ލިވަޕޫލާ އާސެނަލުން ވާދަވެރިން ބަލިކުރިއިރު ޗެލްސީ އަށް މުހިއްމު މޮޅެއް

Advertisement

ލިވަޕޫލާ އާސެނަލުން ވާދަވެރިން ބަލިކުރިއިރު ޗެލްސީ އަށް މުހިއްމު މޮޅެއް

ޢަލީ ޝަހީމް
އޮރީގީ ފަހު ސިކުންތުގައި ޖެހި ލަނޑަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު ޑާބީ މެޗުތަކުން ލިވަޕޫލާ އާސެނަލް އަދި ޗެލްސީ މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ވާދަކުރި މެޗުން ލިވަޕޫލް މޮޅުވީ މެޗުގެ ފަހު ސިކުންތުގައި ޖެހި ގޯލުންނެވެ. އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ ފުލަމްއާ ވާދަކޮށް 2-0 އިންނެވެ. އަދި، އާސެނަލް ވަނީ ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް 4-2 އިން ބަލިކޮށްފައެވެ.

ލީގު މިހަފްތާގެ މެޗުތައް ނިމުނުއިރު 14 މެޗުން ލިބުނު 38 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީ އެވެ. ދެ ޕޮއިންޓް ފަހަތުން ލިވަޕޫލް ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ. ރޭގެ މޮޅާއެކު އާސެނަލް ވަނީ ޓޮޓެންހަމާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ފައިދާ ގޯލުގެ ގޮތުން ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފައެވެ. މި ދެޓީމަށްވެސް 30 ޕޮއިންޓް ލިބިފައިވާއިރު އާސެނަލް ހަތަރު ވަނައިގައި އޮތީ ފައިދާ ހަތަރު ގޯލުން ކުރި ލިބިގެންނެވެ. ރޭ ލިވަޕޫލް އަތުން ބަލިވި އެވަޓަން އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

Advertisement

ލިވަޕޫލާ އެވަޓަންގެ ވާދަވެރި 232 ވަނަ ކުރިމަތިލުމުގައި ދެޓީމު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ހަ ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އެވެ. އޮރީގީ މި ލަނޑު ޖެހީ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ހިފަން އުޅުނު ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ވެއްޓުނު ވަގުތު ލިބުމުން ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ރޭގެ ބައްޔާއެކު އެންމެފަހުން ކުޅުނު 18 މެޗުންވެސް އެވަޓަންއަށް ލިވަޕޫލް ބަލިކުރެވިފައެއް ނުވެއެވެ.

އޮރީގީގެ ލަނޑާއެކު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ އުފާފާޅު ކުރަމުންގޮސް ދަނޑަށް އަރައިފައެވެ. މެޗަށްފަހު ކްލޮޕް ބުނީ އޭނާއަށް ކުރެވުނީ ރަނގަޅު ކަމެއް ނޫންކަމަށާއި، އެކަން ކުރެވުމުން މެޗަށްފަހު މައާފަށް އެދުނުކަމަށެވެ.

“އެންމެ ފުރަތަމަ ކަމަކަށް އަހަރެން ޖެހޭނެ މާފަށް އެދެން ދަނޑަށް އެރުނީމަ. މެޗަށްފަހު ވަގުތުން އަހަރެން މާކޯ ސިލްވާ (އެވަޓަންގެ ކޯޗު) ގެ ކިބައިން މާފަށް އެދުނިން. އަހަރެން ބޭނުންނޫން އެޓީމަށް އިހުތިރާމް ކުޑަކުރާކަށް” މެޗަށްފަހު ކްލޮޕް ބުންޏެވެ.

ރޭ ލަންޑަނަށް ނިސްބަތްވާ އާސެނަލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުން އާސެނަލް މޮޅުވީ ފަހަތުން އަރައި ޖެހި ތިން ގޯލުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އެޓީމުގެ ޕިއޭ އެމެރިކް އޮބާމަޔަން ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އާސެނަލްގެ ލަނޑަށްފަހު ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެގޯލު ޖަހައި 2-1 އަށް ނަތީޖާ ބަދަލުކޮށްލައިފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ކްރިސްޓިއަން އެރިކްސަން ނަގައިދިން ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ އެރިކް ޑަޔާއެވެ. އޭގެ އިރުކޮޅެއްފަހުން ޓޮޓެންހަމަށް މެޗުގައި ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ.

ދެވަނަ ހާފު ފެށިގެން ކުޅުން ރަނގަޅުކޮށް އާސެނަލުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްލައިފައެވެ. އެޓީމުގެ ދެ ވަނަ ލަނޑުވެސް ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން އޮބާމަޔަން އެވެ. ރޭ ޖެހި ދެގޯލާއެކު 10 ގޯލު ހަމަކޮށް އޮބާމަޔަން ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައަށް ޖެހިލައިފައެވެ. އާސެނަލްގެ ފަހު ދެ ގޯލު ޖެހީ ފަހު 15 މިނެޓުގައެވެ. ތިންވަނަ ގޯލު 75 ވަނަ މިނެޓުގައި އަލެކްޒެންޑާ ލަކަޒެޓް ޖެހިއިރު ފަހު ލަނޑު އޭގެ ތިން މިނެޓު ފަހުން ޖެހީ މި ސީޒަނުގައި އެޓީމާ ގުޅުމަށްފަހު މޮޅު ކުޅުމެއްދައްކަމުންދާ އުރުގުއޭގެ ލޫކަސް ޓޮރެއިރާ އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑިފެންޑަރ ވާޓޮގެންއަށް ރަތްކާޑު ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކުއެވެ.

ލީގުގައި އެންމެފަހުން ކުޅުނު ދެމެޗުންވެސް މޮޅެއް ލިބިފައިނުވާ ޗެލްސީން ރޭ އަމިއްލަ ދަނޑުގައި 2-0 އިން ފުލަމް ބަލިކުރިއިރު އެޓީމުގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި އެންގޮލޯ ކާންޓޭ ދިން ޕާހަކުން ޖެހީ ޕެޑްރޯ ރޮޑްރިގޭޒް އެވެ. އެޓީމުގެ ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރުބެން ލޮފްޓަސް ޗީކް އެވެ. މިއީ އަނިޔާއަށްފަހު މި މެޗުގައި ކުޅުނު އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ގޯލެކެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ޓޮޓެންހަމް އަތުން ބަލިވިއިރު އަމިއްލަ ދަނޑުގައި އެވަޓަންއާ ވާދަކޮށް ޗެލްސީ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *