތަ ދުވަހު ކުޅެވުނު މެޗުގައި 3-1 އިން ސީލޭންޑް ބަލިކޮށް ދެވަނަ ބުރުގެ ޖާގައަކާ ގާތް ކޮށްފައެވެ. ކުޅުނު ދެމެޗުންވެސް މޮޅުވެ، މުއިވެޔޮ ފްރެންޑްސް އަށް ހަ ޕޮއިންޓް ލިބޭއިރު ސީލޭންޑާއި ރިވަލްސާއަށް ލިބެނީ ތިން ޕޮއިންޓެވެ. ގުރޫޕް ސްޓޭޖް ފަހު މެޗުގައި މުއިވެޔޮ ފްރެންޑްސް، ގުރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ވިޔަންސާއާ އެއްވަރު ކޮށްލައިގެންވެސް ދެވަނަ ބުރުގެ ޖާގައެއް ޔަގީން ވާނެއެވެ.

މިމެޗުގައި މުއިވެޔޮ ފްރެންޑްސް އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސައިން އިބްރާހިމް ރަޝީދާއި އާމިރު ރަޝީދު އަދި އަބްދުﷲ ޝުޖާއު އެވެ. ސީލޭންޑުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން ނިޝާފް އެވެ.

އާދިއްތަ ދުވަހު ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް 6 ގެ ބެންޗް ސްޕޯޓްސް ވެސް ވަނީ 2-0 އިން އެލްކިއު ސްޕޯޓްސް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޔޫސުފް ޖައިޝަމް ނާފިޒް އާއި ޒަޔާން ނަސީރެވެ.

ބެންޗް ސްޕޯޓްސްގެ މިމޮޅާއެކު އެޓީމު ވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. މިގުރޫޕުގެ ދެވަނާގައި ހަތަރު ޕޮއިންޓާއެކު ސުޕަރ ޔުނައިޓެޑް އޮތްއިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިދެޓީމު ބައްދަލުކުރާނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރާށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *