ބެލޮންޑިއޯ އެވޯޑް މޮޑްރިޗަށް
ފްރާންސް ފުޓްބޯލް މަޖައްލާއިން ހޮވާ ބެލޮންޑިއޯ އެވޯޑް ކްރޮއޭޝިއާ އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗް ހޯދައިފިއެވެ. މޮޑްރިޗް މި އެވޯޑު ހޯދީ ދެވަނަ މަގާމް ލިބުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ތިން ވަނަ ލިބުނު އެންޓޮއިން ގްރިޒްމަންއާ ވާދަކޮށެވެ. މިއީ ވޭތުވެދިޔަ ދިހަ އަހަރުތެރޭ ލިއޮނެލް މެސީ އާއި ރޮނާލްޑޯ ޑޮމިނޭޓް ކުރަމުން އަދި މަގާމް މިދެކުޅުންތެރިން ނޫން ކުޅުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ. ބެލޮންޑިއޯ އެވޯޑާއެކު މޮޑްރިޗް ވެފައިވަނީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފުޓްބޯޅައިގެ ތާރީހުގައި ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިދިޔަ ދިހަ އަހަރުތެރޭ ފަސް ފަހަރު މި އެވޯޑް ހޯދައިފައިވާ މެސީއަށް މިފަހަރު ލިބުނީ ފަސްވަނަ އެވެ. ހަތަރު ވަނަ ލިބުނީ ކިލިއަން އެމްބާޕޭ އަށެވެ.
ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރުން ފެށިގެން ހޮވަމުން އައީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. މި އެވޯޑާއި 2009 ވަނަ އަހަރު ފީފާއިން ގުޅުމަށްފަހު “ފީފާ ބެލޮންޑިއޯ އެވޯޑް” ތައާރަފްކުރި އެވެ. އޭގެ ކުރިން 1991 ވަނަ އަހަރުން ފެށިގެން ފީފާއިން އައީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވަމުންނެވެ.
ފީފާ ބެލޮންޑިއޯ ނަމުގައި އެންމެ މޮޅު ކުޅުންތެރިޔާ ހޮވީ 2009 އިން 2015 ވަނަ އަހަރާ ހަމައަށެވެ. 2016 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑާއި ފީފާއިން ވަކިވެ “ފީފާ ބެސްޓް” ގެ ނަމުގައި އެވޯޑެއް ތައާރަފްކުރިއެވެ. މި ބަދަލާއެކު “ފީފާ ބެސްޓް” އެވޯޑާއި “ބެލޮންޑިއޯ” އެވޯޑް މިހާރުދެނީ ވަކިންނެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޮޑްރިޗް ވަނީ މިއަހަރު ނިމުނު ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި މިދިޔަ ސިޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނުމުގައި ވެސް މޮޑްރިޗް މުހިއްމު ދައުރެއް އަދާކުރިއެވެ. ފައިނަލުގައި 4-2 އިން ފްރާންސް އަތުން ބަލިވި ނަމަވެސް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މޮޑްރިޗަށެވެ. އޭގެފަހުން މޮޑްރިޗަށް ވަނީ ޔޫއެފާ އާއި ފީފާ ބެސްޓް އެވޯޑުވެސް ލިބިފައެވެ. މީގެ އިތުރުން މިއަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމްވެސް ލިބުނީ މޮޑްރިޗަށެވެ. ފީފާ އެވޯޑުގައި މޮޑްރިޗާއެކު ގަދަ ތިނެއްގައި ހިމެނުނީ ދެ ވަނަ ހޯދި ރޮނާލްޑޯ އާއި ލިވަޕޫލުގެ މުހައްމަދު ސަލާހެވެ.
މިފަހަރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އަލަން ދޭންފެށި ކޮޕާ ޓްރޮފީ ލިބުނީ ފްރާންސާއި ޕީއެސްޖީގެ ތަރި އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭއަށެވެ. އެމްބާޕޭ ވަނީ ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ހަތަރު ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދައިފައެވެ. މިއަހަރު ކްލަބާއި ގައުމަށް ކުޅުނު 56 މެޗުގައި އެމްބާޕޭ ވަނީ 32 ގޯލު ޖަހައި 13 ގޯލު ޖަހަން މަގުފަހިކޮށްދީފައެވެ. އެމްބާޕޭ އާއެކު މި މަގާމަށް ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އާއި ރޮމާގެ ޖަސްޓިން ކްލައިވެޓްގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިކް ހިމެނެއެވެ.
މިފަހަރު އަލަށް ދޭންފެށި އަންހެން ބެލޮންޑިއޯ އެވޯޑް ލިބުނީ ނޯވޭގެ އަޑާ ހެގަބާގް އަށެވެ. އުމުރުން 23 އަހަރުގެ ހެގަބާގް އަކީ ފްރާންސްގެ ލިޔޯން އަންހެން ޓީމުގެ ފޯވާޑެވެ. 2014 ވަނަ އަހަރުން ފެށިގެން އެޓީމަށް ކުޅެމުން އަންނަ ހެގަބާގް ވަނީ މިދިޔަ ސިޒަނުގައި ކުޅުނު 25 މެޗުން 42 ގޯލު ޖަހައިފައެވެ. ހެގަބާގް ވަނީ 2016 ވަނަ އަހަރު ޔޫއެފާއިން ހޮވި ޔޫރަޕްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑާއި 2017 ވަނަ އަހަރު ބީބީސީން ހޮވި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.
ބެލޮންޑިއޯ ގަދަ 10
- ލޫކާ މޮޑްރިޗް
- ކްރިސްޓިއާނޯ ރޮނާލްޑޯ
- އެންޓޮއިން ގްރިޒްމަން
- ކިލިއަން އެމްބާޕޭ
- ލިއޮނެލް މެސީ
- މުހައްމަދު ސަލާހް
- ރަފޭލް ވަރާން
- އެޑެން ހަޒާޑް
- ކެވިން ޑެބްރޫން
- ހެރީ ކޭން
Advertisement
Leave a Reply