ސެމީގައި އިންގްލެންޑާއި ނެދަލެންޑްސްގެ ކުރިމަތިލުމެއް
ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި އިންގްލެންޑާއި ނެދަލެންޑްސް ވާދަކުރަން ޖެހިއްޖެއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފައިނަލް ބުރުގެ މެޗުތައްކުޅޭ ޕޯޗުގަލް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ގުރުލުން ކުރިއަށް ގެންދިޔައީ އިއްޔެ ރިޕަބްލިކް އޮފް އަޔަލެންޑްގެ ޑަބްލިން ގައެވެ.
މި ހަތަރު ޓީމު ފައިނަލް ބުރަށް ހޮވުނީ ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގެރީގައި ހިމެނުނު ގްރޫޕުތަކުން އެއްވަނަ ހޯދައިގެންނެވެ. އިންގްލެންޑް ފައިނަލަށް ބުރަށް ހޮވުނީ ސްޕެއިން އާއި ކްރޮއޭޝިޔާ ހިމެނުނު ގްރޫޕުން އެއްވަނަ ހޯދައިގެންނެވެ. ނެދަލެންޑްސް ފައިނަލް ބުރުން ޖާގަ ހޯދީ ގްރޫޕުގެ ފަހު މެޗުގައި 2-2 އިން ޖަރުމަނާ އެއްވަރުކޮށް ދުނިޔޭގެ ޗެމްޕިއަންސް ފްރާންސް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ޕޯޗުގަލް ހިމެނު ގްރޫޕުން އެޓީމަށް ކުރި ލިބުނީ އިޓަލީ އަދި ޕޮލެންޑާ ވާދަކޮށެވެ. ސްވިޒަލެންޑް ފައިނަލް ބުރަށް ކޮލިފައިވީ އަމިއްލަ ދަނޑުގައި 5-2 އިން ވަރުގަދަ ބެލްޖިއަމް ބަލިކުރުމަށްފަހު ހެޑް ޓު ހެޑްގެ ރެކޯޑުން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
“ސެމީ ފައިނަލުގެ ދެވަނަ މެޗަކީ ޝައުގުވެރި މެޗަކަށްވާނެ. އަހަރެމެން ކުޅެން މިޖެހޭ ހޮލެންޑް އޮތީ އިންގްލެންޑް އޮތް ކަހަލަ ހާލަތެއްގަ. އެޓީމު އަންނަނީ ކުރިއަރަމުން އަދި ހުނަރުވެރި ޒުވާން ކުޅުންތެރިން ދެޓީމުގައިވެސް އެބަތިބި. އަނެއްކާ އެޓީމަށް ރޮނާލްޑް (ނެދަލެންޑްސް ގެ ކޯޗު) ގެންނަ ކުރިއެރުން އެބަފެނޭ” ސެމީ ފައިނަލުގައި ނެދަލެންޑްސްއާ ވާދަކުރަން ޖެހުމުން އިންގްލެންޑްގެ ކޯޗު ގަރެތް ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑާއި ނެދަލެންޑްސް ސެމީ ފައިނަލުގައި ކުޅޭ މެޗު ވެގެންދާނީ 1996 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު މި ދެޓީމުގެ ވާދަވެރި ފުރަތަމަ ކުރިމަތިލުމަށެވެ. 1996 ވަނަ އަހަރުގެ ޔޫރޯގައި 4-1 އިން އިންގްލެންޑް މޮޅުވިއިރު އެޓީމުގެ މިހާރުގެ ކޯޗު ސައުތުގޭޓް އޭރު ހުރީ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 6.7 މިލިއަން ޕައުންޑްގެ އިނާމެއް ލިބޭއިރު ހަތަރު ވަނަ ހޯދާ ޓީމަށް ހަތަރު މިލިއަން ޕައުންޑް ލިބޭނެއެވެ. ޔޫރޯ ކޮލިފައިންއާ ގުޅުވައިގެން ކުރިއަށްގެންދާ ނޭޝަންސް ލީގު ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ޔޫރަޕްގެ 55 ގައުމަކުން ގްރޫޕް ސްޓޭޖުގައި ވާދަކުރީ ހަތަރު ކެޓަގެރީއަކަށް ބަހާލައިގެންނެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ ސެމީގައި އަންނަ އަހަރުގެ ޖޫން ފަސްވަނަ ދުވަހު ޕޯޗުގަލާއި ސްވިޒަލެންޑް ވާދަކުރާއިރު ޖެހިގެން އަންނަ ދުވަހު އިންގްލެންޑާއި ނެދަލެންޑްސް ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. މި ހަތަރު މެޗުވެސް ކުޅޭނީ ޕޯޗުގަލްގައެވެ.
Advertisement
Leave a Reply