ހޯސްޓްގެ ލަދުކުޑަ އަމަލުން މޮޑްރިޗްގެ ކާމިޔާބަށް ހިޔަނިއެޅިއްޖެ

Advertisement

ހޯސްޓްގެ ލަދުކުޑަ އަމަލުން މޮޑްރިޗްގެ ކާމިޔާބަށް ހިޔަނިއެޅިއްޖެ

އަބްދުﷲ ޝަހީމް

ފްރާންސްގެ ވެރިރަށް ޕެރިސްގައި ރޭ ކުރިއަށްދިޔަ ބެލޮންޑިއޯ އެވޯޑް ހަފްލާގެ އެއް ހޯސްޓް މާޓިން ސޮލްވެއިގް އެ އެވޯޑް ހާސިލްކުރި އަންހެން ކުޅުންތެރިޔާ ނޯވޭގެ އެޑަ ހެގަބާގް ގާތު ޖިންސީ އަމަލަށް ހިތްވަރުދޭ ގޮތަށް ނަށާލަން ބުނުމުން މުޅި ހަފްލާއަށް ހިޔަނިއެޅިއެއްޖެއެވެ.

ފްރާންސްގެ ގައުމީ ޓީމްގެ ކުރީގެ ތަރި ޑޭވިޑް ޖިނޯލާއާއެކު ހަފްލާ ހުށަހަޅައިދިނުމުގައި ބައިވެރިވި އެ ގައުމުގެ މަޝްހޫރު ޑީޖޭ އެއް ކަމަށްވާ މާޓިންގެ ފަރާތުން ފެނުނު މިއަމަލާއެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ބެލޮން ޑިއޯ އެވޯޑާއި ހެގަބާގް ހަވާލުވުމަށްފަހު ސްޓޭޖުން ފޭބުމުގެ ކުރިން މާޓިން އޭނާގާތު ނަށާލެވިދާނެތޯ އެހުމުން ވަގުތުން ހެގަބާގް ވަނީ ނޫނެކޭ ބުނެފައެވެ. އެވަގުތު އޭނާގެ މޫނުމަތިން ލަދުގެންފައިހުރިކަމުގެ އަސަރު ފާޅުވިއެވެ. އެޑާ ނޫނެކޭ ބުނުމާއެކު މާޓިން ޖަހާލީ ބާރު ހިނިގަނޑެކެވެ. އެއާއެކު ކެމެރާ ކުއްލިއަކަށް އަމާޒުވީ އިސްޖަހާލައިގެން އިން ފްރާންސާއި ޕީއެސްޖީގެ ޒުވާން ތަރި ކިލިއެން އެމްބާޕޭ އަށެވެ. އެޑާ އަވަސް އަވަހަށް ހިގާފައިގޮސް ސްޓޭޖުން ފޭބީއެވެ.
ބެލޮން ޑިއޯ އެވޯޑް ހަފްލާގައި ރޭ އެ ހާދިސާ ހިނގިތާ ހިނދުކޮޅެއްގެ ތެރޭގައި މާޓިން، ހެގަބާގް ގާތު ނަށާލަން ބުނި މަންޒަރު ދައްކުވައިދޭ ކުރު ވީޑިޔޯކްލިޕެއް މުޅި ސޯޝަލް މީޑިޔާގައި ވައިރަލްވާން ފެށިއެވެ. އެއާއެކު ވަރަށް ގިނަ ބައެއްގެ ފަރާތުން މާޓިން އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ ހަފްލާގެ ފަހުން މައާފަށް އެދިފައެވެ.

Advertisement

“އަހަރެން އެޑާއަށް އޮޅުންފިލުވައިދިނިން އެކަންތައް އަސްލު ވީގޮތް. އޭނަ ބުނި އެއީ އަހަރެން ސަމާސާއަކަށް ކުރިކަމެއްކަން އޭނައަށް ގަބޫލުކުރެވޭކަމަށް. އެހެން އެކަން އޮތަސް އަހަރެންގެ އެ އަމަލުގެ ސަބަބުން ނިކަމެތިކަމެއް ލިބުނު އެންމެންގެ ކިބައިން އަހަރެން މައާފަށް އެދެން.” މާޓިން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ބުނެފައިވެއެވެ.

“އަހަރެން ފާހަގަކޮށްލަން ބޭނުންވާ އެއް ކަމަކީ އަހަރެން ޖިންސީ ކަންކަމަށް ހިތްވަރުލިބޭގޮތަށް ނަށާކަށް އަންހެނުންނަކަށް ދައުވަތެއް ނުދެން. އެކަމަކު ސިނަޓްރާ ލަވަޔަށް ނަށާލަން ބުނަން. މީގެ ވިހި އަހަރު ކުރިއްސުރެ ފެށިގެން އަހަރެން ފޮލޯކުރަމުންއައި މީހަކަށް ވިއްޔާ އެނގޭނެ އަހަރެންނަކީ މީހުންނަށް ކިހާ އިހްތިރާމްކުރާ މީހެއްކަން. ވަކިން ހާއްސަކޮށް އަންހެނުންނަށް.” މާޓިންގެ އަމަލު ދިފާއުކުރަމުން ޓްވިޓާގައި އޭނާ ބުނެފައިވެއެވެ.
ހެގަބާގްވެސް ވަނީ މާޓިން އޭނާ ގާތު ރޭ ހިނގާދިޔަ ކަންތަކާ ގުޅޭގޮތުން ވާހަކަ ދެއްކިކަމަށް ޓްވިޓާގައި ބުނެފައެވެ. “ފަހުން އޭނަ އަހަރެންގެ ގާތަށް އައިސް ކަން ހިގައިދިޔަ ގޮތާމެދު ވަރަށް ދެރަވާ ކަމަށް ބުނި. އަހަރެން އެއްވެސް ހާލެއްގަ އެއީ ޖިންސީ ފުރައްސާރައެއް ކަމަކަށް ނުދެކެން. ” ހެގަބާގް ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ބެލޮން ޑިއޯ އެވޯޑް އަންހެން ކުޅުންތެރިއަކަށް ދިން މިއީ ފުރަތަމަ ފަހަރެވެ. ފްރާންސްގެ ލިޔޯންއަށް ކުޅެމުން އަންނަ 23 އަހަރުގެ ހެގަބާގްއަށް މި އެވޯޑް ލިބުނުއިރު އޭނާ ވަނީ ފްރާންސް ލީގްގައި މިދިޔަ ސީޒަންގައި 31 ގޯލް ޖަހައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ. އެންމެ ފަހުން ބޭޢްވި ޗެމްޕިއަންސް ލީގް ގެ ތަށި ލިޔޯން އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއްވެސް އަދާކުރި ހެގަބާގް ވަނީ އެ މުބާރާތުގައި 15 ގޯޅް ޖަހައިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *